ޕްރޮސްތެޓިކް ފައިގެ އެހީގައި ހިނގައި، 5 އަހަރުގެ ޓޯނީ ހޮސްޕިޓަލަކަށް ދޭން މިލިއަން ޑޮލަރު އެއްކޮށްފި

ޓޯނީ ހަޖެލް ވަނީ ޕްރޮސްތެޓިކް ދެ ފަޔާއި، އަސާ ދަނޑީގެ އެހީގައި ހިނގައިގެން، އޭނާއަށް ފަރުވާ ދިން ހޮސްޕިޓަލަށް ހަދިޔާ ކުރުމަށް އެއް މިލިއަން ޑޮލަރު އެއްކޮށްފައި -- ފޮޓޯ: ޕީއޭ

އިނގިރޭސިވިލާތުގެ ފަސް އަހަރުގެ ކުއްޖެއް ކަމަށްވާ ޓޯނީ ހަޖެލް، އެގައުމުގެ ހޮސްޕިޓަލަކަށް އެހީވުމުގެ ގޮތުން އޭނާގެ ޕްރޮސްތެޓިކް ދެ ފަޔާއި އަސާ ދަނޑީގެ އެހީގައި ހަ މޭލަށް ހިނގައިގެން 1.2 މިލިއަން ޑޮލަރު އެއްކޮށްފި އެވެ.

ޓޯނީއަކީ އޭނާގެ މަންމަ އާއި ބައްޕަގެ ފަރާތުން ތުއްތު އިރު ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާތަކެއް ލިބުނު ކުއްޖެކެވެ. އެ އަނިޔާގެ ސަބަބުން ޓޯނީގެ ދެ ފައި ބުރިކޮށްލަން ޖެހުނެވެ.

ޓޯނީ މިހާރު އެޑޮޓްޕްޓް ކޮށްފައިވާ ޕޯލާ ހަޖެލް އާއި އޭނާގެ ފިރިމީހާ ބުނި ގޮތުގައި އެމީހުންނާ ޓޯނީއާ ފުރަތަމަ ދިމާވީ އެކުއްޖާގެ އުމުރުން ހަތަރު މަހުގަ އެވެ. އޭރު ޓޯނީއަށް ދިޔައީ އެވެލީނާ ލަންޑަން ޗިލްޑްރެންސް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އެއަށް ފަހު އެ ދެމަފިރިން ޓޯނީ އެޑޮޕްޓް ކުރީ އެވެ.

ޕޯލާ ބުނި ގޮތުގައި ޓޯނީއަށް ޕްރޮސްތެޓިކް ފައި ލިބުނީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. އަދި ޓޯނީއަށް ފަރުވާ ދިން ހޮސްޕިޓަލަށް ހަދިޔާ ކުރާނެ ފައިސާ އެއްކުރުމުގެ ގޮތުން ހިނގުމުގެ ޗެލެންޖެއް ފަށަން އޭނާ ނިންމީ، އިނގިރޭސި އަސްކަރިއްޔާގައި ހިދުމަތް ކުރި 99 އަހަރުގެ ކެޕްޓަން ޓިމް މޯ ފުރިހަމަ ކުރި ޗެލެންޖާ ގުޅިގެންނެވެ.

މިދިޔަ އޭޕްރިލް މަހު މޯ ވަނީ އޭނާގެ ގޭގައި އޮންނަ ބަގީޗާގެ 25 މީޓަރުގެ ސަރަހައްދެއްގައި 100 ބުރު ޖަހާފަ އެވެ. އަދި އޭނާގެ ފުރަތަމަ އަމާޒަކަށްވީ 1،248 ޑޮލަރު އެއްކުރުން ކަމަށްވީ ނަމަވެސް އެ ޗެލެންޖު ނިމުނު އިރު 657،000 އަށް ވުރެ ގިނަ މީހުން ވަނީ 41 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.

ޓޯނީގެ އަމާޒަކަށްވީ މިދިޔަ މަސް ތެރޭ 6.2 މޭލަށް (100 ކިލޯ މީޓަރަށް) ހިނގާ، އޭނާގެ ފަންޑްރެއިޒާއަށް 500 ޕައުންޑް އެއްކުރުމެވެ. ނަމަވެސް މިދިޔަ ޖޫން މަހު އެކި ދުވަސް މަތިން ހިނގައިގެން ޓޯނީގެ ޗެލެންޖު ނިންމާލި އިރު، އޭނާގެ ފަންޑްރެއިޒާއަށް ހަދިޔާކޮށްފައިވާ ފައިސާގެ އަދަދު ވަނީ އެއް މިލިއަން ޕައުންޑަށް (1.2 މިލިއަން ޑޮލަރު) އަރާފަ އެވެ.

ޕޯލާ ބުނި ގޮތުގައި އެ ޗެލެންޖް ފެށުމުގެ ކުރިން ޓޯނީއަށް ޕްރޮސްތެޓިކް ފައިގެ އެހީގައި ހިނގާލެވެނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް މިހާރު އޭނާ ވަނީ ހިނގަން ވަރަށް ފަރިތަވެފަ އެވެ. އަދި ޓޯނީވެސް ވަނީ އެއީ "ވަރަށް މަޖާ" ޗެލެންޖެއް ކަމަށާއި އެންމެ ފުރަތަމަ ހިނގަން އުނދަގޫވި ނަމަވެސް، ގިނައިން ހިނގި ވަރަކަށް ފަސޭހަވި ކަމަށް ބުނެފަ އެވެ.

އެވެލީނާ ލަންޑަން ޗިލްޑްރެންސް ހޮސްޕިޓަލުގެ އެސޯސިއޭޓް ޑިރެކްޓާ އޮފް ފަންޑްރެއިޒިން، ކެރޮލިން ގޯމްލީ ވިދާޅުވި ގޮތުގައި ޕޯލާ ދިޔައީ ޓޯނީގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ހޮސްޕިޓަލަށް އަންގަމުންނެވެ. އަދި ޓޯނީއާ މެދު ހޮސްޕިޓަލުގެ އެންމެންވެސް ވަރަށް ފަހުރުވެރިވާ ކަމަށާއި އެކުއްޖާގެ ހިތްވަރާއި ދީލަތިކަމުގެ ސަބަބުން ހޮސްޕިޓަލަށް ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް