މާފަރު އެއާޕޯޓުގައި ކޮވިޑަށް ޓެސްޓުކުރާ ފެސިލިޓީ އޭޑީކޭއިން ގާއިމުކޮށް ނިންމާލައިފި

މާފަރު އެއާޕޯޓުގައި ގާއިމްކުރި ކޮވިޑަށް ޓޭސްޓުކުރާ ލެބް -- ފޮޓޯ: އޭޑީކޭ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަމަށް ބޭނުންވާ މެޝިނަރީސް އިންސްޓޯލުކޮށް ނިންމާލައިފިއެވެ.

މާފަރު އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރާނެ ލެބެއް ގާއިމް ކުރަނީ ސޮނޭވާގެ ހަރަދުގައެވެ. އެ މަސައްކަތް ކޮށްފައިވަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ފަރާތުންނެވެ.

އެ ކުންފުނިން ބުނީ މާފަރު އެއާޕޯޓުގައި ގާއިމްކުރި ޕީސީއާރު ލެބުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. ލެބް މިހާރު ޓެސްޓުތަކަށް ތައްޔާރުވެފައިވާ ކަމަށްވެސް އޭޑީކޭ ޓްރޭޑްއިން ބުންޏެވެ.

ސޮނޭވާ ރިސޯޓުތައް ހިންގާ ކުންފުނިން ހަދަރުކުރި މި ޕްރޮޖެކްޓު އެއްކޮށް ނިންމުމަށް 30 ދުވަސް ހޭދަވިކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ބޭނުންވާ މެޝިނަރީސް އޯޑަރުކުރުމާއި އެތަކެތި ރާއްޖެ ގެނައުމާއި، ފިޒިކަލް އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށް ހޭދަވީ އެއް މަސްކަމަށް އޭޑީކޭ އިން ބުންޏެވެ.

ކޮވިޑް19ގެ އާ އާންމު ހާލަތުގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑަށް ޓެސްޓުކުރާ ލެބެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގައި، ޖޫން 17 ވަނަ ދުވަހުއެވެ.

އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މާފަރު އެއާޕޯޓު އޮންނަ ލޮކޭޝަނަކީ ގިނަ އަދަދެއްގެ މަތީ ފަންތީގެ ރިސޯޓުތަކެއް ހުރި ސަރަހައްދެއް ކަމަށާއި، މިއީ މާފަރު އެއާޕޯޓަށް ދަތުރުކުރާ ޓުއަރިސްޓުން ކޮވިޑް19 އަށް ޓެސްޓު ކުރަން ހަދާ ލެބެއް ކަމަށެވެ.

މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ދަތުރުތަކަށް ތައްޔާރުވާއިރު އެ އެއާޕޯޓުގައި މިހާރު ވަނީ ތާމަލް ކެމެރާ ބަހައްޓައިފައެވެ. އަދި އެއާޕޯޓުގެ ޓާމިނަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ދަތުރުތަކަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީނު ނުކުރާނެ ކަމަށާއި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ކޮވިޑަށް ޓެސްޓުވެސް ނުކުރާނެކަމަށް ސަރުކާރުން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވެއެވެ

comment ކޮމެންޓް