ބޯޑަރު ހުޅުވާ ފުރަތަމަ ދުވަހު އަންނާނީ ގަތަރު އެއާވޭސް

އެއާޕޯޓުގައި ފްލައިޓުތަކެއް ޕާކުކޮށްފައި -- ފޮޓޯ: އެމްއޭސީއެލް

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު އެދުވަހު ރާއްޖެ އަންނަން ޝެޑިއުލްކޮށްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން އާންމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން މިހާތަނަށް 12 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފަށަން ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލާ ދުވަހު ރާއްޖެ އަންނަން މިހާތަނަށް ޝެޑިއުލްކޮށްފައިވަނީ ގަތަރު އެއާވޭސް އެކަންޏެވެ. ގަތަރުގެ ވެރިރަށް ދޯހާއާއި މާލެއާ ދެމެދު ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އޭ320 މަރުކާގެ ބޯޓެވެ. ނަމަވެސް މިހާރު އޮތް ތާވަލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެމިރޭޓްސް އިން ދަތުރުތައް ފަށަން ތާވަލުކޮށްފައިވަނީ ޖުލައި 16 އިން ފެށިގެންނެވެ. ދުބާއީއާއި މާލެއާ ދެމެދު ހަފްތާއަކު ފަސް ދުވަހު ފްލައިޓު ބާއްވަން ޝެޑިއުލްކޮށްފައިވާއިރު މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން777 މަރުކާގެ މަތިންދާ ބޯޓެވެ.

އިއްތިހާދު އެއާވޭސްގެ ދަތުރުތައް މިމަހުގެ 18 ގައި ފަށަން ތާވަލުކޮށްފައިވާއިރު އަބޫދާބީއާއި މާލެއާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އޭ320 މަރުކާގެ ބޯޓެވެ.

މީގެ އިތުރުން ދެން ރާއްޖެއަށް ދަތުރު ފަށަން ނިންމާފައިވާ އެއާލައިންތަކުގެ ތެރޭގައި، އޮގަސްޓުމަހުގެ ތެރޭ ދަތުރު ފަށަން ތާވަލުކޮށްފައިވާ ގަލްފް އެއާ، ބްރިޓިޝް އެއާވޭސް، ހޮންކޮންގް އެއާލައިންސް އަދި އިންޑިގޯގެ އިތުރުން ސިލްކް އެއާއާއި ސިންގަޕޯ އެއާލައިންސް އަދި ސްރީލަންކަން ހިމެނެއެވެ.

ސްވިޒަލޭންޑުގެ އެޑެލްވައިސް ދަތުރުތައް ސެޕްޓެމްބަރުގައި ފަށަން ތާވަލުކޮށްފައިވާއިރު، ޓާކިޝް އެއާގެ ދަތުރުތައް އޮކްޓޯޯބަރު މަހު ފަށަން ވަނީ ތާވަލުކޮށްފައެވެ.

އެމްއޭސީއެލް އިން ބުނީ މި ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރުތައް މާޗު 27ގައި ބަންދު ކުރިއިރު ކޮވިޑާ ގުޅިގެން ރާއްޖެއަށް ދަތުރުކުރަމުންދިޔަ ގިނަ އެއާލައިންތަކަކުން ވަނީ ދަތުރުތައް މެދުކަނޑާލައިފައެވެ.

ރައްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ވީއައިއޭއަށް އަންނަ އިންޓަނޭޝަނަލް ފްލައިޓުތަކަށް ހާއްސަ ޑިސްކައުންޓު ދޭން އެމްއޭސީއެލްއިން ވަނީ ނިންމައިފައެވެ. އެގޮތުން ވީއައިއޭއަށް ދަތުރުކުރާ ޝެޑިއުލްޑް ފްލައިޓުތަކުން ނަގާ ގްރައުންޑް ހޭންޑްލިން، ލޭންޑިން، ނެވިގޭޝަން އަދި ޕާކިން ޗާޖުން ޑިސްކައުންޓުތަކެއް ދޭނެކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ޖުލައި 15 އިން އޮގަސްޓުމަހުގެ ނިޔަލަށް އޮޕަރޭޓުކުރަން ފަށާ އެއާލައިންތަކަށް، އޮކްޓޯބަރު މަހުގެ 27 ގެ ނިޔަލަށް 100 ޕަސެންޓް ޑިސްކައުންޓު ދޭން ނިންމާފައިވާއިރު ސެޕްޓެމްބަރުން ފެށިގެން އޮކްޓޯބަރު 27ގެ ނިޔަލަށް ދަތުުރު ފަށާ އެއާލައިންތަކަށް އެ މުއްދަތުގެ ތެރޭގައި 75 ޕަސެންޓް ޑިސްކައުންޓް ދޭނެއެވެ. އަދި އޮކްޓޯބަރު 28 އިން ފެށިގެން މާޗު 26 ގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓް ދޭނެ އެވެ.

މިއީ ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ދޭ ހާއްސަ ފުރުސަތުތަކެއް ކަމަށާއި އެއާލައިންތަކަށް ދޭ ޑިސްކައުންޓާއެކު ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރުފަށައި، ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

comment ކޮމެންޓް