ހިޔާގެ އެއް ކޮޓަރީގެ ފްލެޓްތައް ހަދަން ފަށާފައެއް ނުވޭ: މިނިސްޓަރު

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ދޭން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތައް ކުރީ ސަރުކާރުން އަޅަން ފަށާފއި ނުވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ހާމަކުރައްވައިފި އެވެ.

މިނިސްޓަރު އަސްލަމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ދޭނެ ކަމަށް މިދިޔަ ސަރުކާރުން އިއުލާން ކުރި ނަމަވެސް ބައެއް ކެޓަގަރީތަކުގެ ފްލެޓްތައް އަޅަން ފަށާފައި ނުވާ ކަމަށެވެ.

އެގޮތުން 18-40 އަހަރާ ދެމެދުގެ އުމުރު ފުރާ އާއި މާލެ ރަށްވެހިންނާއި، ދަފުތަރުގައި ތިބި މީހުންނާއި އަލަތު ކައިވެނި ކުރާ ފަރާތްތައް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭން އިއުލާން ކުރި އެއް ކޮޓަރީގެ ފްލެޓްތަކުގެ މަސައްކަތް ފަށާފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއް ކޮޓަރީގެ ފްލެޓްތައް ހަދަން ފަށާފައެއް ނެތް. އިއުލާން ކުރި ނަމަވެސް ހަދަން ފަށާފައެއް ވެސް ނެތް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އެއް ކޮޓަރީގެ ފްލެޓްތައް ހަދަން ފަށާފައި ވެސް ނުވާއިރު، އެ ފްލެޓްތައް ދޭނެ ކަމަށް ބުނެ މިދިޔަ ސަރުކާރުން ވަނީ އެކި ފަރާތްތަކަށް ލިޔުންތައް ހަވާލުކޮށްފަ އެވެ.

މިހާރު ނިމުމަކާ ގާތްވެފައިވާ، ހިޔާގެ 6720 ފްލެޓްގެ ތެރޭގައި މުޅިން ވެސް ހުރީ، ދެ ކޮޓަރީގެ ފްލެޓްތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު