ފިނޭންސް އިމާރާތުގެ އެއްބަސްވުން ބާތިލްނުކޮށް ކުރިއަށް ގެންދަން މަޝްވަރާކުރަނީ

25 ބުރީގެ އޮފީސް އިމާރާތް ހުންނާނެ ގޮތުގެ މޮޑެލެއް. ސަން ފޮޓޯ: ފަޔާޒް މޫސާ

މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ފަށާފައިވާ ފިނޭންސްގެ 25 ބުރީގެ އިމާރާތުގެ ކޮންޓްރެކްޓް ބާތިލްކޮށްފި ނަމަ، ދައުލަތަށް ގެއްލުންވާނެތީ އިމާރާތުގެ ސްކޯޕަށް ބައެއް ބަދަލުތައް ގެނެސް އެ މަޝްރޫއު ފެށޭތޯ މަސައްކަތް ކުރަމުން އަންނަކަން އެޗްޑީސީއިން މިއަދު ހާމަކޮށްފި އެވެ.

އެ އިމާރާތުގެ މަސައްކަތް ހުއްޓާލިއިރު، ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއިން ކުރި މަސައްކަތްތަކަށް 22.8 މިލިއަން ޑޮލަރު ދެއްކުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައްޗަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) ވަނީ މިހާރުވެސް އަމުރެއްނެރެފަ އެވެ.

އާބިޓްރޭޝަނުން ނިންމި ނިންމުމާ ގުޅޭގޮތުން އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މާޗުމަހުގެ އެއްވަނަ ދުވަހު ކަމަށާއި ފިނޭންސް މިނިސްޓްރީ އާއި ޑަބްލިއުޒެޑްއާރު އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، މަޝްރޫއުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 122.7 މިލިއަން ޑޮލަރު ކަމަށެވެ.

މާލޭގައި ކުރިއަށް ގެންދަން ނިންމި މި މަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރުމަށް ކުރީގެ ސަރުކާރުން ނިންމުމާ ގުޅިގެން، ނޮވޭޝަން އެއްބަސްވުމުގެ ދަށުން ފިނޭންސް މިނިސްޓްރީގެ މައްޗަށްވާ ހުރިހާ އިލްތިޒާމުތައް 2017 މާޗު މަހުގެ ހަތްވަނަ ދުވަހު އެޗްޑީސީގެ މައްޗަށް ބަދަލުކޮށްފައިވާކަމަށް އެޗްޑީސީ އިން ބުންޏެވެ.

މި އެއްބަސްވުމުގައި ސޮއިކުރި އިރު، މަޝްރޫއު ކުރިއަށްގެންދަން ބޭނުންވާ ފައިސާ އެޗްޑީސީ އަށް ހަމަޖެހިފައި ނުވާ ކަމަށާއި މަޝްރޫއު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމާ ގުޅިގެން މަޝްރޫއުގެ އަގު 155 މިލިއަން ޑޮލަރަށް ބޮޑުވެފައިވާ ކަމަށެވެ.

އެ މަޝްރޫއު އޭރު ކުރިއަށްގެންދަން ޖެހުނީ އެ ކުންފުނީގެ ބިޒްނަސް ޕްލޭނުގެ ބޭރުން ކަމަށާއި 155 މިލިއަން ޑޮލަރަށް މަޝްރޫއުގެ އަގު ބޮޑުވުމަކީ ކުންފުނީގެ ބެލެންސް ޝީޓަށް އިތުރުވާނެ ބިޔަ ލޯނަކަށްވެފައި، ފީޒިބިލިޓީ އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މި އެއްބަސްވުން ނޮވޭޓު ކުރުމަށްފަހު، ކޮންޓްރެކްޓަރު ކޮށްފައިވާ މަސައްކަތަކަށް 30 މިލިއަން ޑޮލަރުގެ ބިލެއް އެޗްޑީސީ އަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ބިލުގައިވާ އަގަކީ ކޮށްފައިވާ މަސައްކަތާ ނުބައްދަލު އަގެއްކަމަށްވާތީ ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްފަހު، އަގު ކުޑަކޮށްފައިވާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

"އިސްވެ ދެންނެވުނު ބިލަށް ފައިސާ ހޯދުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން އެޖޫޑީސީއަށްނަށް 25 މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅާފައި ވީނަމަވެސް، މައްސަލަ އެޖޫޑިކޭޓަރުގެ ފަރާތުން ދިރާސާކުރުމަށްފަހު، ކޮންޓްރެކްޓަރު ކޮށްފައިވާ މަސައްކަތަކަށް ޖެހޭ އަގެއްގެ ގޮތުގައި 22.8 މިލިއަން ޑޮލަރު ކަމަށް ވަނީ ނިންމައިފައެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން، 2020 ޖުލައި ފަސްވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ފައިސާ ދެއްކުމަށް އެޖުޑިކޭޓަރު ނިންމާފައިވަނީ ކޮންޓްރެކްޓާކުރި މަސައްކަތްތަކަށް ކަމަށް އެޗްޑީސީ އިން ބުންޏެވެ.

"އަދި އެފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް މި ކޯޕަރޭޝަނަށް ނުފެންނާތިއްޔާއި އިއާދަ ނުކުރެވޭނެފަދަ ބޮޑު ގެއްލުމަށް މި ކޯޕަރޭޝަން ސަލާމަތްކޮށް މި މަޝްރޫއުކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މި ކޯޕަރޭޝަނުން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަޝްރޫއު ދެކޮޅު ޖެހޭނެ ފަދަ ގޮތަކަށް ސްކޯޕަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން ސަރުކާރާއި މި ކޯޕަރޭޝަނަށް ގެއްލުން ނުވާނެ ފަދަ އެކަށީގެންވާ ފައިނޭންޝަލް ޓާމްސްއާއެކު މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރުމަށް ކޮންޓްރެކްޓަރާއެކު މަސައްކަތް ކުރަމުންދާކަމުގައިވެސް ދަންނަވަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޖުޑިކޭޓަރުގެ ނިންމެވުމާ ގުޅިގެން އެޗްޑީސީ އިން މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް