ހަނި މޮޅަކާ އެކު ޕެލަސް ބަލިކޮށް ޗެލްސީ ތިންވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-3 ގެ ނަތީޖާއަކުން ޗެލްސީ ކުރި ހޯދައިގެން --- ފޮޓޯ/ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން ހޯދި ހަނި މޮޅާ އެކު ޗެލްސީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ކްރިސްޓަލް ޕެލަސްގެ ސެލްހާސްޓް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމުގެ މައްޗަށް ޗެލްސީން ކުރި ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުން ލިބުނު މޮޅާ އެކު ޗެލްސީ އަށް 34 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ރޭ ރަށުންބޭރުގައި އާސެނަލާ 1-1 އިން އެއްވަރުވުމާއެކު ލެސްޓާ ސިޓީ ހަތަރުވަނައިގައި އޮތީ 34 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ.

ދެ ޓީމުގެ ފަރާތުން ޖުމުލަކޮށް ހަމަހަމަ ކުޅުމެއް ފެނުނު ޗެލްސީ އަދި ކްރިސްޓަލް ޕެލަސް ވާދަ ކުރި މެޗުގައި ޗެލްސީ އަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ އޮލިވިއޭ ޖިރޫޑް، ކްރިސްޓިއަން ޕުލިސިޗް އަދި ޓޯނީ އަބްރަހަމް އެވެ. ކްރިސްޓަލް ޕެލަސްގެ ގޯލްތައް ކާމިޔާބުކޮށްފައިވަނީ ވިލްފްރީޑް ޒަހާ އާއި ކްރިސްޓިއަން ބެންޓެކޭ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-3 ގެ ނަތީޖާއަކުން ޗެލްސީ ކުރި ހޯދައިގެން --- ފޮޓޯ/ލައިވްސްކޯ

ލީގުގައި ބާކީ ހަތަރު މެޗް އޮތް ޗެލްސީ އަށް ދެން ލީގުގައި ބާކީ އޮތީ ޝެފީލްޑް ޔުނައިޓެޑާއި، ނޯވިޗް ސިޓީގެ އިތުރުން ލިވަޕޫލް އަދި ވޮލްވްސް އާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.

ފަހަކަށް އައިސް ލީގުގައި މޮޅު ކުޅުމެއް ދައްކާ ޗެލްސީއިން ފޯމު ދަމަހައްޓަމުން އައި ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ތާވަލުގެ ތިންވަނަ ދިފާއު ކުރަމުން އައި ލެސްޓާ ސިޓީއަށް މިފަހުން ކުޅުނު މެޗުތަކުގައި ވަނީ ގިނަ ޕޮއިންޓްތަކެއް ގެއްލި ހާސްކަން ކުރިމަތިވެފަ އެވެ.

އެގޮތުން ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުން އެއްވަރުވުމާ ގުޅިގެން އެ ޓީމްގެ ފަހަތުން ފަސް ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑު ބުރާސްފަތި ދުވަހުގެރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ ދެ ޓީމްގެ ދެމެދުގައި އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި ލެސްޓާ ސިޓީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެން--- ފޮޓޯ/ލައިވްސްކޯ

ރޭގެ މެޗުގައި އާސެނަލަށް މެޗުގެ 21 ވަނަ މިނިޓްގައި ޕިއޭ އެމެރިކް އޮބާމަޔަންގެ ވަނީ ލީޑުނަގައިދީފަ އެވެ. އާސެނަލަށް މައްސަލަތައް ދިމާވީ މެޗުގެ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރީ އެޑީ އެންކެޓިއާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ.

ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ލެސްޓާ އިން ނެގި އިރު އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މި ފަހަރު ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ޖޭމީ ވާޑީ އެވެ.

comment ކޮމެންޓް