މިފްކޯއިން ހޯމް ޑެލިވަރީގެ ހިދުމަތް ފަށައިފި

މިފްކޯ މަސް ފިހާރަ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިފްކޯއިން ހޯމް ޑެލިވަރީގެ ހިދުމަތް ފަށައިފިއެވެ.

މާލެއާއި ހުޅުމާލޭގެ މިފްކޯ ފިހާރަތަކުން ގޭގެއަށް، މިފްކޯގެ އުފެއްދުންތައް މިހާރު ގެންގޮސްދޭނެއެވެ.

މީގެ ކުރިން ކޮވިޑް19 އާއި ގުޅިގެން މަސްފިހާރަތަކުގެ ވިޔަފާރި ކުއްލިގޮތަކަށް ބަންދު ކުރަންޖެހި، މިފްކޯއިން ވަނީ ހޯމް ޑެލިވަރީގެ ހިދުމަތް ކުޑަ ދުވަސްކޮޅަކަށް ދީފައެވެ. ނަމަވެސް ރޯދަމަސް ކައިރިވެފައި އޮތުމާއެކު ޑެލިވަރީ އޯޑަރުތައް ބާރު ބޮޑުވެ، ޑެލިވަރީ ހުއްޓާލާ ފިހާރައިގެ ވިޔަފާރި އަނެއްކާވެސް ފެށިއެވެ. އޭރުވެސް މިފްކޯއިން ވަނީ ސަލާމަތީ ފިޔަވަޅުތަކާއެކު ގިނަ ކަސްޓަމަރުންތަކަކަށް ހިދުމަތް ފޯރުކޮށްދީފައެވެ.

މިފްކޯއިން ބުނީ މިފަހަރު ރަސްމީކޮށް ޑެލިވަރީގެ ހިދުމަތް ފަށަނީ ފަސޭހަ އިންތިޒާމުތަކަކާއެކު ކަމަށެވެ. ޑެލިވަރީ އޯޑަރު ނަގާނީ އެކަމަށް ހާއްސަ ހޮޓްލައިން މެދުވެރިކޮށެވެ. އެގޮތުން މަސްފިހާރަ ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 3:00 އަށް އޯޑަރު ނަގާނެ އެވެ.

ހޯމް ޑެލިވަރީއަށް މާލެއިން އޯޑަރު ދިނުމަށް ގުޅާނެ ނަންބަރަކީ 3335533 އެވެ. ހުޅުމާލެއިން ނަމަ 3351002 އެވެ.

އެދުވަހަކު ލިބޭ އޯޑަރުގެ އަދަދަކަށް ބަލައި، މެންދުރު 2:00 ގެ ކުރިން ލިބޭ އޯޑަރުތައް އެ ދުވަހަކު ޑެލިވަރީ ކޮށްދޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.

މި ހިދުމަތް ދޭނީ 200 ރުފިޔާ އިން މަތީގެ އޯޑަރުތަކަށެވެ. ޑެލިވަރީ ފީގެ ގޮތުގައި އެއްވެސް އަގެއް ނުނަގާނެއެވެ.

މިފްކޯއިން ބުނީ ފަސްމީރު ބްރޭންޑުގެ ހުރިހާ އުފެއްދުމެއްވެސް ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އަދި ގަނޑުކުރި މަސްވެސް ތާޒާ ކަމާއެކު ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް