ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ހަތަރު ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 23 ގައެވެ. އޭގެ ފަހުން މީގެ ކުރީންވެސް ވަނީ ފަސް ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައެވެ.
އިލެކްޝަންސްއިން ވަނީ ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ މައުލޫމާތު އާންމުކޮށްފަ އެވެ.
އެގޮތުން ނަން އަނބުރާ ގެންދިޔަ ހަތަރު ކެންޑިޑޭޓުންގެ ތެރޭގައި އެމްޑީޕީގެ ކެނޑިޑޭޓަކާއި އަމިއްލަ ގޮތުން ކުރިމަތިލީ ތިން ކެންޑިޑޭޓުން ހިމެނޭކަމަށް އިލެކްޝަންސް އިން ބުނެއެވެ.
ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުން
1. ލ. ކަލައިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް އެމްޑީޕީގެ ފަރާތުންކުރިމަތިލި މަރިޔަމް އާތިރާ، ހެޕީރޯޒް (ކެންޑިޑޭޓް 5)
2. ތިމަރަފުށީ ކައުންސިލްގެ ރައީސްކަމަށް އަމިއްލަގޮތުން ކުރިމަތިލީ ހަސަން ޒަރީރް، ހަސްތީ (ކެންޑިޑޭޓް 6)
3. ބ. ހިތާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އަމިއްލަ ގޮތުން ކުރިމަތިލި، އަމާން ހުސައިން، ވައިޖެހޭގެ (ކެންޑިޑޭޓް 11)
4. ހއ. މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އަމިއްލަގޮތުން ކުރިމަތިލި، ޒަހީނާ އަބްދުއްރަޝީދު، ލުމިނަސް (ކެންޑިޑޭޓް 5)
އިލެކްޝަންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީހު އިއުލާނު ކުރާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ އުސޫލުގައި ބުނެފައި ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ހުޅުވާލައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށާއި އަދި އެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަހުގެ ކުރިން، މުއްދަތު ހަމަވާ ތާރީހު އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ.