ހިޔާ ފްލެޓްތަކަށް މީހުންނަށް ވަދެވޭނީ އަދި އަށް މަސްފަހުން: މިނިސްޓަރު

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން މިހާރު ހަދަން ފަށާފައިވާ، 6،720 ފްލެޓްގެ މަސައްކަތްތައް ނިންމާ އެ ތަނަށް މީހުން ވަދެވޭ ވަރަށް މަޝްރޫއު ނިންމަން އަދި އަށް މަސް ދުވަސް ނަގާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ޕްރޮޖެކްޓް އެގްރިމަންޓްގައި ފްލެޓްތަކުގެ އެތެރޭގެ ޓައިލްސްޖެހުމާއި އެތެރޭގެ ދޮރުތައް ހަރުކުރުމާއި ފަންކާ، ބޮކި، ކުލަލުން އަދި ފާހާނާގައި އެއްކޮށް ޓައިލްސް ޖެހުން ނުހިމެނޭ ކަމަށެވެ.

"ކޮންޓްރެކްޓްގައި ހިމެނިފައެއް ނުވޭ ފްލޯތަކުގެ ބިންމަތީގައި ޓައިލްސް ޖެހުން، ހަމައެކަނި ތަޅުން އަޅާލުން ހިމެނެނީ. އިންޓީރިއާ ދޮރު ތަކެއް ނުހިމެނޭ، ފްލެޓްގެ މައި ދޮރު އެކަނި ހިމެނިފައި ވަނީ، ދެ ކޮޓަރި ކޮންމެ ފްލެޓެއްގެ ދޮރެއް ނުހިމެނޭ، ފަންކާއެއް ނުހިމެނޭ. ލައިޓްސްއެއް ނުހިމެނޭ. ޕެއިންޓްވެސް ކޮށްފައިވަނީ ހަމައެކަނި އަންޑާކޯޓް، ފައިނަލް ފިނިޝިންގް ކޯޓު ނުހިމެނޭ ކޮންޓްރެކްޓްގައި. ބަަދިގޭގައި ޓައިލްސް ޖަހާފަ ސިންކެއް ބަހައްޓާފަ އެބަ ހުރި. ފާހަނައިގަ ޓައިލްސް ޖަހާފަ ވަނީ ހަތަރު ފޫޓު އުސްމިނަށް ބިމުން. " މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންޓްރެކްޓްގައި ހިމަނާފައިވާ ކަންކަން ވަނީ ގާތްގަނޑަކަށް އެ މިންވަރަކަށް މިހާރު ކުރެވިފަ އެވެ. އަދި މިހާރު ކުރަން އޮތީ ފްލެޓްތަކުގައި ތަޅުން އެޅުމާއި ކަރަންޓާއި ފެން މީޓަރު ލުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މަސައްކަތަށް އަށް މަސް ދުވަސް ނަގާނެ ކަމަށް ކޮންޓްރެކްޓަރު އެޗްޑީސީގައި ދަންނަވާފައި އޮތީ. އެހެން ވީމާ އަދި ކޮންޓްރެކްޓްގައި ހުރި މަސައްކަތް އެކީ ނިންމާލަން އަށް މަސް ނަގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރަށް ދެވަނަ ފޭސްއަށް ބޭނުންވާ ކަރަންޓާއި ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތަށް ވެސް އަށް މަސް ނަގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދެވަނަ ފޭސްއަށް ފެނާއި ކަރަންޓާއި ފޯރުކޮށްދޭން އޮންނަނީ މާލެ ފެން ކުންފުނިންނާއި އާއި ސްޓެލްކޯއިން. އެދެ ފަރާތުގެ މަސައްކަތަށް ފެން ކުންފުނިީގެ މަސައްކަތަށް އަށް މަސް ދުވަސް، ސްޓެލްކޯގެ މަސައްކަތަށް 6 މަސް ދުވަސް ހޭދަވާނެ. އެހެންވީމަ މީގެން ތަނަކަށް މީހަކަށް ވަދެވޭނީ، އަށް މަސް ދުވަސް ފަހުން." މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ 25 ބުރީގެ ޓަވަރުތަކަކީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން 430 މިލިއަން ޑޮލަރަށް ހިންގާފައިވާ މަޝްރޫއެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ ޓަވަރުގެ އެންމެ ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ކޮމާޝަލް ބޭނުންތަކަށް ކަމަށެވެ.

"ފަސްޓް ފްލޯ އިންނަނީ ކޮމާޝަލް އަދި އެހެން އެސެންޝިއަލް ބޭނުމަށް ހާއްސަކުރެވިފައި. އެ ފްލޯ ލައިގެން ކޮންމެ ފްލެޓަކަށް 62،600 ޑޮލަރު ނުވަތަ 956،040 ރުފިޔާ. (ފްލެޓެއްގެ) ބޮޑުމިނަކީ 572 އަކަ ފޫޓު. މިއީ ފާރުތައް ލައިގެން. މިއާއިއެކު ދިރިއުޅެން އޮންނަ ބައި ކުޑަ ވާނެ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

comment ކޮމެންޓް