ބަލިވުމަކީ އައު ކުޅުންތެރިން ގެންނަން ޖެހޭ ސަބަބެއް ނޫން: ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ --- ފޮޓޯ/ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި ސައުތެމްޓަން އަތުން ބަލިވުމަކީ އައު ކުޅުންތެރިންތަކެއް ގެންނަން ޖެހޭ ސަބަބެއް ނޫން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސައުތަމްޓޮންގެ ދަނޑުގައި ރޭ ކުޅުނު މެޗުން ސިޓީ ބަލިވީ 0-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ސިޓީ ދެ ވަނާގައި އޮތީ 33 މެޗުން 66 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗަކީ މި ފަހަރު ލީގުގައި ސިޓީ ބަލިވި ނުވަ ވަނަ މެޗެވެ. އަދި ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އެއް ސީޒަނެއްގައި ލީގުގައި މި އަދަދަށް ބަލިވި ފުރަތަމަ ފަހަރެވެ.

ސައުތެމްޓަން ރޭގެ މެޗުން މޮޅުކޮށްދޭން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޗޭ އެޑަމްސް އެވެ. އުމުރުން 23 އަހަރުގެ އެޑަމްސް ޖެހި މި ގޯލަކީ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. މިފަހަރުގެ ސީޒަނުގައި ސައުތަމްޓޮންގެ ފަރާތުން އެންމެ ރަނގަޅަށް ކުޅުނު އެ މެޗުގައި އެ ޓީމުން ހޯދި މޮޅާ އެކު އޮތީ ތާވަލުގެ 13 ވަނަައިގަ އެވެ.

ރޭގެ މެޗުން ލިބުނު ބައްޔާއެކު ސިޓީއަށް ފާޑުކިޔުންތައް އަމާޒުވަމުންދާ އިރު ވޭތުވެ ދިޔަ ހަތަރު ވަރަކަށް ސީޒަނުގައި އެ ޓީމަށް ކުޅުނު ޖަރުމަނުގެ ލިރޮއީ ސާނޭ ވަނީ ބަޔާން މިއުނިކަށް ބަދަލުވެފަ އެވެ. އެހެން ކަމުން އޭނާ ނެތްތައް ފޫބެއްދުމަށާއި، އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބޮޑު ހޭދައެއް ސިޓީއިން ކުރަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

އެކަމަކު ރޭގެ މެޗުން ބަލިވުމަކީ ކުޅުންތެރިން ގެނައުމަށް ދައްކާނެ އުޒުރެއް ނޫންކަމަށާއި، އެ މެޗުން ބަލިވުމުގެ ޒިންމާ އެއްވެސް ކުޅުންތެރިއެއްގެ ބޮލުގައި ނާޅުވާނެ ކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"ޖުމުލަކޮށް އެ މެޗުގައި ސިޓީން ދެއްކި ކުޅުން ރަނގަޅު. ސައުތަމްޓޮންގެ 10 ކުޅުންތެރިން ޑިފެންސަށް ފައިބައި އޭރިއާ ތެރޭގައި ބޮނޑިވެގެން ތިބީމަ ގޯލެއް ނުޖެހުނީ. އެކަމަކު އެންމެ ފަހު މިނަޓާއި ހަމައަށް ވެސް ކުޅުންތެރިންގެ ފަރާތުން މޮޅެއް ހޯދަން ބޭނުންވެގެން ކުޅުނު ތަން ފެނުން." ގާޑިއޯލާ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސިޓީއިން އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ކަލިޑޫ ކޫލަބިލީއާއި ބަޔާންގެ ޑޭވިޑް އަލަބާ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް