އަދިވެސް އުދަ އަރާނެ، އެކަމަކު އާދަޔާ ހިލާފުކަމެއް ނޫން!

އއ. ރަސްދޫއަށް އުދަ އަރަނީ -- ފޮޓޯ/ ކައުންސިލް

އުދަ އަރައި ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް ތާރީހުން އެނގެން އޮތީ 2007 ވަނަ އަހަރުއެވެ. އެ އަަހަރު ރާއްޖޭގެ 80 ރަށަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެ އަހަރު އެހާބޮޑަށް ރާއްޖެއަށް އުދަ އެރީ ދެކުނު އިންޑިއާ ކަނޑުގައި އުފެދުނު ތޫފާނެއްގެ ސަބަބުން، ރާޅުބާނީތައް އުފުލުމުގެ ސަބަބުންނެވެ.

އުދަ އެރުމަކީ ރާއްޖޭގެ ރަށްތަކަށް ކޮންމެ އަހަރަކު ވެސް އެކި ދުވަސްވަރުގައި ކުރިމަތިލާން ޖެހޭ ކަމެކެވެ. ހަޅަ ޖަހާ ދުވަސްވަރު ވެސް މޫސުން ގޯސްވެ ރަށްތަކަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. ރަށުގެ ތެރެއަށް ލޮނުގަނޑު ވަދެ، އާންމުންގެ ގެތަކާ ހަމައަށް ވެސް ފޯރައެވެ.

ނަމަވެސް ފާއިތުވި ދެ ދުވަހެއްގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު އާދަޔާ ހިލާފަށް ބޮޑަށް ވަނީ ކޮށްފަ އެވެ. ގިނަ ރަށްތަކެއް އިއްޔެ ވަނީ ލޮނުގެ އަޑިއަށް ގޮސްފަ އެވެ. އެ ރަށްތަކުގެ މީހުން ސިފަކޮށްފައިވަނީ އެއީ އާދަޔާ ހިލާފު އުދައެއްގެ ގޮތުގަ އެވެ.

އއ. ރަސްދޫއަށް އުދަ އަރާފައި -- ފޮޓޯ/ ކައުންސިލް

ބައެއް ރަށްރަށުގެ މީހުން "ސަން"އަށް ބުނީ މިފަހުން އެހާ ބޮޑަށް އުދަ އަރަނިކޮށް ފެނިފައި ނުވާ ކަމަށެވެ. ބައެއް ރަށްރަށުގެ އެތެރެއަށް ލޮނުގަނޑު ވަންނަމުން ދިޔައިރު، ރަށް އަޑިއަށް ދާހެން ހީވި ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

އެހާ ބޮޑަށް އުދައެރުމާ ގުޅިގެން ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވި އެވެ. ތަބިކަށްޓަށް ވުރެ މައްޗަށް ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

އިއްޔެ އެންމެ ބޮޑަށް އުދައިގެ އަސަރު ކުރި އެއް ރަށަކީ ގދ. ތިނަދޫ އެވެ. އެރަށުގެ ބޮޑު ސަރަހައްދަކަށް ލޮނުގަނޑު ފޯރިއިރު، މިހާރު އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.

އަންނި ޖެޓީގެ ނަމުން މަޝްހޫރުވެފައިވާ މާލޭގެ ނޯތު ހާބަރު ސަރަހައްދާއި އެމްޕީއެލްގެ މައި ޕޯޓަށް ވެސް އިއްޔެ ވަނީ ވަރަށް ބޮޑަށް އުދަ އަރައިފައެވެ.

އަތޮޅުތެރޭގެ އެކި ރަށްތަކަށްވެސް ވަނީ އުދައިގެ އަސަރު އެކި ވަރަށް ކޮށްފައެވެ. އެގޮތުން ކ. އަތޮޅު ދިއްފުއްޓާއި ތުލުސްދޫ އާއި އއ. ރަސްދޫ އަދި ނ. މަނަދޫ އާއި ރ. ވާދޫ އަދި ލ. ކުނަހަންދޫ އަށްވެސް އިއްޔެ ވަނީ އުދައިގެ އަސަރު ކޮށްފައެވެ.

ކ. ދިއްފުށްޓަށް އުދަ އަރައި އެރަށުގައި ފެން ބޮޑުވެފައި -- ފޮޓޯ/ އަހްމަދު ނާޝިޒް

ރަށްތަކުން އިއްޔެ އެރި އުދައަކީ އާދަޔާ ހިލާފު އުދައެއް ކަމަށް ސިފަކުރަމުން އައި ނަމަވެސް، މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނީ އެފަދަ ތަފާތުކަމެއް އަދި ފާހަގަވެފައި ނުވާކަމަށެވެ. އެހެން ނަމަވެސް ބައެއް ރަށްތަކަށް މި ދެދުވަހު ވަރަށް ބޮޑަށް އުދައިގެ އަސަރު ކުރިކަން ފާހަގަކުރެވިފައިިވާ ކަމަށާއި، އަދި މިއަދު ވެސް އުދައިގެ އަސަރު ކުރާނެ ކަމަށެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މިއީ ތޫފާނެއްގެ އަސަރު ނޫން ކަމަށެވެ. އަދި މޫސުން ގޯސްވުމާއެކު އުދައިގެ އަސަރު މިހާބޮޑަށް ކުރަމުން އަންނަނީ ފަހަރުގައި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކުގެ ސަބަބުން ކަމަށް ވެސް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ދުވާލު ދިޔަވަރު ބޮޑުވާ ގަޑީގައި ރާޅުބާނިތައް އުފުލި ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ރަސްދޫއަށް އުދަ އަރައި ފެން ބޮޑުވެފައި -- ފޮޓޯ/ ކައުންސިލް

އެގޮތުން މިއަދު މެންދުރު 2:30 ހާއިރުން ފެށިގެން އުދަ އަރާނެކަމަށް ލަފާކޮށްފައި ވާއިިރު މާދަމާ އުދަ އަރާނެ ކަމަށް ބެލެވެނީ ހަވީރު 3:21 ހާއިރުން ފެށިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެހެެންކަމުން އަޅުގަނޑުމެން ވާނީ ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެލާޓްކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅު ތަކަށެވެ. އެގޮތުން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު މެންދުރު 1:00 އިން ފެށިގެން މިރޭ އިރުއޮއްސުމާ ހަމައަށް އުދައަރާނެ ކަމަށް ލަފާކޮށް، މެޓުން ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ހަތް މޭލާ 16 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކުގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަމށް މެޓުން ބުނެއެވެ. ދެކުނުގެ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައި ވާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ.

comment ކޮމެންޓް