ބިދޭސީންގެ މައްސަލައިގައި ފަސް އިދާރާއެއް ކޮމިޓީއަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ -- ފޮޓޯ/ މަޖިލިސް

ލިޔެކިޔުނެއް ނެތި އުޅޭ ބިދޭސީންނާއި އެ މީހުންނަށް މުސާރު ނުދިނުމުގެ މައްސަލަތަކާ އެކު ގައުމުގެ ސަލާމަތައް ނުރައްކާވާ މައްސަލައާ ގުޅިގެން ކަމާ ގުޅުން ހުރި ފަސް އިދާރާ ކޮމިޓީއަށް ހާޒިރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވަނީ ބ. ބޮޑުފިނުޅުގައި ބިދޭސީން ހިންގި ހަމަނުޖެހުމުގެ މައްސަލަ އެވެ. ނަމަވެސް މި މައްސަލައަށް ވާހަކަ ދެއްކެވި ކޮމިޓީގެ ގިނަ މެމްބަރުން އިއްތިފާގުވީ، އެ މައްސަލައަށް އެކަނި ފޯކަސް ކުރުމަށްވުރެ، ބިދޭސީންނާ ގުޅޭ ބޮޑު މައްސަލަައަށް އަމާޒުކޮށްގެން މައްސަލަ ކޮމިޓީގައި ކުރިއަށް ގެންދިޔުމަށެވެ.

އެގޮތުން އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި މިކަމުގައި ހައްލު ހޯދާނެ ގޮތްތަކާ ގުޅޭ ގޮތުން ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރުމަށް ގިނަ މެމްބަރުން ހިޔާލު ހުށަހެޅުއްވި އެވެ.

"އަޅުގަނޑުމެވެސް ގަބޫލު ކުރަން ބޮޑުފިނޮޅުގެ މައްސަލައަކީ ކޮމިޓީން ބަލަން ޖެހޭ މައްސަލައެއް. މިދޭތެރޭގައި މިފަދަ މައްސަލައެއް ތިލަފުށީގައިވެސް ދިމާވެއްޖެ. މިފަދަ މައްސަލަތަކާ ގުޅޭގޮތުން [ކަމާ ބެހޭ ފަރާތްތަކުން] އަމަލުކުރާ ގޮތް އެބަ ޖެހޭ ބަލަން. އެ މައްސަލައިގައި އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެ މައްސަލައިގައި ހިމެނޭ އެންމެން [މުސާރަ ނުލިބެެން މުޒާހަރާ ކުރި ފަރާތްތައް] ޑީޕޯޓުކޮށްލިތަން،" ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު، އަހްމަދު އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެންމެ މައްސަލައަކަށް އަމާޒުކޮށްގެން ކޮމިޓީން މަސައްކަތް ކުރުމަށްވުރެ، ހަގީގީ މައްސަލައަށް އަމާޒުކޮށްގެން ނޫނީ މިކަންކަމަށް ހައްލު ނުލިބޭނެ ކަމަށެވެ.

"ބިދޭސީން ރާއްޖެ ގެނެސް މުސާރަ ނުދޭ ފަރާތްތަކާމެދު އަޅަނީ ކޮން ފިޔަވަޅެއްތޯ މިފަދަ ކަންކަމަަށް ބަލާފައި މިކަމަށް ހައްލެއް ހޯދަން ޖެހެނީ. ބޮޑުފިނޮޅުގެ މައްސަލައިގައި މިހުން ހާޒިރުކުރާއިރު، ވައިޑް ޕިކްޗާއަށް، މުޅި މައްސަލައަށް ހައްލު ހޯދުމަށް ޓަކައި އަޅުގަނޑުމެންގެ މައްސަލަ ކުރިއަށް ގެންދަން ވާނީ،" އުޝާމް ވިދާޅުވި އެވެ.

އުޝާމްގެ ވާހަކަތަކަށް ތާއީދު ކުރައްވަމުން ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، މީގެ އަސްލު މައްސަލައަކީ، ބަޔަކު ގަވައިދާ ހިލާފަށް މީހުން ގެނެސް އަދި ބިދޭސީން ލައްވާ މަސައްކަތް ކުރުވައި، އެމީހުންނަށް މުސާރަ ނުދިނުން ކަމަށެވެ. އެހެން ކަމުން ކޮމިޓީގެ މަސައްކަތްތައް ވެސް އެކަންކަމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް އޭނާވެސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ބަލަން ދައުލަތުން ކޮބާތޯ އެމީހުންގެ މުސާރަ ހޯދައި ދިނުމަށް ކުރާ ކަމަކީ ބަލަން، އަދި މިކަންކަން ހައްލު ކުރުމަަށް ކުރާ މަސައްކަތަކީ، ނުވަތަ މިފަދަ ކަންކަން ކުރިއަށް އޮތްތާގައި ތަކުރާރުނުވުމަށް ކުރާ ކަންކަމަކީ ބަލަން. ޕޮލިސީއަށް ގެންނަން ޖެހޭ ބަދަލަކީ ކޮބާތޯ ބަލަން،" އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބިދޭސީ މީހާއަށް މުސާރަ ނުލިބުން އޭނާއަށް އެކަންކަން ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހެޅޭނެ ނިޒާމެއް އޮންނަންވާނެ ކަމަށް ދެކޭ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި އޮތީ ކޮން އިންތިޒާމެއްތޯ ކޮމިޓީން ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަންކަން މުސްތަގުބަލުގައި ވިޔަ ނުދިނުމަށް އިދާރާތަކަށް އިތުރު ގާނޫނީ ބާރުވެކަމެއް އޮތްތޯ ވެސް މަޝްވަރާ ކުރަން ޖެހޭ ކަމަށް އަފީފު ފާހަގަ ކުރެއްވި އެވެ.

