ސަފީރުންނަށް ދެން ރުހުން ދޭނީ ކޮމިޓީގައި އިންޓަވިއު ކުރުމަށްފަހު

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއް: ސަފީރުންނަށް ކޮމިޓީން ދެން ރުހުން ދޭނީ އިންޓަވިއު ކުރުމަށްފަހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރު ގައުމުތަކަށް އައްޔަން ކުރާ ސަފީރުންނަށް ދެން މަޖިލީހުގެ ކޮމިޓީން ރުހުން ދޭނީ އިންޓަވިއު ކުރުމަށްފަހު ކަމަށް ރައްޔިތުންތުގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފި އެވެ.

މީގެ ކުރިން ކޮމިޓީން ސަފީރުންނަށް ރުހުން ދެނީ އިންޓަވިއު ނުކޮށެވެ. މީގެ ކުރިން ކޮމިޓީން އަމަލު ކުރަމުން އަންނަ ގޮތަކީ، ރައިސުލުޖުމްހޫރިއްޔާ ސަފީރު ކަމަށް ފޮނުވާ ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށްފަހު، މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތުގެ މަތިން ރުހުން ދިނުމަށްފަހު ތަޅުމަށް ފޮނުވުމެވެ. އަދި ސަފީރަކަށް ރުހުން ދެނީ ތަޅުމުގައި ހުރިހާ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ރޭ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަމުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، މިހާރު ތިބި ސަފީރުންނާ އިންޓަވިއު ނުކުރި ނަމަވެސް، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދެން ސަފީރު ކަމަށް އައްޔަން ކުރާ މީހުންނަށް ރުހުން ދިނުމުގެ ކުރިން ކޮމިޓީން އިންޓަވިއު ކުރަން ޖެހޭ ކަމަށެވެ.

"ރާއްޖެ ތަމްސީލު ކުރާ ފަރާތެއް ބޭރު ގައުމެއްގައި އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަ އިރު، އެމީހާއަކީ އެކަމަށް އެންމެ އެކަށީގެންވާ މީހެއްގެ ގޮތުގައި ބެލުމުގެ ނިޔަތުގައި މަޖިލީހުން މިކަން ކުރުމަށް ގާނޫނު އަސާސީގައި ލިޔެފައި ވަނީ. މިހާރު ތިބި އެމްބަސަޑަރުންނާ އިންޓަވިއު ނުކުރި ނަމަވެސް، އަޅުގަނޑަށް ފެނޭ އަލަށް ސަފީރު ކަމަށް ފޮނުވާ މީހުންގެ ކޮންމެވެސް ވަރެއްގެ އިންޓައުއެއް ކުރުމަށް،" ހަސަން އަފީފު ވިދާޅުވި އެވެ.

އެގޮތުން އޭނާ ހުށަހެޅުއްވީ، ދެން ސަފީރުންގެ ނަންތައް ކޮމިޓީން ދިރާސާ ކުރާއިރު، އެބޭފުޅުންނާ އިންޓަވިއު ކުރުމަށެވެ. އެ ހުށަހެޅުމައް ތާއީދު ކުރެއްވީ، ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނެވެ.

އެ ހުށަހެޅުމާ ދުވާފަރު ދާއިރާ މެމްބަރު އިސްމާއިލް އަހްމަދު ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވީ، ސަފީރުންގެ ނަންތައް ދިރާސާ ކުރާއިރު، އިންޓަވިއު ކުުރުމަށް ނުފެންނަ ކަމަށެވެ. އަދި އޭނާ ތާއީދު ކުރައްވަނީ މިހާރުވެސް އަމަލު ކުރަމުން އަންނަ ގޮތަށް ނަންތައް ދިރާސާ ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަބަބަކަށް ވަނީ، އެއީ އެންމެ ނަމެއް ރައިސުލްޖުމްހޫރިއްޔާ މި ފޮނުވަނީ. އެއީ ޝަރުތުތައް ބައްލަވާފައި. ދެން އަޅުގަނޑުމެން އެބަ ބަލަން އޭނާގެ މައްސަލައެއް އެއްވެސް ދިމާލެއްގައި އޮތްތޯ. މިގޮތަށް އެންމެ ބޭފުޅެއްގެ ނަން ފޮނުވާއިރު، މިފަދަ މަގާމަށް މިގޮތަށް އިންޓަވިއު ކުރުމަކީ އެހާ ރަނގަޅުކަމެއްގެ ގޮތުގައި ނުފެނޭ،" މެމްބަރު އިސްމާއިލް ވިދާޅުވި އެވެ.

ކޮމިޓީގެ ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވިދާޅުވީ، ކޮމިޓީއަށް ސަފީރުނަށް ރުހުން ހޯދުމަށް ފޮނުވަނީ، އެ ކޮމިޓީގެ ބަހެއް އޮންނާތީ ކަމަށެވެ. އެހެން ކަމުން އަފީފުގެ ހުށަހެޅުމަށް އޭނާ ވެސް ތާއީދު ކުރައްވާކަމަށް ވިދާޅުވި އެވެ.

އަފީފުގެ ހުށަހެޅުން ފާސްވީ، ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

ކޮމިޓީން މިގޮތަށް ނިންމި އިރު، ފަސް ގައުމަކަށް ހަމަޖެއްސުމަށް ރައީސް ސަފީރުންގެ ނަންތައް ކޮމިޓީގައި އަންނަނީ ދިރާސާ ކުރަމުންނެވެ.

މަޖިލީހަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ބޭފުޅުން:

  1. ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައިމިނަތު ޝަބީނާ.
  2. އިންޑިއާއަށް ކަނޑައަޅާ ރާއްޖޭގެ ސަފީރުކަމަށް ޑރ. ހުސެއިން ނިޔާޒް.
  3. ބަންގްލަދޭޝްއަށް ކަނޑައަޅާ ރާއްޖޭގެ ސަފީރުކަމަށް ޝިރުޒިމަތު ސަމީރު.
  4. ޕާކިސްތާނަށް ކަނޑައަޅާ ރާއްޖޭގެ ސަފީރުކަމަށް ފަރްޒާނާ ޒާހިރު.
  5. ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ އ.ދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބުކަމަށް ޑރ. އާސިމް އަހްމަދު.

ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އެބޭފުޅުނާ އިންޓަވިއު ކުރުމަށް މިއަދު ދަންނަވާނެ ކަމަށެވެ.

comment ކޮމެންޓް