މިލަދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ނ. މިލަދޫގައި ޔޫތް މިނިސްޓްރީން ގާއިމު ކުރި ފުޓްސަލް ދަނޑު --- ފޮޓޯ/ޔޫތް މިނިސްޓްރީ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ނ. މިލަދޫގައި ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

ސަން ބްރަދަރ ކުންފުންޏާއި ހަވާލުކޮށްގެން މިނިސްޓްރީއިން ކުރިޔަށް ގެންދިޔަ މަސައްކަތަށް ގާތްގަނޑަކަށް އެއް މިލައަން ތިރީސް ފަސް ހާސް ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެކެވެ. މި މަސައްކަތް އެ ކުންފުނިން ނިންމާފައިވަނީ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައެވެ.

މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ނިންމާލާފައިވަނީ މިލަދޫ ކައުންސިލާއި ޒުވާނުން އެދުނު ގޮތަށް ކަމަށެވެ.

ހަމައެހެންމެ މި ދަނޑަކީ ދެ ޖިންސްގެ ޒުވާނުން ވެސް ބޭނުންކުރާނެ ތަނެއް ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި ދަނޑުގެ މަސައްކަތް ނިންމާލުމަށް މިލަދޫ ކައުންސިލާއި ޒުވާނުން އަދި މިލަދޫ ހިމެނޭ ހޮޅުދޫ ދާއިރާާގެ މެމްބަރު ޔޫނުސް އަލީ ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ދިމާވި މާލީ މައްސަލަތަކާ އެކު މިނިސްޓްރީން މިއަހަރަށް ޕްލޭން ކޮށްފައިވާ ގިނަ މަޝްރޫއުތަކެއް ވަގުތީ ގޮތުން މަޑުޖެހިފައި އޮތް ނަމަވެސް ކޮންޓްރެކްޓަރުންނާއި ހަވާލު ކުރެވިގެން ފަށާފައިވާ މަސައްކަތްތައް ނިންމާލާނެ ކަމަށް މިނިސްޓްރު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި ކޮންޓްރެކްޓަރުންނަށް އެވޯޑް ކުރެވި މަސައްކަތް ނުފަށާ ހުރި މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި އަލުން ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް