ދިލް ބޭޗާރާ ޓްރެއިލާ ބަލާފައި ރޮވިއްޖެ ދޯ!

ދިލް ބޭޗާރާގެ ޕޯސްޓަރެއް: މިއީ ސުޝާންތު ފެނިގެންދާ އެންމެ ފަހު ފިލްމު---

މިދިޔަ މަހު 14 ވަނަ ދުވަހު މަރުވި ޒުވާން ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް ފެނިގެންދާ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ހޮލީވުޑް ފިލްމު، 'ދަ ފޯލްޓް އިން އަވާ ސްޓާޒް'ގެ ހިންދީ ރީމޭކުގައި ސުޝާންތު އާއެކު ލީޑު ރޯލުން ފެނިގެންދާނީ ސަންޖަނާ ސަންގީއެވެ. ސަންޖަނާ ވަނީ މީގެ ކުރިން ވަރަށް އިޝްތިހާރުތަކުންނާއި ފިލްމުތަކުގައި ވަރަށް ކުދި ކުދި ރޯލުތަކުން ފެނިގެން ގޮސްފަ އެވެ.

ސުޝާންތުގެ ގިނަ ފޭނުން ތިބީ މި ފިލްމުގެ ޓްރެއިލާ ބެލުމަށް ކެތްމަދުވެފައެވެ. ފިލްމުގެ ޓްރެއިލާ އާންމުކުރިތާ ގަޑިއިރެއްގެ ތެރޭގައި ވެސް ޓްރެއިލާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ މުކޭޝް ޗާބްރާއެވެ. މުކޭޝް ބުނީ ސުޝާންތު އާ ނުލައި ފިލްމު ރިލީޒްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ސުޝާންތު އާ ނުލައި ފިލްމު ރިލީޒްކުރަން ޖެހިދާނެކަމަށް ކުޑަވެސް އުންމީދެއް ނުކުރާ ކަމަށެވެ. އަދި ސުޝާންތު އަކީ ހަމައެކަނި ފިލްމުގެ ހީރޯ ނޫންކަމަށާއި އޭނާ އަކީ ހުރިހާ ގޮތަކުން ވެސް ހީރޯ އެއް ކަމަށެވެ. މުކޭޝް ޗާބްރާގެ އަލަތު ޑައިރެކްޝަން ފިލްމު "ދިލް ބޭޗާރާ" ކުޅުމަށް ސުޝާންތު ވައުދުވި ކަމަށާއި އެ ވައުދު އޭނާ ފުއްދައިދިން ކަމަށްވެސް އޭނާ ބުންޏެވެ.

"ސްކްރިޕްޓްވެސް ނުކިޔާ ވަގުތުން ފިލްމު ކުޅެން ސުޝާންތު އެއްބަސްވީ."

ދިލް ބޭޗާރާގެ ޓްރެއިލާއިން ރޮއްވާލާ ފަދަ މަންޒަރުތަކެއް ފެނިގެންދާއިރު ފޭނުން ބުނަނީ ޓްރެއިލާ ބަލަމުން ދިޔައިރު ރޮވުނު ކަމަށެވެ. ސުޝާންތުގެ ފިލްމެއް ފެނިގެންދާ ފަހު ފަހަރަށް ވުމުންނެވެ. ސުޝާންތުގެ ފޭނުން ތިބީ "ދިލް ބޭޗާރާ" ބޮޑު ހިޓަކަށް ހެދުމަށް ތައްޔާރަށެވެ. މި ފިލްމު މަހު 24 ވަނަ ދުވަހު ހޮޓްސްޓާއިން ދައްކާނެއެވެ.

comment ކޮމެންޓް