"200 އިން 300 އިން 400އަށް ބަޔަކު ހަމަނުޖެހުން ހިންގައިގެން މުޒާރާހާކޮށްގެން، މި ވެރިރަށް މާލޭގައި، މި ސަރައްހަދުގައި ތިބި މީހުން ނުކުމެ މިތާގެ ތަންތަންް ތަޅާ، ފޮޅާ ހަދަން ވެއްޖެ ނަމަ، ދެން ކިހިނެތްތޯ ވާނީ؟ އެއީ އަޅުގަނޑުމެން އެންމެ ބިރުގަންނަ ކަމަކީ. މިކަހަލަ އަމަލުތައް ހިންގިޔަ ނުދޭން ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑުމެން އެބަޖެހޭ މުއައްސަސާތަކުގައި އެދެން،" ކޮމިޓީގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ވިދާޅުވި އެވެ.

މެންބަރު ހައިތަމް ވިދާޅުވީ، މިފަދަ ކަންކަން ތަކުރާރުވެވެގެން ގޮސްފިނަމަ، އެކަން ގައުމީ ނުރައްކަލަކަށްވެދާނެ ކަމަށާއި މިކަން ކަންބޮޑުވާ ދަރަޖަށް ދިޔުމުގެ ކުރިން ހައްލުކުރަން ޖެހޭ ކަމަށެވެ.

"އެއީ ހަމަ ކޮންމެހެންވެސް އަޅުގަނޑުމެންނެއް ނުތިބޭނެ އަޅުގަނޑުގެ ދިވެހިން އެހެން ގައުމުގައި ދިވެހިންނަށް އަނިޔާތަކެއް ލިބެމުންދާއިރު. އެއީ ނުހައްގުން ވިޔަސް އަދި ހައްގުން ވިޔަސް އަނިޔާތަކެއް ލިބެމުންދާއިރު އަޅުގަނޑުމެންން ނުތިބޭނެ ބަލާކަށް. އަޅުގަނޑުމެންގެ މީހުން ނުކުންނާނެ ނުކުމެވެން އޮތިއްޔާ. އެކަހަލަ އަމަލެއް މިތާގައި ހިނގައިގެން، އެކަހަލަ ނުރައްކާތެރި ހާލަތަކަށް ރާއްޖެ ގޮސްދާނެތީ، އެކަމަށް އެޅެން ހުރި ފިޔަވަޅުތައް އެޅަން ޖެހޭނެ،"ހައިތަމް ވިދާޅުވި އެވެ.

ކޮމިޓީއިން ފާސްވީ މިކަމާ ގުޅިގެން މަޝްވަރާ ކުރުމަށް އިމިގްރޭޝަން ޑިޕާޓްމެންޓާއި، ފުލުހުން، އިކޮނޮމިކް މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި ލޭބާ ރިލޭޝަން އޮތޯރިޓީ ގެނައުމަށެވެ.

ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފު ވިދާޅުވީ، މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން ފަސް ދުވަހުގެ ނޯޓިސްއެއް ދީ، އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށް ދައުވަތު ދޭނެ ކަމަށެވެ.

ފަހަކަށް އައިސް ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަތަކުގައި ބިދޭސީން މުޒާހަރާ ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި ބ. އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓެއްގައި ބިދޭސީންނަށް ހަ މަހުގެ މުސާރަ ނުދީގެން އެމީހުން ވަނީ ހަމަ ނުޖެހުން ހިންގައި، ދިވެހިންތަކެއް ރަހީނުކޮށްފަ އެވެ. އަދި އިއްޔެ ހުޅުމާލޭގައިވެސް ވަނީ މިފަދަ މައްސަލައެއްގެ ބިދޭސީން މުޒާހަރާކޮށްފަ އެވެ. އަދި ދާދި ފަހުން ތިލަފުށީގައިވެސް ވަނީ މުސާރަ ނުދީގެން ބިދޭސީންތަކެއް ހަމަނުޖެހުން ހިންގާފަ އެވެ.

comment ކޮމެންޓް