ފަސް ހަފްތާ ވަންދެން މަޖިލީހަށް ވަޑައިނުގެންނެވުނީތީ ޝިޔާމް މައާފަށް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ޝިޔާމް ކުއްލި މައްސަލަ ހުށަހަޅުއްވަނީ -- ފޮޓޯ/ މަޖިލިސް

މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގެންނެވުނީތީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މައާފަށް އެދިވަޑައިގެންފި އެވެ.

އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން ހުއްޓާލާފައިވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ދަންވަރު ކުރިއަށް ގެންދިޔަ ޖަލްސާގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހު، އިދިކޮޅު މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުވާކަމަށް ބުނެ އެވެ.

އެ ހަމަނުޖެހުންތަކުގައި ޝިޔާމްގެ ބުރަކަށީގެ ތިރިންނާއި މޭކަށިގަނޑުގައި ރެނދެއް ލާފައިވާ ކަމަށާއި، އަދި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑޮކްޓަރު ކޮށްފައިވާ ކަމަށް ޝިޔާމް ވަނީ ކުރިން ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ އެ އަނިޔާއާ ގުޅިގެން ހިނގާބިނގާވެ އުޅެން ދަތިކަމަށާއި ބެޑް ރެސްޓު ކުރުމަށް ޑޮކްޓަރު އަންގަވާފައިވާ ކަމަށެވެ.

"އިނގިވަޑައިގަންނަވާނެ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ މިތާނގައި ހިނގާދިޔަ ހާދިސާއަކާ ގުޅިގެން އަޅުގަނޑަށް މަޖިލީހަށް ނާދެވެނީ. އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން، މިދިޔަ ފަސް ހަފްތާ ނާދެވުނީތީ ނިހާޔަތަށް މައާފަށް އެދެން. ވަކިން ހާއްސަކޮށް އަޅުގަނޑުގެ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ އަރިހުން،" ޝިޔާމް ވިދާޅުވި އެވެ.

ޖަލްސާތައް ބޮއިކޮޓް ކުރާތާ މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، މިއަދުގެ ޖަލްސާއަށް އިދިކޮޅު މެމްބަރުން ވަނީ ހާޒިރުވެފަ އެވެ. މިއަދުގެ ޖަލްސާގައި ޝިޔާމް ބައިވެރިވެވަޑައިގެންނެވި އިރުވެސް، ހިނގާބިނގާވެ އުޅުމުގައި އުނދަގޫތަކެއް ހުރިކަން ފާހަގަ ކުރެވެ އެވެ.

ގިނަ ދުވަސްތަކަކަށްފަހު މަޖިލީހަށް ވަޑައިގެން މެމްބަރު ޝިޔާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ފްލެޓުތައް ހަވާލުކުރުން އަވަސް ކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ.

ޖަލްސާތަކަށް ހާޒިރުވާން ނިންމައި، ޕީޕީއެމް-ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިދިކޮޅު މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ތަކުރާރުކޮށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެންނެވި ނަމަވެސް އެކަމަށް ބީރު ކަންފަތެއް ދެއްވާފައިވާ ކަމަށެވެ.

"ކަންމިހެން އޮތްނަމަވެސް، ރައްޔިތުންގެ މަޖިލިސް ވަރަށް ޚުދުމުޚުތާރުކޮށް، މަޖިލިސްގެ ރައީސް ބޭނުންފުޅުވާ ގޮތަކަށް ހިންގަވަމުން ގެންދިއުމާއި، އަދި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް މަޖިލީހަށް ހުށައެޅިފައިވުމާއި، ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލަންޖެހޭ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވީހިނދު، މިކޯލިޝަންގެ މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަޤީންކަން ނެތްނަމަވެސް، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ނިންމާފައިވާ ވާހަކަ ދަންނަވަން،" އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ފުލުހުންގެ ބިލާއި، ރޭޕްގެ މައްސަލަތަކާއި ގުޅިގެން ކުރިމަތިވެފައިވާ ކަންބޮޑުވުންތަކާއި، ކޮވިޑް-19 އާ ގުޅިގެން ރައްޔިތުން އިތުރަށް ބިކަވެ ނިކަމެތިވަމުންދާދިއުމާއި، މިސަރުކާރުން ކޮވިޑާ ގުޅިގެން ކުރަމުންދާ ވައްކަންތަކާއި، މިނޫނަސް ރައްޔިތުންނަށް ދަތިވެފައިވާ އެތައް މައްސަލަތަކާ ގުޅިގެން ކޯލިޝަންގެ މެމްބަރުން ރައްޔިތުންނަށްޓަކައި ހައްގު ބަސްބުނެ، އަޑުއުފުލުމުގައި ފަހަތަށް ނުޖެހޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް