ބިދޭސީންގެ މައްސަލަ ގޯނިން ބޭރަށް، ނުރައްކާ ބޮޑު!

ބ. ބޮޑުފިނޮޅުގައި ބިދޭސީން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން އެރަށަށް އަރައި -- ފޮޓޯ: ފުލުހުން

މުވައްޒަފުންނަށް ހައްގުވާ މުސާރަ ދޭން ޖެހޭނެ ކަމާއި މެދު އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ. ނުދޭ ނަމަ ހައްގު މިންވަރު ހޯދުމަށް މަސައްކަތް ކުރުމަކީ ވެސް ގޯހެއް ނޫނެވެ. އެކަން ކުރުމަކުން ވެސް މައްސަލައެއް ނެތެވެ. ގޯސްވާ ހިސާބަކީ ހައްގު މިންވަރު ހޯދުމަށް ގާނޫނީއިން ފަހަނައަޅާ ދާ ހިސާބެވެ. އެ ކަހަލަ ސީރިއަސް ކަންތައްތަކެއް މި ފަހުން މި އަންނަނީ ފެންމަތިވަމުންނެވެ. އެވެ. ހާއްސަކޮށް ބިދޭސީ މަސައްކަތްތެރިންއަށް މުސާރަ ނުދީ އެތައް މަސްތަކެއް ވުމުން އެ މީހުން ތޮށި ގަނޑު ފަޅާލައި ބޭރަށް ނިކުތީ އެވެ. އޭގެތެރެއިން އެއް ބަޔަކު ގާނޫނީ ރޮނގު ވެސް ހުރަސް ކުރީ އެވެ.

މިހާރު ޖެހިގެން މި އުޅޭ މައްސަލަ އަކީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ނޫނެވެ. ގާނޫނާއި ގަވާއިދުގެ ތެރެއިން އުޅޭ ބިދޭސީންނާ ވެސް ގުޅިފައިވާ މައްސަލަ އެކެވެ. ބިދޭސީންނާއި ހަމައިން ނިމެނީ އެއްވެސް ނޫނެވެ. މުސާރަ ނުދޭ މުވައްޒަފުންގެ ތެރޭގައި މަދުން ނަމަވެސް ދިވެހިން ހިމެނޭ ކަން ވެސް ވަނީ އެނގިފަ އެވެ.

މި ފަހުން އެ މައްސަލަ ވައިގައި ހިފާފައި މި ވަނީ ބޮޑުފިނޮޅު ތަރައްގީ ކުރުމަށް އުޅުނު ބިދޭސީ މަސައްކަތްތެރިން އެތަނުގައި މަސައްކަތް ކުރާ ދިވެހިން ރަށުން ފޭބިޔަ ނުދީ ހިފަހައްޓައި އެ މީހުން ސަލާމަތްކުރަން އައި ފުލުހުން، އޮއްގަލުން ތަޅައި ބޭރު ކުރުމުން ސިފަވި ބިރުވެރި މަންޒަރުންނެވެ. އެ ކަންތައް ގަނޑުގެ ފެށުމަކީ ވެސް މުސާރަ ނުލިބި އެތައް މަހެއްވުމެވެ.

"ހަމަ ހިތައް އަރަނީ އަމިއްލަ ގައުމު މަޖުބޫރީ ހާލަތުގައި ދޫކޮށްފައި ނިކުތް ބައެއް އެހެން ދިވެހި ފުލުހުންނާއި ސިފައިންނަށް ކުރިމަތިލާނީ ވަރަށް ޑެސްޕަރޭޓް ވެގެން. ހަދާނެ ގޮތް ހުސްވެގެން. މޮޔަވާން ކައިރިވީމަ އޭ،" ބޮޑުފިނޮޅު ހާދިސާއާ ގުޅިގެން ދިވެއްސަކު އޭނާގެ ޝުއޫރު ފާޅުކުރި އެވެ.

