އެފްއޭއެމްގެ އިންތިހާބް މަޑުޖައްސަން އެންގީ ގާނޫނާ ހިލާފަށް ކަމަށް މަހްލޫފް އެއްބަސްވެއްޖެ

މިނިސްޓަރު އަހްމަދު މަހްލޫފް: އެފްއޭއެމް އިންތިހާބް މަޑުޖައްސަން އެންގީ ގާނޫނާއި ހިލާފަށް ކަމަށް މިނިސްޓަރު ވަނީ އެއްބަސްވެވަޑައިގެންފައި --- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވަސް (އެފްއޭއެމް) ގެ އިންތިހާބް މަޑުޖައްސަން އެންގީ ގާނޫނާ ހިލާފަށް ކަމަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް އެއްބަސްވެވަޑައިގެންފި އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރެއްގައި ގައި ބުނެފައިވަނީ ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށެވެ.

އެފްއޭއެމްގެ އިންތިހާބު ފަސްކޮށްދޭން މިނިސްޓްރީގައި އެ ކޮމިޓީން އެދުނު އެދުމާ އެއްގޮތަށް، އިންތިހާބު ފަސްކޮށްދޭން މަހްލޫފް ވަނީ އެފްއޭއެމްގައި ސިޓީއަކުން އެދިފަ އެވެ.

އެ ގަރާރު ދިރާސާ ކުރަމުންދާ މަޖިލީހުގެ އިޖުތިމާއި ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، އެ ކޮމެޓީގެ ފަރާތުން އޭނާއަށް ރިކުއެސްޓެއް ލިބުނު ކަމަށާއި އުސޫލެއްގެ ގޮތުން އޭނާ އެއަށް އަމަލު ކުރަން ނުޖެހޭ ކަމަށެވެ.

"އަޅުގަނޑު ލައްވައި އެފްއޭއެމްއަށް ކުރީ ދުވަހު ފޮނުވި ސިޓީއަކީ އަޅުގަނޑަށް ފޮނުވޭނެ ސިޓީއެއް ނޫނޭ މި ބުނަނީ. ދެން ތިބޭފުޅުން ފޮނުވި ސިޓީގައި އޮތް އިބާރާތާއި އެއްގޮތަށް އަޅުގަނޑު ފޮނުވާލީ. ދެން މާދަމާ ވެސް އައިސް އަޅުގަނޑުގެ ގައިގަ ހިފޭ ވަރަކަށް އަޅުގަނޑު ކަމެއް ކޮށްގެން ނުވާނެތާ،"

"އަޅުގަނޑަށް ގާނޫނުން ނުވެސް ލިބޭ ބާރެއް އިލެކްޝަނެއް ލަސްކޮށްދޭން އެދުމަކީ. ކުޅިވަރާ ބެހޭ ގާނޫނުން އަޅުގަނޑަށް އޮންނަ ބާރެއް ނޫން އެއީ އެކަން ވެސް އަޅުގަނޑު ކުރިން،" މަހްލޫފް ވިދާޅުވި އެވެ.

ކުޅިވަރުގެ ގާނޫނު ބުނާ ގޮތުން އެސޯސިއޭޝަންތަކާ ގުޅޭ ކަންކަމަކީ މިނިސްޓަރާ ބެހޭ ކަންކަމެއް ނޫން ކަމަށާއި އެކަމާ ހަވާލުވެ ހުންނަވަނީ ކޮމިޝަނަރު އޮފް ސްޕޯޓްސް ކަން މަހްލޫފް ފާހަގަކުރެއްވި އެވެ.

"ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑުމެންނަށް ތިބޭފުޅުން އަންގާ ކަންކަމަށް ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީން ކަން އަރުވަން" މަހްލޫފް ވިދާޅުވި އެވެ.

އެފްއޭއެމްގެ އިންތިހާބަށް ގޮވާލުމުން އެއްވެސް މީހަކު ކުރިމަތިނުލައި އެ އިންތިހާބް ހުއްޓުވުމަށް މިނިސްޓަރުގެ އަރިއުހުގައި ދެންނެވުމަކީ ކަމުދާ ކަމެއް ނޫން ކަން މަހްލޫފް ފާހަގަކުރެއްވި އެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ކޮށްފި ނަމަ ރާއްޖޭގެ ފުޓްބޯޅަ ފީފާއިން ސަސްޕެންޑް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖެއަށް ފުޓްބޯޅަ ސަސްޕެންޝަނެއް އައީމަ އަޅުގަނޑާއި ރައިސުލްޖުމްހޫރިއްޔާހާ ނުބައި ބަޔަކު މި ގައުމަކު ނުތިބޭނެ. އަޅުގަނޑަށް ޔަގީން،" މަހްލޫފް ވިދާޅުވި އެވެ.

comment ކޮމެންޓް