ކ. މާފުށީގައި ދަރިފުޅަށް ޖިންސީ ގޯނާ ކުރަން ފިރިމީހާއަށް ފުރުސަތުދީ، އެކަން ފޮރުވި ކަމަށް ތުހުމަތު ކުރެވޭ މަންމައަކު ރަށުން ބޭލުމަށް ގޮވާލައި އެރަށު ރައްޔިތުން އިހުތިޖާޖުކުރަން ފެށުމުން އޭނާ އެރަށުން ބާލުވައިފި އެވެ.
މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު މިރޭ "ސަން"އަށް ވިދާޅުވީ އެ އަންހެން މީހާ އެ ރަށުން ގެންގޮސްފައި ވަނީ ފުލުހުންގެ ލޯންޗެއްގައި ކަމަށެވެ.
އެ މަންޒަރު އެރަށުގެ އާންމުންނަށް ވެސް ފެނުނު ކަމަށާއި ނަމަވެސް އޭނާ ގެންދިޔައީ ކޮންތަކަށް ކަން އަދި މިހާތަނަށް އެނގިފައިނުވާ ކަމަށް އުސްމާން ވިދާޅުވި އެވެ.
މާފުށީގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މި މަހުގެ ކުރީކޮޅު 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އެ 10 އަހަރުގެ ކުއްޖާގެ ދޮންބައްޕަ އެވެ. ޖިންސީ ގޯނާ ލިބުނު އަންހެން ކުއްޖާ މިހާރު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ އަންހެން ކުއްޖާގެ މަންމަ އަދިވެސް ހުރީ މާފުށީގަ އެވެ.
ތ. ކިނބިދޫއަށް ނިސްބަތްވާ އެ އަންހެން މީހާ މާފުށީ މީހަކާ އިންދެގެން އެ ރަށުގައި އުޅޭތާ މިހާރު ހަތަރު އަހަރުވެފައިވާނެ ކަމަށް އުސްމާން ވިދާޅުވި އެވެ.
މި މަހުގެ އެއްވަނަ ދުވަހު 10 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަން ހާމަވީ، ޔޫރިން އިންފެކްޓްވެގެން ޑޮކްޓަރަށް ދައްކަން ދިޔުމުން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ޑޮކްޓަރަށް ތުހުމަތު ކުރެވިގެން ބެލި ބެލުމުންނެވެ. އަދި އެމައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރީ ވެސް ޑޮކްޓަރުކަން އެނގިފައިވެ އެވެ.