600 އެއްހާ ބިދޭސީން މުސާރަ ނުލިބި ހާލުގައި، ހުޅުފަޅައިގެން ދަނީ!

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަން --- ފޮޓޯ: ސަން

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓް އެޅުމަށް ހަވާލުކޮށްފައިވާއި އައިލެންޑް އެކްސްޕާޓްގެ ހަތް ސަތޭކައެއްހާ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދީ ހައެއްކަ މަސް ވެފައިވާ ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ. އެކަމާ ހިތްހަމަ ނުޖެހިގެން އޭގެ ތެރެއިން ބަޔަކު އިއްޔެ މެންދުރެއް ހާއިރު ވަނީ ހުޅުމާލޭ މަގުމައްޗަށް ނިކުމެ އަޑު އުފުލާ އިހުތިޖާޖު ވެސް ކޮށްފަ އެވެ.

އެކަމުގައި އިސްކޮށް އުޅުނު ބަންގަލަދޭޝްގެ މަސައްކަތްތެރިއަކު "ސަން" އަށް ބުނީ، އެ މީހުން މަގުމައްޗަށް ނިކުންނަން ޖެހުނީ މުސާރަ ނުދީ ހަތް މަސް ވުމުން ކަމަށާއި އެ މީހުންގެ ވެރިން ކައިރީގައި އެތައް ފަހަރަކު މުސާރަ ދިނުމަށް އެދުމުން ވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

"ކުޑަ ކުޑަ ކާނާ ދެނީ ކޮމްޕެނީއިން އެކަމު އެއިޓް [އަށް] މަސް ވަނީ މިހާރު މުސާރަ ނުދެނީ،" ހުޅުމާލޭގައި އިއްޔެ އިހުތިޖާޖު ކުރި ބަންގްލަދޭޝްގެ މަސައްކަތްތެރިއަކު ބުންޏެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބައެއް ބިދޭސީ މަސައްކަތްތެރިން --- ފޮޓޯ: ސަން

އިއްޔެ ކުރި އެ މިޒާހަރާ ހުއްޓުވުމަށް ފުލުހުން އެތަނަށް ދިއުމުން ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވެސް ވަނީ ހިނގާފަ އެވެ. ނަމަވެސް މާބޮޑު ހަމަ ނުޖެހުމަކަށް ނުގޮސް އެ މީހުން މުޒާހަރާ ނިންމާލީ، މުސާރަ ދިނުމަށް ކުންފުންޏަށް މުހުލަތެއް ދިނުމަށްފަހު އެވެ.

"އަހަރެމުން މަދު މީހުން މިއަދު އައީ އެކަމު މި މަންތް [މި މހު] 10އެއްގައި ކޮމްޕެނީ އިން މުސާރަ ނުދެނީމަ 600 މީހާ ނިކުންނަނީ މުޒާހަރަ ކުރަން،" މުސާރަ ނުލިބުމުން އިހްތިޖާޖު ކުރި އެހެން ބިދޭސީއަކު ބުންޏެވެ.

ބިދޭސީން ތިބީ މަސައްކަތް ހުއްޓާލައި އިހުތިޖާޖުގައި

ހުޅުމާލޭގައި ހަދަމުންދާ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައި މިހާރު ވަނީ ނިމިފަ އެވެ. އެ ސަރަހައްދުން ދިޔައިރު އެއްވެސް މަސައްކަތެއް ކުރާތަން ފެންނަން ނެތުމުން ހީ ކުރީ ކުރާނެ މަސައްކަތެއް ނެތީ ކަމަށެވެ. ނަމަވެސް އެތަނުން ސައިޓެއްގެ ތެރެއަށް ވަދެލުމުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ.

