ޓޫރިޒަމްގެ މުހިންމު ބައެއް މާކެޓުތައް އިޔާދަވާން ދެ އަހަރު ނަގާފާނެ: ދިރާސާ

މާޗް މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ފަޅަށް. ޖުލައި 15ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލަން ސަރުކާރުން ވަނީ ނިންމާފައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މައިގަނޑު މާކެޓުތަކަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާތީ، ބައެއް މާކެޓުތައް އިޔާދަވާން ދެ އަހަރު ނަގާފާނެ ކަމަށް ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

"ކޮވިޑް19ގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް މަތިވެފައިވާ ޖަދަލުތައް"ގެ ނަމުގައި އާންމުކުރި އެ ދިރާސާއިން ދައްކާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓުތަކުގެ ޑިމާންޑު ކޮވިޑް19 ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން ހުރި މިންވަރަށް އިޔާދަވާން ވަރަށް ގިނަ ދުވަސް ނަގާނެ އެވެ.

މިގޮތުން ޗައިނާއާއި އިނގިރޭސިވިލާތުގެ މާކެޓު އިޔާދަވާން ގިނަ ދުވަސް ނަގާނެ ކަމަށާއި އޭގެ ތެރެއިން އިނގިރޭސިވިލާތުގެ މާކެޓު މިއަންނަ އަހަރު އިތުރަށް ދަށްވެދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މި ދިރާސާއާއެކު މިއަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރުގެ އަންދާޒާއެއް ވެސް ވަނީ ހިމަނާފަ އެވެ. އެ އަންދާޒާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ހަތް ގައުމު (ޗައިނާ، އިންޑިއާ، ޔޫކޭ، ފްރާންސް، އިޓަލީ، ރަޝިއާ އަދި ޖާމަނީ)ގެ ޑިމާންޑަށް އެންމެ ރަނގަޅު ހާލަތް އަދި އެންމެ ގޯސް ހާލަތުގައި އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކުގެ އަލީގައި ތައްޔާރުކޮށްފައިވާ އަންދާޒާއެކެވެ.

އޭގެ ތެރެއިން އެންމެ ރަނގަޅު ހާލަތް (ބޭސިކް މޮޑެލް)ގައި މި ހިނގާ ޖުލައި މަހު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 98،169 ފަތުރުވެރިންނެވެ. އަދި އަހަރު ނިމޭއިރު ޖުމުލަ 1،007،014 ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެންމެ ގޯސް ހާލަތް (ކޮމްބައިން މޮޑެލް)ގައި މި މަހު އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 10،595 ފަތުރުވެރިންނެވެ. އަދި މިއަހަރު އަންނާނެ ކަމަށް ލަފާކުރެވޭ ފަތުރުވެރިންގެ ޖުމުލަ އަދަދަކީ 450،134 އެވެ. ކޮމްބައިން މޮޑެލްއަކީ ކޮވިޑް19އާ ގުޅިގެން ޓޫރިޒަމް ސިނާއަތުގެ ސަޕްލައިއަށް ހުރި ގޮންޖެހުންތަކާއެކު ތައްޔާރުކޮށްފައިވާ މޮޑެލްއެކެވެ.

މި މޮޑެލްތަކުގެ އަންދާޒާތައް ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކާ ހިއްސާކޮށް، ހިޔާލު ހޯދަން ތިން ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އެ ބައްދަލުވުންތަކުގައި ގިނަ ފަރާތްތަކުން އެއްބަސްވެފައިވަނީ އެންމެ ރަނގަޅަށް އަންދާޒާ ކޮށްފައިވަނީ ކޮމްބައިން މޮޑެލް އެވެ.

އެމްއެންޔޫގެ މި ދިރާސާގެ ސާވޭގައި ބައިވެރިވެފައިވަނީ ޖުމުލަ 64 ފަރާތަކުންނެވެ. އެއީ 40 ގެސްޓްހައުސް، 16 ރިސޯޓު، ހަ އުޅަނދު އަދި ދެ ހޮޓެލް އެވެ.

comment ކޮމެންޓް