ޖޭއެސްސީގައި އިންނަވާ މަޖިލިސް ރައީސް އަކީ ސިޔާސީ ބޭފުޅެއް ނޫން: ނަޝީދު

15 ޖޫން 2020: މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރެއްވުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރެއްގެ ގޮތުގައި އިންނަވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ އެއްގޮތަކަށް ވެސް ސިޔާސީ ބޭފުޅެއް ނޫންކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވެފައި ވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ، ހަސަން ނަޖީބު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ނިންމައި، ޖޭއެސްސީން ފޮނުވި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ތޯރިގު ވަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅު ނުފުއްދަވާ ނަމަ، ފަނޑިޔާރުގެ އިސްލާހު ނުވާނެ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޖޭއެސްސީއަކީ ސިޔާސީ ހަރުގެ އެއް ކަމަށް ސިފަކުރައްވައިފަ އެވެ.

"ގައުމަށް ރަނގަޅަށް ކަމެއް ކޮށްދޭނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ވީ ވައުދު ފުއްދަވާ. އެޖެންޑާ19 އަށް މިހާރު އެއް އަހަރުވެގެން ހިނގައްޖެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދި ސޯލިހުގެ ވެރިކަމަށް ދޮޅު އަހަރު ފާއިިތުވެގެން ދިޔައީ. ވައުދު ފުއްދަވާ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން އެކަން އޮންނަންވީ ރަނގަޅު ގޮތަކަށް ބަދަލުކޮށްދެއްވާ،" މެމްބަރު ވިދާޅުވި އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން:

ކޮމިޝަންގެ ރައީސް:

ހިސާން ހުސައިން - ރައްޔިތުންްގެ މަޖިލީހުގެ މެންބަރުންގެ އެމަޖިލީހުން ކަނޑައަޅާ މެންބަރު

ކޮމިޝަންގެ ނައިބު ރައީސް:

މަސްތޫރު ހުސްނީ - ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު

ކޮމިޝަންގެ މެމްބަރުން:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
  • އުއްތަމަ ފަނޑިޔާރު ފިޔަވާ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިހާބުކޮށްފައިވާ
    ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު
  • ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު އަލީ ސަމީރު
  • ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު އަލީ ޝަރީފް
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެމްބަރު
  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް
  • ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު
  • ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބުކުރެއްވި ގާނޫނީ ވަކީލު އަބްދުލްމާނިއު ހުސައިން

މެމްބަރު ތޯރިގު ވިދާޅުވީ އެއްވެސް ފަނޑިޔާރަކަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވެވޭނެ ކަމަށާއި، ބައިވެރިވާނަމަ އެކަން ބަލައި ފިޔަވަޅުވެސް އަޅަންޖެހޭނެ ކަމަށެވެ.

ނަމަވެސް މިހާރު ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަނީ، އެމްޑީޕީގެ މެޖޯރިޓީ ޖޭއެސްސީގައި އޮތުމުން، އެ ޕާޓީން ހިތްހަމަނުޖެހޭ ފަނޑިޔާރުން ވަކިކޮށް ބޭރުކުރުމަށް ކަމަށް ތޯރިގު ވިދާޅުވި އެވެ.

"އެހެންވީމާ ސިޔާސީ އިދިކޮޅު ފަރާތަކާ ގުޅުން އޮތް ފަނޑިޔާރެއް ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވި ފަނޑިޔާރެއް ކަމަށް ބުނެ އެ ފަނޑިޔާރުގެ ސުލޫކީ މައްސަލަ ބަލާއިރު ކޮން ބައެއްތޯ މި މައްސަލަ ބަލަން މި ތިބީ. ގައުމުގައި ތިބި އެންމެ ބޮޑެތި ސިޔާސީ ބޭފުޅުން. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރާ، ބަންޑާރަނައިބާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ އަދި ރައްޔިތުންްގެ މަޖިލީހުގެ އެންމެ ބޮޑު ސިޔާސީ ޖަގަހައިން ފޮނުވާ އިއްޒަތްތެރި މެމްބަރެއް،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގުގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ 2008 ވަނަ އަހަރު ޖޭއެސްސީ އުފެދުނީއްސުރެ، އެ ކޮމިޝަނުގައި ތިބެނީ ގާނޫނު އަސާސީ ބުނާގޮތުން، ތިބުން ލާޒިމުކުރާ މީހުން ކަމަށެވެ.

"އަދި އޭގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެއްގޮތަކަށް ވެސް ސިޔާސީ ބޭފުޅެއް ނޫން. ކުޑަކޮށްވެސް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދަށް ރައްދު ދެއްވައި މެމްބަރު ތޯރިގު ވިދާޅުވީ، ޖޭއެސްސީ ސިޔާސީ ހަރުގެއަކަށް ވަނީ ގާނޫނުއަސާސީގައި ލިޔެފައިވާ ގޮތުން ކަމަށެވެ.

"އެކަމު އިއްޒަތެރި މެމްބަރު ގަބޫލުފުޅުކުރައްވަން ދެއްތޯ މަޖިލީހުގެ ރައީސަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ތޯރިގު ވިދާޅުވީ މަޖިލިސް ރައީސަކީ މީގެކުރިން ރާއްޖޭގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަށްވުރެ "ސިޔާސީ ބޭފުޅެއް މި ގައުމުގައި ނުވެސް ހުންނަވާނެ" ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުނުކުރާހާ ހިނދެއްގައި ދިވެހި ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހުވާނެ އެއްވެސް ގޮތެއް ނޯންނާނެ،" ތޯރިގު ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެމްޑީޕީން ދެއްކި ވާހަކައެކެވެ. އެ ވާހަކަތަކާ އެއްްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލުއައުން ލަސްވެގެން މީގެކުރިން ވެސް އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގައި އެވާހަކަ ދައްކަވައިފަ އެވެ.

މީގެކުރިން މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނު ޖޭއެސްސީ އާ ދުރަށް ޖެހިވަޑައިގަތުމަކީ ރާއްޖެ އަށް ލިބޭނެ އެންމެ ބޮޑު ބޮނޑި ކަމަށެވެ.

comment ކޮމެންޓް