ހިޔާ ފްލެޓްތަކުގެ ކުލި 7000 އަށް ވުރެ ދަށްވާނެ: މިނިސްޓަރު އަސްލަމް

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތަކަށް މަހަކު ދައްކަންޖެހޭ ފައިސާގެ އަދަދު 7000 އަށް ވުރެ ކުޑަވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގައި ވައުދުވެފައިވާ މިންވަރުގެ ތެރޭގައި ސަރުކާރުން ހިފަހައްޓައިދޭނެ ކަމަށެވެ.

"ހިޔާ މަޝްރޫގައި ސަރުކާރުން ވައުދުވެފައި އޮތް މިންވަރުގެ ތެރޭގައި ހިފަހައްޓައިދޭނެ. އެމިންވަރު އަޅުގަނޑު ހަނދާނެއް ނެތް. 7000 ރުފިޔާއަށްވުރެ ތިރިން ހިފަހައްޓައިދޭނެ،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ވެރިން ބުނާގޮތުން ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި 6500 ދައްކައިގެން 20 އަހަރުން ފައިސާ ދައްކައި ނިމޭނެއެވެ. މިއަދުގެ ބައްދަލުވުމުގައި ހިޔާ ފްލެޓުތަކުގެ ކުލި 7000 ރުފިޔާއަށްވުރެ ދަށްވާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި ނަމަވެސް، މި ސަރުކާރުން މީގެ ކުރިން ބުނީ ފްލެޓުތަކުގެ ކުއްޔަށް އެވްރެޖުކޮށް 11،000 ރުފިޔާ އަރާނެ ކަމަށެވެ.

އެގޮތުން ހިޔާ ފްލެޓުތަކުގެ އަގާމެދު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އަގު ކަނޑައަޅާއިރު، ކަލްކިޔުލޭޓު ކުރަންވާނީ ދައްކާއިރު އަރާ އަދަދު ކަމަށާއި އެހެން ކަމަށް ވަންޏާ ހިޔާ ފްލެޓުތަކުގެ އަގުގެ ގޮތުގައި މަހަކު 11000 ރުފިޔާ އަރާނެ ކަމަށެވެ. އެއީ 20 އަހަރަށް ބަހާލައިގެން ދައްކަންޖެހޭ އަދަދެވެ. ފިނިޝިންއަށް ދާ ހަރަދު ނުހިމަނާވެސް މި އަދަދު މިއަށްވުރެ ކުޑަ ނުވާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

https://sun.mv/138997

ހިޔާ ފްލެޓްތަކުގެ ޕްރޮޖެކްޓްގައި ފްލެޓްތަކުގެ އެތެރޭގެ ޓައިލްސްޖެހުމާއި އިންޓްރީއާ ދޮރު ހަރުކުރުމާއި ފަންކާ، ބޮކި، އަދި ކުލަލުން އަދި ފާހާނާގައި އެއްކޮށް ޓައިލްސް ޖެހުން ނުހިމެނޭ ކަމަށް މިނިސްޓަރު އަސްލަމް ވެސް މިއަދު ވަނީ ވދާޅުވެފަ އެވެ.

comment ކޮމެންޓް