ޖިންސީ ގޯނާ ފޮރުވި ކަމުގެ ތުހުމަތުގައި މަންމައަކު މާފުށިން ބޭރުކުރަން މުޒާހަރާ ކުރަނީ

ކ. މާފުށި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިފުޅަށް ޖިންސީ ގޯނާ ކުރަން ފިރިމީހާއަށް ފުރުސަތުދީ، އެކަން ފޮރުވި ކަމަށް ތުހުމަތު ކުރެވޭ މަންމައަކު ކ. މާފުށިން ބޭލުމަށް ގޮވާލައި، އެ ރަށުގެ ބައެއް އާންމު ރައްޔިތުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މާފުށީގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މި މަހުގެ ކުރީކޮޅު 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އެއީ އެ 10 އަހަރުގެ ކުއްޖާގެ ދޮންބައްޕައެވެ. ޖިންސީ ގޯނާ ލިބުނު އަންހެން ކުއްޖާ މިހާރު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ އަންހެން ކުއްޖާގެ މަންމަ އަދިވެސް ހުރީ މާފުށީގައެވެ.

މާފުށިން "ސަން"އަށް މައުލޫމާތު ދިން މީހަކު ތުހުމަތުކޮށްފައި ވަނީ، ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަން ފަޅާ އެރުމުން ކުއްޖާގެ މަންމަ އެކަން ސިއްރުކުރި ކަމަށެވެ.

މާފުށީ ކައުންސިލުގެ ރައީސް، އުސްމާން ރަޝީދު މިރޭ "ސަން"އަށް ވިދާޅުވީ، އެ އަންހެން މީހާ މާފުށިން ބޭލުމަށް ގޮވާލައި، އެ އަންހެން މީީހާ ދިރިއުޅޭ ގެ ކައިރީގައި މިރޭ މާފުށީގެ ރައްޔިތުން އިހުތިޖާޖު ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދޮން ބައްޕައަށް ދޮން ދަރި ވެދުމަށް ދިން މަންމަ މިނިވަންކަމާ އެކު މާފުށީގައި އުޅޭތީ މާފުށިގެ ރައްޔިތުން މި އިހުތިޖާޖު ކުރަނީ އޭނަ ބޭރު ކުރަން،" އުސްމާން ވިދާޅުވިއެވެ.

"ހަމަނުޖެހުމެއް ނުހިނގާ، ހަމަ ޑިމާންޑަކީ އޭނާ މިތާގައި ބެހެއްޓުން އެއީ ރަށަށްވެސް ނުރައްކާތެރި ކަމެކޭ ދެން ތިބޭ ކުޑަކުދިންނަށްވެސް ނުރައްކާތެރި ކަމެކޭ،"

އެ އަންހެން މީހާ އަކީ ތ. ކިނބިދޫއަށް ނިސްބަތްވާ އަންހެނެއް ކަމަށްވެސް އުސްމާން ވިދާޅުވިއެވެ. އަދި މާފުއްޓަށް ނިސްބަތްވާ އޭނާގެ ފިރިމީހާއާ އިނދެގެން އެ ރަށުގައި އުޅޭތާ ހަތަރު ވަރަކަށް އަަހަރުވެދާނެ ކަމަށް އުސްމާން ވިދާޅުވެއްޖެ އެވެ.

މިރޭ މާފުށީގައި ހިނގަމުންދާ އިހުތިޖާޖާ ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

މި މަހުގެ އެއްވަނަ ދުވަހު 10 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަން ހާމަވީ، ޔޫރިން އިންފެކްޓްވެގެން ޑޮކްޓަރަށް ދައްކަން ދިޔުމުން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ޑޮކްޓަރަށް ތުހުމަތު ކުރެވިގެން ބެލި ބެލުމުންނެވެ. އަދި އެމައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރީވެސް ޑޮކްޓަރުކަން އެނގިފައިވެ އެވެ.

ReadMore

comment ކޮމެންޓް