އެފްއޭމް އިންތިހާބަށް ކުރިމަތި ނުލައި އެކަން ހުއްޓުވަން އުޅުން ރީއްޗެއް ނޫން: މަހްލޫފް

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު މަހްލޫފް: އެފްއޭއެމްގެ އިންތިހާބް ހުއްޓުވުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވަސް (އެފްއޭމް)ގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބްގައި ވާދަ ނުކޮށް އެ އިންތިހާބު ހުއްޓުވަން އުޅުން އެއީ އެހާ ރީތި ކަމެއް ނޫން ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއްގައި ބުނެފައިވަނީ ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށެވެ.

އެމައްސަލައާ ގުޅިގެން މަހްލޫފް ވަނީ އެފްއޭއެމްގެ އިންތިހާބު ލަސް ކޮށްދެއްވުމަށް އެދި އެއިދާރާއަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް މިމަހުގެ ދެވަނަ ދުވަހު އެފްއޭއެމްގެ ކޮންގްރެސް ބާއްވައި، ބައްސާމް އަދީލް ޖަލީލް ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ ރައީސްކަމަށް ވަނީ އިންތިހާބު ކޮށްފަ އެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ގާނޫނު ބުނާ ގޮތުން ކުޅިވަރު އެސޯސިއޭޝަނަކަށް ބަސް ކިއުމަކީ މިނިސްޓަރަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ގާނޫނުން ނުވެސް ލިބޭ ބާރެއް އިލެކްޝަނެއް ލަސްކޮށްދޭން އެދުމަކީ. ކުޅިވަރާއި ބެހޭ ގާނޫނުން އަޅުގަނޑަށް އޮންނަ ބާރެއް ނޫން އެއީ އެކަން ވެސް އަޅުގަނޑު ކުރިން،" މަހްލޫފް ވިދާޅުވި އެވެ.

އެފްއޭއެމް އިސްލާހު ކުރުމުގެ އެންމެ ބޮޑު ބާރެއް އޮތީ ކްލަބުތަކުގެ އަތް މަތީގައި ކަން ފާހަގަކޮށް މަހްލޫފް ވިދާޅުވީ، ކްލަބްތަކުން އެފްއޭއެމްއަށް ބަދަލެއް ގެންނަން ބޭނުން ނުވާ ކަމަށެވެ.

"މީގެ ހަތަރު މަސް ކުރުން އިލެކްޝަނަކަށް ގޮވާލީމަ ވާދަކުރާނެ އެއްވެސް މީހަކު ކުރިމަތި ނުލާ. އެންމެ މީހެއް ވެސް ކުރިމަތި ނުލާ ބޮޑު ގާނޫނީ ސަރުކާރެއްގެ ކައިރީގައި އެތާ ހުރި މިނިސްޓަރު ކައިރީގައި ގޮސް އިންތިހާބް ހުއްޓުވާށޭ ބުނީމަ އެއަކީ ރީތި ކަމެއް ނޫން،" މަހްލޫފް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްއާ އޭނާ ދެމެދު ގުޅުމެއް އޮންނަ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެހެން ނަމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެތަން އިސްލާހު ކުރުމަށް އޭނާ މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓާލަން ޖެހުނީ އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮންނަ ކްލަބް ތަކުން ބައްސާމްއާ އެއްކޮޅަށް އެރުމުން ކަން މަހްލޫފް ފާހަގަކުރެއްވި އެވެ

"ދިވެހިރާއްޖޭގެ އެންމެ ބޮޑު ކުޅިވަރަކީ ފުޓްބޯޅަ. އެހެންވީމަ ރާއްޖެ ސަސްޕެންޑް ކުރާ ވަރުގެ ކަމެއް ތުބޭފުޅުންނާއި އަޅުގަނޑު ވެެގެން ނުކުރުން. ... ތިބޭފުޅުން އެދުވަހު އެއާ ރިކިއެސްޓްގެ އިންޑް ރިޒާލްޓްއަކީ ސަސްޕެންޝަން. އެދުވަހު އެތަނަށް ފުލުހުން ފޮނުވައިގެން އެކަން ހުއްޓިވި ނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަން އަޅުގަނޑަށް ޔަގީން،" މަހްލޫފް ވިދާޅުވި އެވެ.

comment ކޮމެންޓް