ދިހަވަރަކަށް ބިދޭސީ މަސައްކަތްތެރިން އެތަނުން ޓަވަރެއްގެ ތިރީގައި އިށީންދެލައިގެން ވާހަކަ ދައްކާލަން ތިއްބެވެ. ކައިރިވެލޭފައި ދިވެހި ދަންނަ މީހެއް ހުރިތޯ ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެއީ އެ މީހުންގެ ތެރޭގައި ދިވެހި ބަސް ދަންނަ މީހަކު ނެތީ އެވެ. އިރުކޮޅަކުން އެތަނުން އެކަކު އިނގިރޭސި ބަހުން ވާހަކަ ދައްކަން ފެށި އެވެ. ވެގެން އުޅޭ ގޮތެއް ސާފުކޮށްލަ ދިނުމަށް އޭނާ ކައިރީގައި އެހުމުން ކޮށި ގޮތަކަށް އިނގިރޭސިން އޭނާގެ ވާހަކަ ފެށި އެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ ބައެއް މަސައްކަތްތެރިން މަސައްކަތް ހުއްޓާލައިގެން --- ފޮޓޯ: ސަން

"ހަ ޓަވަރުގެ މަސައްކަތް ކުރާ ހަތް ސަތޭކައެއްހާ މީހުން އެބައުޅޭ މިތަނުގައި. ހުރިހާ އެންމެނަށް ވެސް މުސާރަ ނުދޭ. ދެން މިހާރު ސަތާކައެއްހާ މީހުން މުސާރަ ނުދީ ވަޒީފާއިން ވަކި ކުރަން އުޅެނީ. އެމީހުނަށް ޓިކެޓް ވެސް ނުދީ ބުނީ ކަލޭމެން އަމިއްލައަކަށޭ ދާން ޖެހޭނީ. ނޭންގެ ކޮންތާކަށް ކަމެއް ދާންވީކީ އެއް ވެސް،" އޭނާ ކިޔައިދިނެވެ.

ހުރިހާ އެންމެން މަސައްކަތެއް ނެތި ހުސްއަތާ ތިބީ ކީއްވެތޯ އެހުމުން އޭނާ ބުނީ، "މިހާރު މުސާރަ ނުދޭތީ މަސައްކަތް ހުއްޓާލައިގެން ތިބީ،" ކަމަށެވެ.

ދިރިއުޅެނީ އިންސާނުން އުޅެން ހެޔޮނުވާވަރު ތަނެއްގައި

އެ މަސައްކަތްތެރިން ދިރުއުޅެމުން އަންނަނީ ވެސް ހަދަމުންދާ ޓަވަރުތަކުގަ އެވެ. އެ މީހުން އުޅެމުންދާ "ހާލު" ދައްކާލުމުނަށް އެތަނުން އެކަކު އަހަރުމެނަށް ދައުވަތު ދިނުމުން ފަހަތުން ދިޔައީމެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަނަށް އެރުމަށް ބޭނުންކުރާ ސިޑި --- ފޮޓޯ: ސަން

އާދައިގެ ހިމަ ދަގަނޑުން ހަދާފައި ހުރި ސިޑިން އަރައިގެން ދިޔައިރު ދެ އަތަށް ހަލުވަ އެވެ. ފުރަތަމަ ފަންގިފިލާއަށް އެރި އިރު ފެނުނީ ބާވެ ޗަސް ވެފައިވާ ސޯފާ އެކެވެ. ހީކުރީ އެއީ އެމީހުންގެ ސިޓިން ރޫމް ކަމަށެވެ. އެތެރެއަށް ވަދެލުމުން ފެނުނީ ކަނދު އަތުރާފައި ހުރި ހެން ދެ އަތަށް މީހުން އަތުރާލާފައި ތިބިތަނެވެ. އެއީ އެ މީހުން ނިދާ ތަނެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަން --- ފޮޓޯ: ސަން

ކިތައް މީހުން މިތަނުގައި އުޅޭ ތޯ ސުވާލު ކުރުމުން އެތަނުން މީހަކު ޖަވާބުގައި ބުނީ 65 މީހުން އުޅޭނެ ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަން --- ފޮޓޯ: ސަން

