ރޯލާކޯސްޓާއަކުން މީހަކު ވެއްޓި މަރުވެއްޖެ

ރޯލާކޯސްޓާއިން ވެއްޓި މަރުވެފައިވަނީ 32 އަހަރުގެ އަންހެނެއް --- ފޮޓޯ : ސީއެންއެން

އުތުރު ފްރާންސްގެ އޮއީސްގައި ހުންނަ ތީމް ޕާކް އެއްގެ ރޯލާކޯސްޓާއަކުން އަންހެނަކު ވެއްޓި މަރުވެއްޖެ އެވެ.

ޕާކް ސެއިންޓް ޕޯލް ނަމަކަށް ކިޔާ ތީމް ޕާކް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 32 އަހަރުގެ އަންހެނެއް ކަމަށެވެ.

އޭނާ ވެއްޓިފައި ވަނީ ފޯމިއުލާ 1 ކޯސްޓާއެއްގައި އިންދައި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެ އަންހެން މީހާ ވެއްޓުމާ އެކު ވަގުތުން އެ ސަރަހައްދަށް އިމާޖެންސީ ސާވިސް ގޮސްފައިވާ ކަމަށާއި އެހެންނަމަވެސް އެ ފަރާތްތަކަށް އަންހެން މީހާ ސަލާމަތް ނުކުރެވުނު ކަމަށް އެ ބަޔާނުގައި އިތުރަށް ބުންޏެވެ.

މިއީ އެ ތީމް ޕާކްގައި އެފަދަ އެކްސިޑެންޓެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2009 ވަނަ އަހަރުގައިވެސް އެ ރޯލާކޯސްޓާއިން ވަނީ މީހެއް މަރުވެފަ އެވެ.

އެ ރޯލާކޯސްޓާއިން ވެއްޓި ފުރަތަމަ މަރުވެފައިވަނީ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ރޯލާކޯސްޓާގެ އެކްސިޑެންޓާ ގުޅިގެން އެ ރޯލާކޯސްޓާ ހުރި ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައި ކަމަށެވެ. އަދި ރައްކާތެރިކަމަށް އިތުރު ޓެސްޓުތަކެއް ހެދުމަށްފަހު އެތަން ހުޅުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް