އޭސީސީގެ މެންބަރު އަޝްރަފުގެ ސުލޫކީ މައްސަލައެއް ބަލަން ހުށަހަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު އަލީ އަޝްރަފު އެ ކޮމިޝަނުގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށާއި ރައްޔިތުންގެ މަޖިލީލިހުގެ ސަމާލުކަމަށް ގެނެސް އާންމު ފަރާތަކުން ފޮނުވި ސިޓީގައި ބުނެފައިވަނީ އޭސީސީގެ މެންބަރުންނަކީ ކޮމިޝަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެންނުވާނެ ކަމަށް މެންބަރުންގެ ޝަތުރުތަކުގެ ތެރޭގައި ހިމެނޭޭ ކަމަށެވެ.

އެންޓި ކޮރަޕްޝަނުގެ ގާނޫނުގައި ބުނާގޮތުން ކޮމިޝަނުގެ މެންބަރަކު، ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެގެން ނުވާނެ ކަމަށް ބަޔާންކުރާ ކަމަށާއި އާމްދަނީ ހޯދުމުގެ މަސައްކަތެއްގައި އުޅެގެން ނުވާނެ ކަމަށާއި މެންބަރުންނަކީ އަމިއްލަ ފަރާތެއްގެ ވަޒީފާ އަދާކުރާ މީހަކަށް ވެގެން ނުވާނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

އެހެން ނަމަވެސް، އޭސީސީގެ މެންބަރު އަޝްރަފް މި ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސިޓީގައިވެ އެވެ. އެގޮތުން ބިލްޑް ކްރާފް ޕްރައިވެޓް ލިމިޓެޑް ގައި އަޝްރަފްގެ 50 ޕަސެންޓް ހިއްސާ، އެމްއެމްއެސް ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގައި އަޝްރަފްގެ 10 ޕަސެންޓް ހިއްސާ އަދި ފޯކަސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގައި އޭނާގެ 33 ޕަސެންޓް ހިއްސާ އޮންނަ ކަމަށާއި އޭނާ އަކީ އެމްއެމްއެސް ހޯލްޑިންގްސްގެ ޑިރެކްޓަރެއްގެ އިތުރުން ބިލްޑް ކްރާފްޓުގެ މެނޭޖިން ޑިރެކްޓަރު ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑުތަކުން ވެސް ދައްކާ ގޮތުގައި އަޝްރަފް އަކީ އަދިވެސް އެމްއެމްއެސް ހޯލްޑިންގްސްގެ ޑިރެކްޓަރެއްގެ އިތުރުން ބިލްޑް ކްރާފްޓުގެ މެނޭޖިން ޑިރެކްޓަރެވެ. އަދި އެމްއެމްއެސް ހޯލްޑިން އާއި ފޯކަސް އެޑިއުކޭޝަންގައި ވެސް އަޝްރަފްގެ ހިއްސާ އޮވެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ މާއްދާ (މެންބަރުންގެ ސުލޫކީ މިންގަނޑުތައް) ގައި ބުނެފައިވާގޮތުން ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް މެންބަރުން އަދާކޮށްގެން ނުވާނެ އެވެ.

އަޝްރަފް، މެންބަރުކަމަށް ކުރިމަތިލެއްވި އިރު، އޭނާ ހާމަކުރައްވާފައިވާ މާލީ ބަޔާނުގައިވާ ގޮތުގައި ވެސް އަޝްރަފްގެ ހިއްސާ އެ ކުންފުނިތަކުގައި އޮވެ އެވެ. އާންމު ފަރާތުގެ ސިޓީގައި ބުނެފައި ވަނީ މެންބަރުކަމަށް އައްޔަނު ކުރާ ހިސާބުން އޭސީސީގެ ގާނޫނުގައި ބުނާ ކޮމިޝަންގެ މެންބަރެއްގެ ސުލޫކު ބެހެއްޓުމަކީ މެންބަރުންގެ ޒިންމާއަކަށް ވާންޖެހޭނެ ކަމަށެވެ.

އާމްދަނީއެއް ލިބޭފަދަ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް އޭސީސީގެެ ގާނޫނުގެ 17 ވަނަ މާއްދާގައި ބުނާއިރު، އަޝްރަފު މެންބަރުކަމަށް އައްޔަނު ކުރެވޭ ހިސާބުން އަޝްރަފުގެ ހިއްސާތައް އެހެން ފަރާތަކަށް ބަދަލުކުރަންޖެހޭނެ ކަމަށާއި، ނަމަވެސް އިކޮނޮމިކް މިނިސްޓްރީ އިން ލިބެން ހުރި މައުލޫމާތަށް ބަލާއިރު މި ކުންފުނިތަކުގައި އަޝްރަފުގެ ހިއްސާ އަދިވެސް އެބައޮތް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު ބިލްޑް ކްރާފްޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އަދިވެސް އިނީ އަޝްރަފްގެ ނަމެވެ.

