ކެލާގެ ކުނިކޮށީގައި ނުނިމި ހުރި މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފި

ކެލާގައި ކުނި މެނޭޖުކުރާ މަރުކަޒު ހަދާ ސަރަހައްދު-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ހއ. ކެލާގައި ގާއިމްކުރާ ކުނި މެނެޖުކުރާ މަރުކަޒުގެ ނުނިމި ހުރި މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ މަންގަނޑު ކުންފުންޏާއެވެ. އެ މަސައްކަތް ހަވާލުކުރީ ބީލަމަށް ލައިގެންނެވެ.

މިއީ ކެލައަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަންނީ ލަފައާއިއެކު، ކުރިއަށްގެންދާ މަސައްކަތެކެވެ.

ޕަބްލިކް ސަރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިން ޚަރަދުކޮށެގްން ކުރިއަށްގެންދާ އެ މަސައްކަތަށް ޖުމްލަ 496،502.50 ދިވެހި ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފަ އެވެ.

އެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 90 ދުވަހުންނެވެ.

މީގެ ކުރިން ކެލާގައި ކުނި މެނޭޖްކުރުމުގެ މަރުކަޒު ހަދަން އަވޭވާ ކޮންސްޓްރަކްޝަންއާ 2017 ވަނަ ޑިސެމްބަރު މަހު ހަވާލުކުރިއެވެ. އެ މަސައްކަތް އެ ކުންފުންޏާ އޭރު ހަވާލުކުރީ 1.25 މިލިއަން ރުފިޔާއަށެވެ.

ކުނި މެނޭޖްކުރާ މަރުކަރުގެ މަސައްކަތް އަވޭވާއިން ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފުރާން "ސަން" އަށް ވިދާޅުވީ އަވޭވާ ކުންފުނިން މަސައްކަތުގެ 60 ޕަސެންޓް ނިންމިކަމަށެވެ. ނަމަވެސް އެ މަސައްކަތް ތާވަލުގައި ނުނިމުމާއެކު އެގްރިމަންޓް ފަހުން ވަނީ ބާތިލްކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް