މެސީގެ ފުޓުބޯޅަ ހަޔާތް ނިންމާލާނީ ބާސެލޯނާގައި: ބާޓޮމިއު

ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ ރޭގެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށްފަހު --- ފޮޓޯ/ޖޯ ރައިޓް

ބާސެލޯނާގެ ކެޕްޓަން އަދި އެ ކުލަބުގެ ރެކޯޑް ގޯލް ސްކޯރާ ލިއޮނެލް މެސީ އޭނަގެ ފުޓުބޯޅަ ހަޔާތް ނިމެންދެން އެ ކުލަބުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުލަބުގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމިއު ބުނެފި އެވެ.

އެންމެ ފަހުން ބާސެލޯނާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫން މަހުގައެވެ. އެހެން ނަމަވެސް މެސީ މިހާތަނަށް އޭނަގެ ކޮންޓްރެކްޓް އައު ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށާއި، އޭނާ ބޭނުންވަނީ ކުލަބު ދޫކޮށް ދާން ކަމަށް ބުނެ ގިނަ "ޔޯލަ" ވާހަކަތަކެއް މިފަހުން ވަނީ ފެތުރިފަ އެވެ.

މިދިޔަ މަހު އުމުރުން 33 އަހަރު ފުރުނު މެސީގެ ފުޓުބޯޅަ ކެރިއަރުގައި މިދިޔަ އަންގާރަ ދުވަހާއި ހަމައަށް ވަނީ 700 ގޯލް ކާމިޔާބު ކޮށްފައެވެ. މެސީ މި ކާމިޔާބީ ހޯދިފައި މިވަނީ ފާއިތުވެދިޔަ 15 އަހަރު މުއްދަތުގައެވެ.

ބާސާގެ އެއްބަސްވުން ނިމުމަކާއި ކައިރިވެފައި ވަނިކޮށް މެސީ އެހެން ޓީމަކަށް ދާން އުޅޭ ކަމުގެ ޚަބަރު ފެތުރިފައި މިވަނީ، ޓީމުގެ ކޯޗް ކަމުން އަރނެސްޓޯ ވަލްވެރޑޭ ވަކި ކުރުމާއި، ސްކޮޑުގެ ކުޅުންތެރިންގެ ފެންވަރާއި މެދު މެސީ ހިތްހަމަނުޖެހިފައި ހުރި ކަމަށް ރިޕޯޓްތައް ބުނަމުންދާ ދަނޑިވަޅެއްގައި ވެސް މެއެވެ.

އެކަމަކު މެސީ ބާސެލޯނާ ދޫކޮށް ނުލާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި، މެސީގެ ކޮންޓްރެކްޓާ މެދު ހާސްކަމެއް ނެތްކަމަށް އެކުލަބުގެ ރައީސް ބާޓޮމިއު ވަނީ ބުނެފަ އެވެ.

"ކުލަބުގައި ތިބި ގިނަ ކުޅުންތެރިންތަކެއްގެ ކޮންޓްރެކްޓް އިތުރު ކުރުމަށް މިހާރު މިދަނީ މަސައްކަތް ކުރަމުން. އޭގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަލަމުންދާ މެސީގެ ކޮންޓްރެކްޓް އައު ކުރާނެ ކަމުގެ ފެހި ސިގްނަލް އޭނާ މިހާރު ވަނީ ދީފައި،" ސްޕެއިނުގެ ނޫހެއް ކަމަށްވާ މޫވީސްޓާއަށް ދިން އިންޓަވިއުއެއްގައި ބާޓޮމިއު ބުނެފައިވެ އެވެ.

ބާޓޮމިއު ބުނީ މެސީ ބާސެލޯނާގެ ޖާޒީގައި އަދި ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ސީޒަނުގައި ބާސެލޯނާ އަތުން ލީގު ގެއްލުވާލުމަށް ބައެއް ރެފްރީން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުވެސް ބާޓެމިއު ކޮށްފައިވާ އިރު އޭނާ ބުނީ ކޮވިޑަށް ފަހު އަލުން ލީގު ފެށި އިރު ގިނަ މެޗުތަކެއްގައި ބާސެލޯނާގެ މެޗުތަކުގައި ހަރަކާތްތެރިވެފައިވާ ރެފްރީންގެ ނިންމުންތައް އިންސާފުވެރި ނޫންކަމަށެވެ.

comment ކޮމެންޓް