ކޮވިޑު ހޭދަ ބިލިއަނަކަށް

ޖޫން 8، 2020: އެމްޕީއެލް ސަރަހައްދުގައި އާރް އާރް ޓީމްތަކުން ރެންޑަމް ސާމްޕަލް ނެގުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން އެންމެ ބޮޑު ހޭދައެއް ކުރަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާއި ހެލްތު މިނިސްޓްރީ އިންނެވެ. ފިނޭންސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން މިދިޔަ ހަފްތާ ހެލްތު މިނިސްޓްރީ އިން ވަނީ 13.2 މިލިއަން ރުފިޔާގެ އަގުހުރި އިކުއިޕްމެންޓު ރާއްޖޭގެ ރަށްރަށަށް ފޮނުވައިފައެވެ. މިއީ ކޮވިޑް19 އާއި ގުޅިގެން ކުރާ ޓެސްޓުތައް ހެދުމަށް ބޭނުންވާ މެޝިނަރީ އާއި ސާމާނެވެ.

މީގެ އިތުރުން މިދިޔަ ހަފްތާ އެންޑީއެމްއޭއިން ދަތުރުފަތުރަށް ކުރި ހަރަދު އޭގެ ކުރީ ހަފްތާ އަށްވުރެ 13.3 ޕަސެންޓް އިތުރު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެންޑީއެމްއޭ އިން ދަތުރުފަތުރަށް 14.6 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

މިހާތަނަށް ކޮވިޑާ ގުޅިގެން އެންޑީއެމްއޭ އިން 665.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ހެލްތު މިނިސްޓްރީ އިން ވަނީ 162.6 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކޮވިޑާ ގުޅިގެން ފޯރުކޮށްދެންޖެހޭ ހިދުމަތްތައް ދިނުމަށާއި ބޭނުންވާ ސާމާނު ހޯދުމަށެވެ. އެކަމަށް 478.7 މިލިއަން ހޭދަކޮށްފައިވެއެވެ. ކޮވިޑާ ގުޅިގެން ހޯދަންޖެހުނު މެޝިނަރީސްތަކަށް ނުވަތަ ކެޕިޓަލް އިކުއިޕްމެންޓުތަކަށް 194.7 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ސަބްސިޑީ ނުވަތަ އެހީގެ ގޮތުގައި ސަރުކާރުން ވަނީ މި މުއްދަތުގެ ނިޔަލަށް 114.7 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އޮޕަރޭޝަނަލް މަސައްކަތްތަށް 74.3 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

މި މަސައްކަތުގައި ބޭނުންކުރާ އިމާރާތްތަކަށް 59.9 މިލިއަން ރުފިޔާ ހޭދަކުރި އިރު ދަތުރުތަކަށް 18.7 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

ކޮވިޑާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ 2،507 ފަރާތަކަށް މިހާތަނަށް 10.1 މިލިއަން ރުފިޔާ އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކޮށްފައިވާއިރު ކޮވިޑް ރިކަވަރީ ލޯން ސްކީމުގެ ދަށުން ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް 339.7 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެސްޑީއެފްސީ މެދުވެރިކޮށް 118.5 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.

ކޮވިޑާ ގުޅިގެން ގާއިމްކުރި ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަން ހެލްތު އިމަޖެންސީ ސެންޓަރަށް ބަދަލުކޮށް، ނިއު ނޯމަލްގެ ތިންވަނަ ފިޔަވަހި މިހާރު ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް