ހޮޅުދޫގައި މިނިސްޓްރީން އެޅި ޓާފް ދަނޑުގެ މަސައްކަތް ނިންމާލައިފި

ނ.ހޮޅުދޫގައި މިނިސްޓްރީން އަޅާފައިވާ ޓާފް ދަނޑު --- ފޮޓޯ/ޔޫތް މިނިސްޓްރީ

ނ. ހޮޅުދޫގައި ގާއިމްކުރި ޓާފް ދަނޑު ހަލާކުވެފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން އާއްމުކުރީ ދޮގު ޚަބަރެއް ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެ އެވެ.

ބޯކޮށް ވާރޭވެހި ހޮޅުދޫ ދަނޑުގައި އަޅާފައި އޮތް ޓާފް ހިއްލިފައި އޮތް ވީޑިއޯއެއް ހޯމަ ދުވަހުގެ ވަގުތެއްގައި ވަނީ މީސްމީޑިއާގައި ދައުރުވެފަ އެވެ. އަދި މި ވީޑިއޯއާ ގުޅިގެން ބައެއް މީޑިއާތަކުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ރާއްޖޭގައި ގާއިމްކުރި ފުރަތަމަ ޓާފް ދަނޑު ހަލާކުވެފައިވާ ކަމަށް ބުނެ ވާހަކަތައް ފަތުރައިފަ އެވެ.

އެހެން ނަމަވެސް މި ހަބަރުތައް ދޮގުކުރައްވަމުން ކުޅިވަރާއި ބެހޭ ވަޒީރު މަހްލޫފް ވިދާޅުވީ ބޯކޮށް ވާރޭވެހުމުން ޓާފްގެ އަޑިއަށް ފެންޖަމާވެ ޓާފް ހިއްލުމަކީ އާއްމު ކަމެއް ކަމަށާއި އެއީ ސީރިއަސް މައްސަލައެެއް ނޫން ކަމަށެވެ. އެގޮތުން މާލޭގައި ގާއިމްކޮށްފައިވާ ޓާފް ދަނޑުތަކުގެ ޓާރފް ވެސް ބޯކޮށް ވާރޭވެހުމުން ހިއްލޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހޮޅުދޫގައި ގާއިމްކުރި ޓާފް ދަނޑާއި ގުޅިގެން ޒުވާނުންނާއި އެރަށު ކައުންސިލުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސް ދަނޑުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވި އެވެ.

"ޓާފް ބްލިސްޓަސް ނުވަތަ ބޯކޮށް ވާރޭވެހުމުން ޓާރފްގެ އަޑިއަށް ފެން ވަދެ ޓާރފް ހިއްލުމަކީ އާއްމުކޮށް ދިމާވާ ކަމެއް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައި. އަދި ވާރޭ ފެން ހިނދުމާއެކު މި މައްސަލަ ހައްލުވާ ކަމަށް ވެސް ތަޖުރިބާކާރުން ބުނޭ. މާލޭގައި ގާއިމްކުރެވިފައިވާ ދަނޑުތަކުގައި ވެސް ބޯވާރެޔާއެކު ޓާރފް ހިއްލުމަކީ އާއްމު ކަމެއް." ހޮޅުދޫ ދަނޑާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހޮޅުދޫގެ ދަނޑަކީ ރައީސް ސާލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރާ 100 ދަނޑުގެ ތެރެއިން ނިންމާލި ފުރަތަމަ ދަނޑެވެ. އަދި އެހެންމެ ފ. ނިލަންދޫގެ ދަނޑު ވެސް އެއްކޮށް ނިންމާލާފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޓާރފް ދަނޑު އެޅުމުގެ މަސައްކަތް މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި ޖުމުލަ 13 ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އަދި އިތުރު 22 ދަނޑެއްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށޭވަރު ވާނެ ކަމަށް މިނިސްޓްރ މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ

comment ކޮމެންޓް