އެ މީހުން ކައްކައި ކައިބޮއި ހަނދަނީ ވެސް އެތަނުގެ ތެރޭގަ އެވެ. ޖުމްލަ 65 މީހުނަށް ހުރީ ދެ ފާހަނާ އެވެ. ފެންވެރުމަށް ދެ ތިން މާގަނޑު ކަހަލަ ހޮޅިތަކެއް ކައިރި ކައިރީގައި ބަހައްޓާފައި ހުއްޓެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ 65 ބިދޭސީ މަސައްކަތްތެރިން ބޭނުންކުރާ ދެ ފާހާނާއާއި ފެންވަރާ ތަން --- ފޮޓޯ: ސަން

މި ބިދޭސީންގެ ކެތްތެރިކަން ކޮޅުންލަނީ!

އެ މީހުނަށް ގިނަ މަސްތަކެއްގެ މުސާރަ ނުލިބުމުގެ ސަބަބުން މީގެ ކުރިން ވެސް ވަނީ އެ ފްލެޓްތަކުގެ ކައިރީގައި އަޑު އުފުލާފަ އެވެ. ނަމަވެސް އެ ފަހަރު ވެސް ފުލުހުން އައިސް އެ މީހުން "މައިތިރި" ކުރީ އެވެ. އެ މީހުން ބަސް އެހި އެވެ. އެކަމަކު މައްސަލައަށް ހައްލެއް ނުލިބެ އެވެ.

އެ މީހުންގެ ތެރެއިން ބައެއް މީހުންގެ ވާހަކަތައް ހުރި ގޮތުން "ބޮޑުފިނޮޅު ހާދިސާ" އިން ހިތްވަރު ލިބެގެން ތޮށިގަނޑު ފަޅާލާފައި މި މީހުން ވެސް ބޭރަށް ނިކުތީ އެވެ. ދޭތިން އެކައްޗަށެވެ.

"އަހަރުން ދެން މުސާރަ ނުދެނީމަ މަސައްކަތް ނުކުރަނީ،" ބިދޭސީއަކު ބުންޏެވެ.

"އަހަރުމުން ބުނެފިން އަހަރުންގެ މުސާރައިން ޓިކެޓް ނަގައިދީގައި ރަށަށް ފޮނުވަ ދޭށޭ. އޭތިވެސް ނުކުރަނީ. ދެން އަހަރުމެން ކިހިނެއް ހަދަން ވީ؟ ގޮތް ހުސްވެފައި ހުރި އޭނާ އާދޭހުގެ ރާގަކަށް އަހަރެންނާ ސުވާލު ކުރި އެވެ.

ބިދޭސީ އެ މަސައްކަތްތެރިންގެ ފަރާތުން ހަދަން ފަށާފައިވާ ފްލެޓްތަކަށް ލިބިދާނެ ގެއްލުންތަކާއި އެހެން ވެސް ނުރައްކާތަކަށް ބަލައި އެމްއެންޑީއެފްގެ ގިނަ އޮފިސަރުންތަކެއް އިއްޔެ ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ތަން --- ފޮޓޯ: ސަން

އެ މައްސަލައާ ގުޅިގެން ބިދޭސީ މަސައްކަތްތެރިން ނިސްބަތްވާ އައިލެންޑް އެކްސްޕާޓްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ދާރުންނަކީ ވެސް ބިދޭސީ ބައެކެވެ.

މިއީ، ބޮޑު ފިނޮޅު މައްސަލަ ގޮތަށް އަނެއްކާ ވެސް ހުޅުފަޅައިގެން ހިނގައިދާނެ ބޮޑު މައްސަލަ އެކެވެ. މިވެން ހިއުމަން ޓްރެފިކުންގެ ގޮޅިއަށް ފެތޭނެ އަނެއް މައްސަލަ އެވެ.

comment ކޮމެންޓް