ކޮރޯނާވައިރަސް ވައިގެ ތެރެއިން ފެތުރޭ ކަމަށް ސައިންސްވެރިން ބުނެފި

ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11 މިލިއަނަށް އަރާފަ -- ފޮޓޯ: ރޮއިޓާސް

ޖެނީވާ (ޖުލައި 6): އާ ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ފެތުރޭ ކަމުގެ ހެކި އެބަހުރި ކަމަށާއި ވައިރަސް ފެތުރުން ހުއްޓުވުމާ ބެހޭ ގޮތުން ދޭ އިރުޝާދުތައް ބަދަލު ކުރަން ޖެހޭ ކަމަށް 239 ސައިންސުވެރިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އަށް ފޮނުވި ސިޓީއެއްގައި ބުނެފި އެވެ.

ޑަބްލިޔުއެޗްއޯގެ ގައިޑްލައިންސްގައިވާ ގޮތުން ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ކޮންމެވެސް ވަރަކަށް ފެތުރުނު ނަމަވެސް ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހި އަޅާ އިރު ނުކުންނަ ދަވަ އެހެން މީހަކަށް ވާސިލު ވުމުންނެވެ. އަދި ވައިގެ ތެރޭގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އާ ފިޔަވަޅުތައް އެޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެފަދަ ފިޔަވަޅު އެޅި ނަމަވެސް ވައިރަސް ފެތުރުން ހުއްޓުވުމުގައި މާބޮޑު ތަފާތެއް ނާންނާނެ ކަމަށް ސިއްހަތު ޖަމްއިއްޔާއިން ވަނީ ބުނެފަ އެވެ.

ނަމަވެސް 32 ގައުމެއްގެ 239 ސައިންސުވެރިން ޑަބްލިޔުއެޗްއޯއަށް ފޮނުވާ ސިޓީގައިވާ ގޮތުން ވައިރަސް ކްލަސްޓާތަކުން ލިބެމުންދާ މައުލޫމާތުން ދޭހަވާ ގޮތުގައި ވައިރަސް ވައިގެ ތެރެއިން ފެތުރުމުގެ ނުރައްކާ ޑަބްލިޔުއެޗްއޯއިން ބުނާ ވަރަށް ވުރެ ބޮޑެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯއިން އެފަދައިން ބުނަމުން ދަނީ، ވައި ރަނގަޅަށް ދައުރުވާ ހޮސްޕިޓަލްތަކުގައި ހަދާފައިވާ ދިރާސާތަކަށް ބިނާކޮށް ކަމަށާއި އާއްމު ގޮތެއްގައި އެހެން އިމާރާތްތަކުގައި އެގޮތަށް ވައި ދައުރު ނުވާނެ ކަމަށް އެމެރިކާގެ ވާޖީނިއާ ޓެކް ޔުނިވާސިޓީގައި މަސައްކަތް ކުރައްވާ އެޔާބޯން ވައިރަހުގެ މާހިރެއް ކަމަށްވާ ލިންސޭ މާ ވިދާޅުވި އެވެ. އަދި ވައި ދައުރު ނުވާ ތަންތަނުގައި ވައިރަސް ހުންނަ މިންވަރު އިތުރުވާނެ ކަމަށާއި އޭގެ ސަބަބުން ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސިޓީގައި ސޮއި ކުރި ސައިންސުވެރިން ދަނީ ވައިރަސް ވައިގެ ތެރޭގައި ފެތުރޭކަން ދައްކުވައިދޭ ހެއްކާ އެކު އަންނަ ހަފްތާގައި އެ ސިޓީ ސައިންޓިފިކް ޖާނަލްއެއްގައި ޝާއިއު ކުރުމަށް ތައްޔާރު ވަމުންނެވެ. ނަމަވެސް ޑަބްލިޔުއެޗްއޯގެ އިންފެކްޝަން ކޮންޓްރޯލްގައި އިސްކޮށް ހުންނަވާ ޑރ. ބެނެޑެޓާ އަލްގްރަންޒީ ވަނީ ވައިރަސް ވައިގެ ޒަރިއްޔާއިން ފެތުރޭ ކަމަށް ދޭހަވާ ވަރަށް ސާފު އަދި ހަރުދަނާ ހެކި އަދި ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ބަހުސް އުފެދޭ ކަމެއް ކަމަށާއި އެކަމާ ބެހޭ ގޮތުން ޑަބްލިޔުއެޗްއޯއިން ދިރާސާތައް ހަދަމުންދާ ކަމަށް އެޖަމްއިއްޔާއިން ބުންޏެވެ.

ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ފެތުރޭކަން ސާބިތުވެއްޖެ ނަމަ ކަމާ ބެހޭ މާހިރުން ވަނީ ގެއިން ބޭރުގައި އުޅޭ އިރު، ސްކޫލުތަކާއި އޮފީސްތަކާއި ވިޔަފާރި ކުރާ ތަންތަނުގައިވެސް އަބަދުވެސް މާސްކު އަޅައިގެން ތިބުމަށް ލަފާ ދީފަ އެވެ. އަދި ބަންދުވެފައިވާ ތަންތަނުގައި ވައި ދައުރުވެވޭ ގޮތަށް ހެދުން މުހިއްމުކަން ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް