ހަރަދު ކުޑަކުރަން، މިނިވަންދުވަހުގެ އިހްތިފާލުތައް ނުބާއްވަން ނިންމައިފި

ޖުލައި 26، 2019- ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވާ އިހްތިފާލުތައް މި އަހަރު ނުބާއްވާގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް މި އަހަރު ނުބާއްވާނެ ކަމަށެވެ.

މި ނިންމެވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ މެންބަރުންނާއި ހިއްސާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ އެގޮތަށް ނިންމެވީ، ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިލާންޖެހުނު ދަތިތަކާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެންނާއި، ކޮވިޑް-19 އާ ގުޅިގެން، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުން އަންނާތީކަމަށެވެ.

އެހެން ނަމަވެސް، މިނިވަންދުވަހުގެ މުނާސަބަތުގައި، ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިއަހަރު ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމާގުޅޭ ގޮތުންވެސް ރައީސް ސޯލިހު ވަނީ، މަޖިލީހުގެ ލަފާ ހޯއްދަވައިފައެވެ.

ގައުމީ އިނާމު ދެނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ވާއިރު، ގައުމީ ދުވަސް ކަމަށްވާ އެކެއް ރަބީޢުލްއައްޥަލް މި އަހަރު ދިމާވަނީ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހާއެވެ. ހާއްސަ އިނާމު ދެމުން އަންނަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައެވެ.

މިއަހަރު ގައުމީ އިނާމާއި ހާއްސަ އިނާމު ދެއްވުމާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، ގައުމީ އިނާމަށާއި ހާއްސަ އިނާމަށް އިއުލާނު ކުރެއްވުމަށާއި، ކޮވިޑުގެ ހާލަތު އޭރު އޮތް ގޮތެއްގެ މައްޗަށް ބައްލަވައި، މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ހާލަތު ބަދަލުވެއްޖެނަމަ، ގައުމީ ދުވަހުގެ ޖަލްސާއާއި ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވަވައި އިނާމު ދެއްވާ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވައިފައެވެ.

އަދި ޖަލްސާ ބޭއްވޭނެ ގޮތް ނުވެއްޖެނަމަ، އެ ވަގުތުގެ ހާލަތަށް ރިއާޔަތް ކުރައްވައިގެން އިނާމު ދެއްވުމަށް ވެސް ރައީސް ނިންމެވިއެވެ.

comment ކޮމެންޓް