މިއައީ ބަލާފައި، އެއްކޮޓަރީގެ ފްލެޓުތައް އެބަހުރި: އިދިކޮޅު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުން ދާ އިމާރާތްތަކެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙު

ކުރީ ސަރުކާރުން އިއުލާނުކުރި އެއް ކޮޓަރީގެ އެޕާޓްމެންޓުތަކުގެ މަސައްކަތް ކުރިއަށް ނުދާކަމަށް ހައުސިން އެންޑް އިންފްްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމުން، އެކަމަށް އިދިކޮޅުން ރައްދު ދީފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލުމަށް އިދިކޮޅު ލީޑާޝިޕުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް މިއަދު ކުރި ޒިޔާރަތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އެއްކޮޓަރީގެ ފްލެޓު ލިބޭނެކަމަށް އެކި ފަރާތްތަކަށް ލިޔުން ދިން ނަމަވެސް އެތަންތަން ނެތް ކަމަށް މިހާރުގެ ހައުސިން މިނިސްޓަރު އިއްޔެ ވިދާޅުވިކަމަށެވެ.

"ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލު ކުރެވުނު، އެމްޕީއެލް އެސްޓީއޯ ސްޓެލްކޯ މިހެންގޮސް ސަރުކާރުގެ އެކި ކުންފުނިތައް، މި ކުންފުނިތަކަށް ހަވާލުކުރެވުނު ފްލެޓުތަކުގެ އެންމެ ފުރަތަމަ ހަތަރު ފަންގިފިލާގައި ހުންނާނީ ސަރުކާރާ އެ ފަރާތްތަކުން ހަވާލުކުރާ އެއް ކޮޓަރީގެ އެޕާޓްމެންޓުތައް. އެތަންތަނުގެ ސްޓްރަކްޗާ އެހެރީ ނިމިފައި،" މުއިއްޒު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ 18-40 އަހަރާ ދެމެދުގެ އުމުރު ފުރާ އާއި މާލެ ރަށްވެހިންނާއި، ދަފުތަރުގައި ތިބި މީހުންނާއި އަލަތު ކައިވެނި ކުރާ ފަރާތްތައް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭން އިއުލާން ކުރި އެއް ކޮޓަރީގެ ފްލެޓްތަކުގެ މަސައްކަތް ފަށާފައި ނުވާ ކަމަށެވެ.

https://sun.mv/139579

"އެއް ކޮޓަރީގެ ފްލެޓްތައް ހަދަން ފަށާފައެއް ނެތް. އިއުލާން ކުރި ނަމަވެސް ހަދަން ފަށާފައެއް ވެސް ނެތް،" މިނިސްޓަރު އަސްލަމް އިއްޔެ ވިދާޅުވި އެވެ.

މުއިއްޒު މިއަދު ވިދާޅުވީ އެއްކޮޓަރީގެ ފްލެޓު ހަދަން ނިންމީ އަލަށް ކައިވެނި ކުރާ ފަރާތްތަކަށާއި އެއްކުއްޖަކާއެކު އުޅޭ ދެމަފިރިންނަށް އަމާޒުކޮށްގެން ކަމަށެވެ. އަދި އެތަންތަނަށް ވަންނަ މީހުން ކުރިމަގުގައި އެހެން އެޕާޓްމެންޓުތައް ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުން ބިންގާއެޅި، މި ސަރުކާރުން އަމަލީ މަސައްކަތް ފެށި އެއްވެސް ޕްރޮޖެކްޓެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނެތް ކަމަށްވެސް މުއިއްޒު މިއަދު ވިދާޅުވިއެވެ.

"ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާކަމެއް، ބާއްވާފައި އޮތް ކޮންމެ ގާކޮޅެއްވިޔަސް، ބިމުން މައްޗަށް އަރާފައި ހުރި ކޮންމެ އިމާރާތެއް ވިޔަސް އަދި ކޮނެފައި ހުރި ކޮންމެ ފައުންޑޭޝަނެއްވިޔަސް، އަދި އެއީރައީސް ޔާމީންގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތައް،" މުއްިޒު ވިދާޅުވިއެވެ.

މި ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ކިތަންމެ ވައުދެއްވެއްޖެ ކަމަށާއި ނަމަވެސް ރައްޔިތުންނަށް އެކަމުން ލިބުނު ހިތްހަމަޖެހުމެއް ނެތް ކަމަށެވެ.

މި ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދޭ ސަމާލުކަންވެސް އެނގިއްޖެ ކަމަށްވެސް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރަައީސް ޔާމީންގެ ސަރުކާރުގައި އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރައްވާފައި ހުރި މަސައްކަތް ފެނިއްޖެ ކަމަށެވެ. މިހާރުވެސް ޖުލްމަ 40 ޓަވަރެއްގެ މަސައްކަތް މިހާރުވެސް ދެވަނަ ފިޔަވަހީގައި ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ދިރިއުޅެން ކަމުނުދާ ތަނެއްކަމަށް ބުނެ އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމަށް އަޅުގަނޑުމެން މިއަދު މިތަނަށް މިއައީ. ދެކޮޓަރީގެ އެޕާޓްމެންޓުތަކަކީ މިއަދު މާލޭގައި ވަރަށް ހާލުގައި އުޅޭ އާއިލާތަކަށް ވަރަށް ރަނގަޅަށް އެކަށީގެންވާ ގޮތަށް ހަމަޖެހިލައިގެން އުޅެވޭނެ ތަނެއްކަން އެބަ އެނގޭ،" އަބްދުރަހީމް ވިދާޅުވިއެވެ.

ސަރުކާރުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާާއި، ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލަންކަމަށް އޭނާ ވިދާޅުވިއެވެ.

"ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ އެއްކޮޓްރީގެ އެޕަޓްމެންޓް ތަކެއް މިތާކު ނެތޭ. އެހެންނަމަވެސް އަޅުގަނޑުމެން މިއައީ އެތަންތަންވެސް ބަލާފައި. އެއް ކޮޓަރީގެ އެޕާޓްމެންޓުތައްވެސް މިތާ އެބަހުރި،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފެށި ހިޔާގެ މަޝްރޫއުގެ 7000 ފްލެޓުގެ އަދަދު 6720 އަށް މަދުކޮށްފައިވާއިރު މީގެ ތެރޭގައި މުޅިން ވެސް ހުރީ، ދެ ކޮޓަރީގެ ފްލެޓްތަކެވެ.

ހިޔާ މަޝްރޫއު އިފްތިތާޖު ކުރި ދުވަހު، އެކި ކުންފނިތަކުން ފްލެޓު އަޅަން ނިންމައި އެކަން އިއުލާނު ކުރިއެވެ. މިތަންތަނުން ފްލެޓު ދޫކުރާނީ ކުންފުނިތަކުން، އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. ކުންފުނިތަކުން އަޅަނީ 14 ބުރި އަދި 15 ބުރީގެ ޓަވަރު ތަކެވެ.

comment ކޮމެންޓް