އާރްސީސީގެ މުވައްޒަފުން މުޒާހަރާކުރާ ކަމަށް ބުނެ ފެރުތީ ދޮގުހަބަރެއް

އާރްސީސީގެ މުވައްޒަފުން -- ފޮޓޯ: އެމްވީކްރައިސިސް

އާރްސީސީގެ މުވައްޒަފުން މުސާރަ ނުދީގެން މުޒާހަރާ ކުރާކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކޮންސްޓްރަކްޝަން އަދި ކާޕެންޓްރީގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރާ އާރްސީސީގެ މުވައްޒަފުންގެ ގޮތުގައި ގިނަ އަދަދެއްގެ ބިދޭސިން ގެންގުޅެއެވެ.

އާރްސީސީ އިން ބުނީ އެކުންފުނީގެ މުވައްޒަފުންގެ ވޯކް ވިސާ ކާޑު ހެދުމަށް ބޭނުންވާ ފޮޓޯ ނެގުމަށް މާފަންނުގައި ހުންނަ ފޮޓޯނަގާ ތަނެއްކަމަށްވާ ފޮޓޯ ފްރެންޑު ކައިރީ ކިޔުހަދާފައި ތިއްބާ އެމީހުން މުޒާހަރާކުރަނީ ކަމަށް ބުނެ ކުންފުނީގެ އަގުވެއްޓޭގޮތަށް ސޯޝަލް މީޑިއާގައި ދޮގު ހަބަރު ފަތުރާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލަށް ހުށަހަޅާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުންފުނީގެ އަގުވައްޓާލުމަށް "މިނިވަން ނޫސްވެރިކަމުގެ ނަމުގައި" ފެތުރި ދޮގު ހަބަރު ފުލުހަށް ހުށަހަޅާނެ ކަމަށެވެ.

"ފޭކް ނިއުސްއަށް ރާއްޖޭގައި ޖާގައެއް ނެތް" ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ބިދޭސީ މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދޭ މައްސަލަ ވަނީ ހޫނުވެފައެވެ. ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސިންތަކެއް މުސާރައިގެ މައްސަލާގައި ހަމަނުޖެހުން ހިންގާފައިވާއިރު ހުޅުމާލޭގައި މަސައްކަތްކުރާ ބިދޭސިންތަކެއް ވަނީ މުސާރަ މައްސަލާގައި މިއަދު މުޒާހަރާ ކޮށްފަ އެވެ.

comment ކޮމެންޓް