މާލެ ކައިރިން ގޭސްފުޅިތަކެއް އޮޔާދާތީ ސަމާލުވާން އެދެފި

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ގޭސްފުޅިތަކެއް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ތިލަފުށިން ފުރައިގެން މާލެ ދަތުުރުކުރި ދޯންޏަކުން ގުޅީފަޅު ނެރުމައްޗާ ދިމާލުން ގޭސްފުޅިތަކެއް ކަނޑަށް ވެއްޓި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިއަދު ހަވީރު 3:00 ހާއިރު މޯލްޑިވްސް ގޭސް ކުންފުނީިގެ "ގޭސްމާ" ނަމަކަށް ކިޔާ ދޯންޏަކުން ކަނޑަށް ވެއްޓިފައި ވަނީ ފެހި ކުލައިގެ 10 ކިލޯގެ 6 ގޭސްފުޅި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެހެންކަމުން މި ސަރަހައްދުން ދަތުރުކުރާ ފަރަތްތަކުން މިކަމަށް ސަމާލުވުމަށާއި ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރި އެވެ.

މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް