ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ -- ފޮޓޯ: ރޮއިޓާސް

ރިއޯޑިޖެނީރިއޯ (ޖުލައި 7): ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.

ބޮލްސޮނާރޯ ކޮރޯނާވައިރަހަށް އިއްޔެ ޓެސްޓު ކުރެއްވީ ހުން އައިސް، ކޮވިޑް-19އިގެ އަލާމާތްތައް ފެނުމާ ގުޅިގެންނެވެ. އެއީ ރައީސް ވައިރަހަށް ޓެސްޓު ކުރެއްވި ހަތަރު ވަނަ ފަހަރެވެ.

ބޮލްސޮނާރޯ ވައިރަހަށް ޕޮޒިޓިވްވިކަން މިއަދު އިއުލާން ކުރެއްވީ ރައީސްގެ ގެކޮޅު ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ. އަދި ބޮލްސޮނާރޯ ވަނީ ބަލި ޖެހުނު ނަމަވެސް، ބިރު ގަންނަން ޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"ޓެސްޓުން ޕޮޒިޓިވްވެއްޖެ. އޭގައި ބިރު ގަންނަން ޖެހޭ ސަބަބެއް ނެތް. އަޅުގަނޑުގެ ދިރިއުޅުމަށާއި ބްރެޒިލްގެ މުސްތަގުބަލު ބިނާ ކުރުމަށް އަޅުގަނޑަށް ލިބިފައިވާ ފުރުސަތަށް އަޅުގަނޑު ޝުކުރުވެރިވަން،" ބޮލްސޮނާރޯ ވިދާޅުވި އެވެ.

މީގެ ކުރިން ބޮލްސޮނާރޯ ވަނީ ކޮވިޑް-19އަކީ "އާދައިގެ ރޯނގާ"އެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރައްވާ، އޭނާއަށް ބަލި ޖެހުނު ނަމަވެސް މާ ބޮޑު ކަމެއް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ފުރަބަންދު ކުރުމުން ގައުމުގެ އިގުތިސާދަށް ގެއްލުންވާ ކަމަށް ވިދާޅުވެ، ފުރަބަންދުގެ ހާލަތު އުވާލުމަށް ސަރަހައްދީ ގަވަރުނަރުންނަށް ހިތްވަރު ދެއްވާފަ އެވެ.

މީގެ އިތުރުން ބްރެޒިލްގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވަމުން ދަނިކޮށް، ބޮލްސޮނާރޯ ވަނީ މާސްކު އެޅުމާއި ޖިސްމާނީ ގައިދުރު ކުރުމުގެ ގަވާއިދުތަކަަށް އަމަލު ނުކުރައްވާ ބޮޑެތި އެއްވުންތަކުގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ބޮލްސޮނާރޯ މާސްކަކާ ނުލައި، ބްރެޒިލްގައި ހުންނަ އެމެރިކާގެ އެމްބަސީގައި ބޭއްވި ހަފްލާއެއްގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާއްމުވެފަ އެވެ.

އެ އެއްބަސީން ވަނީ އެމެރިކާގެ ސަފީރު އާދިއްތަ ދުވަހު ބޮލްސޮނާރޯ އާއި އިތުރު އެހެން ބޭފުޅުންނާ ބައްދަލު ކުރެއްވި ކަަމަށް ބުނެފަ އެވެ. ނަމަވެސް ސަފީރުގެ ފަރާތުން ކޮވިޑް-19އިގެ އަލާމާތްތައް ނުފެންނަ ކަމަށް ބުނެފަ އެވެ.

ބްރެޒިލް އަކީ މިހާރު ކޮރޯނާވައިރަސް ދެވަނައަށް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި މިހާތަނަށް 1.6 މިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 65،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް