ބޯޑަރު ހުޅުވާލާއިރު 41 ރިސޯޓު އޮޕަރޭޓުކުރާނެ

01 ޖެނުއަރީ 2018: އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް އެމްއެމްޕީއާރުސީ އިން ހޫނު މަރުހަބާއެއް ކިޔުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު 41 ރިސޯޓު އޮޕަރޭޝަނަށް ދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން މިއަދު ވަނީ ރާއްޖޭގެ ރިސޯޓުތައް އަލުން އޮޕަރޭޝަނަށް ފަށާނެ ދުވަސްތައް ހިމެނޭ ޓެންޓޭޓިވް ރިޕޯޓެއް އާންމު ކޮށްފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާގޮތުން ކޮވިޑްގެ ހާލަތުގައިވެސް ރާއްޖޭގެ އަށް ރިސޯޓެއް ދަނީ އޮޕަރޭޓު ކުރަމުންނެވެ. އޭގެ ތެރޭ ހިމެނެނީ ފޯސީޒަންސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް، ފޯ ސީޒަންސް ލަނޑާ ގިރާވަރު، ލިލީ ބީޗް، ލަކްސް ނޯތު މާލެ އެޓޯލް، އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި، ސޮނެވާފުށި، އަންގްސާނާ ވެލާވަރުގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑްއެވެ.

މީގެ އިތުރުން 25 ރިސޯޓެއް އޮގަސްޓުމަހުން ފެށިގެން އޮޕަރޭޝަނަށް އަންނާނެ ކަމަށާއި އިތުރު 28 ރިސޯޓެއް ސެޕްޓެމްބަރު މަހުތެރޭ އޮޕަރޭޝަނަށް ދާނެ ކަމަށް އެ މިނިސްޓްރީން އާންމު ކޮށްފައިވާ ލިސްޓުގައިވެއެވެ.

އެ ލިސްޓު ބުނާގޮތުން އޮކްޓޯބަރު މަހު 47 ރިސޯޓެއް އަދި ނިވެމްބަރުގައި ދެ ރިސޯޓު އަދި ޑިސެމްބަރުގައި އެއް ރިސޯޓު އޮޕަރޭޝަނަށް ގެންނާނެއެވެ.

މީގެ އިތުރުން 11 ރިސޯޓެއް މިއަހަރު ތެރޭ އޮޕަރޭޝަނަށް ގެންދާން ނިންމާފައި ނުވަތަ ވަކިގޮތެއް ނިންމާފައި ނުވާކަމަށް ބުނެފައިވެއެވެ.

އޭގެ ތެރޭ ހިމެނެނީ އަންނަ ޖެނުއަރީގައި އޮޕަރޭޝަންސް ފަށާ ވަކަރުފަޅިއާއި ވަކި ގޮތެއް ނިންމާފައިނުވާ ފިލިތެޔޮ ރިސޯޓާއި، ފަން އައިލެންޑް، ހޮލިޑޭ އައިލެންޑް، ހޮނޑާފުށި، ޝަންގްރިލާ ވިލިނގިލި، ކެނަރީފް، ކޮންރެޑް މޯލްޑިވްސް ރަންގަލި، ރޯޔަލް އައިލެންޑް، ސަން އައިލެެންޑްގެ އިތުރުން ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުންދާ ވެލިދޫ އެވެ.

ކޮވިޑް19 އާއި ގުޅިގެން މާޗު 27 ގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މިމަހުގެ 15 އިން ފެށިގެން ހުޅުވާލަން ވަނީ ނިންމައިފައެވެ.

މިމަހުގެ 23 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުން ކަމަށެވެ.

https://sun.mv/138926

comment ކޮމެންޓް