މީގެ އިތުރުން މެންބަރުކަމުގެ މަގާމުގައި ހުރެ އަޝްރަފު، އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކުގެެ އޮފީސްތަކަށް ދާކަމުގެ މައުލޫމާތުވެސް ލިބޭ ކަމަށާއި މެންބަރުކަމުގެ ހުވާކުރެއްވިތާ 10 މަސް ވެފައިވާއިރުވެސް ކުންފުނިތަކުގައި އޮތް އޭނާގެެ ހިއްސާތައް ބަދަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީ އަށް ހުށަނާޅާކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އޭސީސީގެެ މެންބަރުންނަކީ ތައައްސުބުން އެއްކިބާވެ، ކޮރަޕްޝަނުގެ އަމަލުތައް ބަލަންޖެހޭނެ ބަޔަކަށްވާއިރު، މެންބަރެއްގެ ސުލޫކު ގާނޫނާ އެއްގޮތަށް ނެތުމަކީ ކޮމިޝަނާމެދު އާންމުންގެ އިތުބާރު އިތުރަށް ގެންލެން މެދުވެރިވާނެެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ކޮމިޝަނުގައި މިހާރު ތިބި މެންބަރުންނަކީ ގާނޫނު އަސާސީގެެ 201 ވަނަ މާއްދާ ގައި ބުނާގޮތަށް "ކޮމިޝަނުގެ މެންބަރުކަން ނޫން އެހެން ވަޒީފާ އެއް އަދާކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށް" ބުނާ ޝަރުތު ހަމަވާ މެންބަރުންތޯ، އަދި މެންބަރުންގެ މިނިވަންކަމާމެދު ސުވާލެއް ނެތް ބަޔެއްކަން ކަށަވަރު ކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ.

އޭސީސީގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރު ކުރުމަކީ އެންޓިކޮރަޕްޝަން ނިޒާމަށް އާންމުންކުރާ އިތުބާރު ދެމެހެއްޓުމަށް މުހިއްމު ކަމަކަށްވާތީ، އެ ކޮމިޝަނުގެ މެންބަރު އަޝްރަފް އާއި ގުޅޭ މި މައްސަލަ ވީހާވެސްް އަވަހަކަށް ބައްލަވައިދެއްވުމަށާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެެ ކިބައިންވެސް އެދިފައިވާނެ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

"އަދި މި މައްސަލައަކީ ދާދިފަހުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިޔަފާރީގެ މުއާމަލާތެއް ހިންގާފައިވުމުގެ ސަބަބުން ތަހުގީގު ކުރި ޒާތުގެ މައްސަލައަކަށް ވާތީ، މި މައްސަލާގައި ޖިނާއީ އެއްވެސް ކުށެއް އެކުލެވޭނަމަ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކޮށްދެއްވުމަށް އެެދި ދަންނަވަމެވެ." އެ ސިޓީ ނިންމައިލަމުން ބުނެފަިއވެ އެވެ.

މި ސިޓީ އާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ "ސަން" އަށް ވިދާޅުވީ ކުންފުންޏެއްގައި ކޮމިޝަނުގެ މެންބަރުންގެ ހިއްސާ އޮތުން ގާނޫނަކުން މަނައެއް ނުކުރާނެ ކަމަށެވެ.

"އެކްޓިވްލީ ވިޔަފާރީގެ ބައިވެރިވުން ގާނޫނުން މަނާކުރާނީ. ކޮމިޝަނުގެ ކުރީގެ މެންވަރުންވެސް ވިޔަފާރީގެ ހިއްސާ އޮންނާނެ، އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހުންނާނެެ ޑިކްލަޔާ ކޮށްފައި މެންބަރުންގެ ހިއްސާ އޮންނާނެކަން،" ޝިއުނާ ވިދާޅުވި އެވެ.

މެންބަރު އަޝްރަފު އަމަލީގޮތުން ކުންފުނިތަކުގެ އޮފީސްތަކަށް ވަޑައިގަންނަވާ ކަމަށް ސިޓީގައި ބުނެފައިވާތީ، އެކަމާ ގުޅޭޭގޮތުން ޝިއުނާ ވިދާޅުވީ ކަމާބެހޭ މުވައްސަސާތަކުން އެކަން ބައްލަވަންވީ ކަމަށެވެ. ކުންފުނިތަކުގައި މެންބަރުންގެ ހިއްސާ އޮންނަ މައްސަލަ އާއި ގުޅޭގޮތުން ކޮމިޝަނުގައި މަޝްވަރާ ކޮށްފައިވާނެ ކަމަށްވެސް ޝިއުނާ ވިދާޅުވި އެވެ.

މި މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބަހެއް އަދި ފުލުހުންގެ ބަހެއްވެސް އަދި ނުލިބެ އެވެ.

comment ކޮމެންޓް