ބޮޑުފިނޮޅު ހާދިސާއިން ހިތްވަރު ލިބިިގެން މިހާރު މިވަނީ މުސާރަ ނުލިބި ތިބި އެހެން ބިދޭސީން ވެސް މަޑުމަޑުން އިހުތިޖާޖު ކުރަން ފަށާފަ އެވެ. އިހަކަށް ދުވަހު ހުޅުމާލެ އިން ވެސް ވަނީ އެ މަންޒަރު ފެނިފަ އެވެ. އެ މީހުން ވެސް އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގި މަންޒަރު މި ވަނީ ސަމާލުކަމަށް އައިސްފަ އެވެ.

މުސާރަ ނުދިނުމަކީ ކުށެކެވެ. ސާހިބު މީހާ އެ ކުށް ކުރުމުން ހައްގު ހޯދަން ނިކުންނަ މީހާ އެއަށް ވުރެން ބޮޑު ކުށެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެއްބަޔަކު ބުނާ ގޮތުން އެ ހިސާބަށް ދާން ޖެހުނީ އެހެން ހުރިހާ ގޮތަކުން ވެސް އެކަމަށް ހައްލެއް ނުލިބުމުންނެވެ. ގޮތް ހުސްވުމުންނެވެ.

އެކަމާއި ގުޅިގެން ސިފައިންގެ އިސް މަގާމުތަކެއް ފުރުއްވި ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، ކިތަންމެ ބޮޑެތި ހަރަދުތަކެއް ކޮށްގެން ނަމަވެސް އެކަންތައްތައް ހުއްޓުވަން ޖެހޭ ކަމަށާއި ނޫނީ ފަހުން ކުރިމަތިލާން ޖެހޭ ކަންތައްތައް މާ ބޮޑުވާނެ ކަމަށެވެ.

"މިކަން ހުއްޓުވަން ޖެހޭ ހުއްޓުވުނު ގޮތަކަށް. ނޫނީ ލަސް ވެދާނެ. މިކަމުގެ ނާޖާއިޒް ފައިދާ އެއްވެސް ބަޔަކު ނެގިޔަ ނުދެއްވުން ބުއްދިވެރި. ސިޔާސީ ކުޅިވަރުގައި ވެސް އެފޯޑް ނުކުރެވޭނެ ކަންކަން ހުންނާނެ،" ކުރިން މަޖިލިސް މެންބަރު ކަން ވެސް ކުރެއްވި އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން 18 ވަނަ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ، 44 އަހަރަށް ފަހު ފަތުރުވެރިކަން މުޅިން ހުއްޓު ގައުމު ދަތި ހާލުގައި އޮވެ އަލުން ދުނިޔެއަށް ހުޅުވާލާއިރު ބިދޭސީންގެ ތަޅާފޮޅުމާއި ހަމަނުޖެހުމާއި ހެދި ފަތުރުވެރިކން މި ގައުމަށް އަންނަން ދެކޮޅު ހަދާ ދަރަޖައަށް އެކަންކަން ދިޔުމުގެ ކުރިން ފުލުހުން ނިކުމެ ހުއްޓުވަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަދަދެއް އެއްވެސް އިދާރާއަކަށް ނޭނގެ އެވެ. އެއް ބަޔަކު ބުނަނީ ލައްކަ އަކަށް ވުރެން ގިނަ ވާނެ ކަމަށެވެ. އޭގެ ތެރެއިން ވެސް ގިނައީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނެވެ. އެ އަދަދު ލައްކައަކާއި ކައިރި ކުރާނެ ކަމަށްވެ އެވެ. ފިޔަވަޅު އެޅުން ލަސްވެއްޖެ ނަމަ ހައްގު ހޯދުމުގެ ނަމުގައި އެ މީހުން މަގުމައްޗަށް ނިކުމެ މަދަނީ ބަސް ނޭހުމަކަށް ހިނގައްޖެ ނަމަ ދެން ވާނެ ގޮތަކާއި މެދު ވިސްނަން ތިބެވޭކަށް ނެތެވެ. އެއީ ޔަގީނުން ވެސް ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް