ގުޅީފަޅުން ގެދޮރު ގަތް ފަރާތްތަކަށް 432،000 ރުފިޔާއާ ހަމައަށް ބަދަލުދެނީ

ގުޅީފަޅުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓެއް---- ސަން ފޮޓޯ: އަހްމަދު އާޒިފް

ގުޅީފަޅުން ގެދޮރު ގަންނަން ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައި ނުވާ ފަރާތްތަކަށް ބަދަލު ދިނުމަށް ގިނަ ގޮތްތަކެއް ސަރުކާރުން އިއުލާނުކޮށްފި އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް މަސައްކަތްކޮށް ނާކާމިޔާބުވި ފަރާތްތަކަށް ބަދަލު ދިނުމަށް ގިނަ ގޮތްތަކެއް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

"140 ފަރާތަކުން އެތަނުގައި ދިރިއުޅުމަށް ގެދޮރު ގަތުމަށް އެކި މަރުހަލާތަކުގައި މަސައްކަތްކޮށްފައިވޭ. ބައެއް ފަރާތްތަކުން ޑައުންޕޭމަންޓް ދައްކާފައި ބައެއް ފަރާތްތަކުން އެއަށްވުރެ ގިނައިން ވެސް ފައިސާ ދައްކާފައި އެބަހުރި،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ފަރާތްތަކަށް ސަރުކާރުން ބަދަލު ދޭން ނިންމާފައިވާ ގޮތްތަކުގެ ތެރޭގައި ހައުސިން ޔުނިޓު ގަނެވޭނެ އިތުރު ގޮތްތަކާއި ބަދަލުގެ ގޮތުގައި ފައިސާ ދިނުން އަދި އާ ހައުސިން ޔުނިޓެއް ގަންނައިރު އެތަނުގެ އަގުން ގުޅީފަޅުން ހައުސިން ޔުނިޓު ގަތުމަށް ކޮށްފައިވާ ހަރަދު އުނިވާ ގޮތަށް ހަމަޖައްސައިދިނުން ހިމެނެ އެވެ.

"ސަރުކާރުގައި އެބައޮތް މިކަމުގައި ނިންމުމެއް، އެ ނިންމުމަކީ ގުޅީފަޅުން ހައުސިން ޔުނިޓެއް ގަންނަން ފައިސާ ދައްކާފައިވާ ކޮންމެ ފަރާތަކަށް ބަދަލުގައި އެއް ހައުސިން ހުނިޓު މިއަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ގަނެވޭނެ ގޮތެއް، ލިބޭނެ ގޮތެއް ހަމަޖައްސައިދިނުން. ދެވަނަ ކަމަކަށް ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށް މި ނިމެމުންދާ ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓުތަކުގެ ތެރެއިން ޔުނިޓެއް [އެ ހައުސިން ޔުނިޓުތައް ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި] އެ ސްކީމުގެ ދަށުން ދޫކުރާ ހައުސިން ޔުނިޓަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ގަތުމުގެ ފުރުސަތު،"

ތިންވަނަ ކަމެއްގެ ގޮތުން މިނިސްޓަރު އަސްލަމް ފާހަގަކުރެއްވީ ގުޅިފަޅުން ހައުސިން ޔުނިޓު ގަތުމަށް ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދެއް ހައުސިން ޔުނިޓު ވިއްކަން ކަނޑައަޅާފައިވާ އަގުން އުނިކުރުމަށެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި މަހަކު ވަކި އަދަދަކަށް ފައިސާ ދޫކުރުމަކީ ވެސް އިތުރު ގޮތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހައުސިން ޔުނިޓު ނުލިބުމުގެ ސަބަބުން ބޯހިޔާވަހިކަމަށް މި މުއްދަތުގައި ކޮށްފައިވާ ހަރަދުގެ ބަދަލެއްގެ ގޮތުގައި 2017ވަނަ އަހަރުގެ ޑިސެމްބަރު 20ވަނަ ދުވަހުން ފެށިގެން ހިނގާ ކޮންމެ މަހަކަށް ތިން އަހަރު ދުވަހަށް 12،000 ރުފިޔާގެ ރޭޓުން ކޮމްޕެންސޭޝަނެއް ދިނުން. ޖުމުލަ މެކްސިމަކް ކެޕެއްގެ ގޮތުގައި 432،000 ރުފިޔާ." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގުޅީފަޅުން ހައުސިން ޔުނިޓެއް ގަތުމަށް ދެއްކި ފައިސާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ފައިސާ (432،000ރ)، އަލަށް ގަންނަ ހައުސިން ޔުނިޓެއްގެ އަގުން އުނިކުރުމަށްފަހު ބާކީވާ އަދަދު 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގަންނަ ހައުސިން ޔުނިޓުގެ އަގު، ކުރިން ދައްކާފައިވާ ފައިސާއަށް ވުރެ ކުޑަނަމަ އިތުރުވި އަދަދެއް އެ ފަރާތްތަކަށް އަނބުރާ ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަމައެއާއެކު ހިޔާ މަޝްރޫއުގެ ދަށުން އަޅާ ދެ ކޮޓަރީގެ ހައުސިން ޔުނިޓުތަކަށްވުރެ ބޮޑު ތަނެއް ބޭނުންވާ ފަރާތްތަކަށް، 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ތިން ކޮޓަރީގެ ހައުސިން ޔުނިޓެއް ގަތުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަހަރުގެ ޑިސެމްބަރުން ފެށިގެން އަންނަ އަހަރުގެ ޑިސެމްބަރާ ހަމައަށް ބަދަލުގެ ގޮތުގައި އިތުރަށް ފައިސާ ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ނަމަވެސް 2021 ވަނަ އަހަރުގެ ޑިސެމްބަރުގެ ފަހުން އެ ހިސާބަށް ތަނެއް ގަންނަން ސަރުކާރުގެ އިހުމާލުން ފުރުސަތު ނުދެވިއްޖެނަމަ، އެހިސާބުން ފެށިގެން އިތުރަށް ހިނގާ މަސްތަކަށް ކޮމްޕެންސޭޝަނެއްގެ ގޮތުގައި 12،000 ރުފިޔާ ދިނުމަށް ނިންމުން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ގުޅީފަޅުން ހައުސިން ޔުނިޓް ގަންނަން ފައިސާ ޚަރަދުކުރި ފަރާތްތަކަށް ބަދަލުދިނުމާ ގުޅޭގޮތުން އެފަރާތްތަކާ އެކު އެއްބަސްވުންތައް ހަދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2010ވަނަ އަހަރުގެ މާޗު މަހު ގުޅީފަޅު އިނގިރޭސިވިލާތުގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޕީޑީ)އާ ހަވާލުކޮށްފައި ވަނީ ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޓެޑާއެކު ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ގުޅީފަޅު ފުލުހުންގެ އެހީތެރިކަމާއެކު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔުން ---- ސަން ފޮޓޯ: އަހްމަދު އާޒިފް

ގުޅިފަޅު އާބާދުކުރަން ފެށި އެ މަޝްރޫއު ހުއްޓާލުމަށް އެ މަޝްރޫއު ހިންގާ ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (މިހާރު ޖީއެމްއައިޒެޑްއެލް) އަށް ރައީސް އޮފީހުން އެންގީ 2014 ވަނަ އަހަރު އެވެ.

comment ކޮމެންޓް