ގަލްފުގެ އައްސޭރިފަށުގެ ބިމުއަޑީގައި މިސައިލް ބޭސްތައް ހުންނާނެ: އީރާން

އީރާނުގެ އައްސޭރިފަށުން ގަލްފުގެ ކަނޑަށް އީރާނުން ރޮކެޓެއް ފޮނުވާލަނީ

ތެހެރާން (ޖުލައި 5) : ގަލްފުގެ ކަނޑުގެ އައްސޭރިފަށުގައިވާ އީރާނުގެ ބައެއް ސަރަހައްދުތަކުގެ ބިމުއަޑީގައި މިސައިލާއި ރޮކެޓް ބޭސްތަކެއް ބިނާކޮށްފައިވާކަމަށް އީރާން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ.

މިކަމަށް އެއްބަސްވެ ވަޑައިގަންނަވަމުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކަނޑުގެ ބާރުތަކާ ބެހޭ ކޮމާންޑަރު އެޑްމިރަލް އަލީ ރިޒާ ތަންގްސީރީ ވިދާޅުވީ ގަލްފުގެ އެތެރެއިންނާއި އިންޑިއާ ކަނޑުން އީރާނަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ރައްރު ދެވޭފަދަ އަސްކަރީ ބޭސްތައް ކަނޑުގެ އައްސޭރިފަށުގައި ބިނާކޮށްފައިވާނެކަމަށާ އެ ބޭސްތައް ތައްޔާރުކޮށްފައިވަނީ ގަލްފާއި އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އީރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކަށް ގެއްލުން ލިބިއްޖެ ހާލަތެއްގައި އަމިއްލަ ނަފްސު ދިފާއުގައި ދޭންޖެހޭ ހަމަލާތައް ދިނުމަށެވެ.

އީރާނުގެ އަސްކަރީ އަގީދާ (މިލްޓްރީ ޑޮކްޓްރިން) ބިނާކޮށްފައިވާނީ އެއްވެސް ގައުމަކަށް އިސްވެ ޙަމަލާ ނުދިނުމުގެ މައްޗަށް ކަމަށާ ނަމަވެސް އީރާނުގެ ސަރަހައްދަށް ވަންނަ އުޅަނދަކަށް ނުވަތަ އީރާނަށް ދޭ ޙަމަލާއަކަށް ރައްދުދޭނެކަމަށް އީރާނުގެ މިޑިއާ އަށް ދެއްވި ބަޔާނެއްގައި އެޑްމިރަލް ރިޒާ ވިދާޅުވިއެވެ.

ގަލްފުގެ އީރާން ފަޅީގެ އައްސޭރިފަށުގައި ބިމުއަޑީގެ މިސައިލް ބޭސްތަކެއް އީރާނުން ބިނާކޮށްފައިވާ ކަމާއި އެފަދަ ބޭސް އަކުން އިރާނުން މިސައިލް ތަޖްރިބާއެއް މިއަހަރު ކުރީކޮޅު ކުރިކަމަށް ބުނާ ހުޅަނގުގެ ޖާސޫސީ ރިޕޯޓަކާބެހޭ ޚަބަރުތަކެއް މިދިޔަ އަހަރުގެ ފަހުކޮޅު ފެތުރިގެން ދިޔައެވެ. އެކަން އެދުވަސްވަރު އީރާނުން ދޮގުކޮށްފައެއް ނުވެއެވެ.

އީރާނުން ބިމުއަޑީގެ މިސައިލް ބޭސްތައް ގާއިމްކޮށްފައިވަނީ ގަލްފުގެ އެންމެ ސްޓްރެޓީޖިކް ކަނޑުއޮޅިކަމަށްވާ ހުރްމުޒް ކަނޑުއޮޅިއާ ދިމާލުގައާއި ގަލްފުގައިވާ ތުންބު ޖަޒީރާތަކުގައި ކަމަށްވެސް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. ތުންބު ޖަޒީރާތައް އީރާނުގެ ކޮންޓްރޯލް ގެ ދަށުގައި އޮންނައިރު އެޖަޒީރާތަކުގެ މިލްކުވެރިކަމަށް އަވަށްޓެރި ޔުނައިޓެޑް އަރަބް އިމަރޭޓްސް އިންވެސް ދައުވާ ކުރެއެވެ. އެޑްމިރަލް ރިޒާގެ ވާހަކާގައި މިސައިލް ބޭސްތައް ހުރި ސަރަހައްދުތަކާބެހޭ އެއްވެސް މައުލޫމާތެއް ދެއްވާފައެއް ނުވެއެވެ.

ގަލްފާއި އިންޑިއާ ކަނޑަށް އައްސޭރިވާ އީރާނުގެ ކަނޑުގެ ސާހިލް ދެހާސް ކިލޯމީޓަރަށް ވުރެ ދިގުއިރު މީގެތެރޭގައި ހިމެނޭ ޙާއްސާސް ސަރަހައްދަކީ ހުރްމުޒް ކަނޑުއޮޅި ސަރަހައްދެވެ.

އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އދ. ގެ ގަރާރު ގެ މުއްދަތު އަންނަ އޮކްޓޯބަރު މަހު ހަމާވާތީ އެމެރިކާ ގެންދަނީ އެ ފިޔަވަަޅުތައް ދެމެހެއްޓުމަށްޓަކައި އައު ގަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ޗައިނާއާއި ރަޝިއާ ވަނީ އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އިތުރު ގަރާރަކަށް ހުރަސްއަޅާނެކަމުގެ އިންޒާރު ދީފައެވެ.

އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އިތުރު ގަރާރެއް ފާސްކުރަން ޗައިނާއާއި ރަޝިއާ ބޭނުންވަނީ އީރާނަށް ބަރު ހަތިޔާރު ވިއްކުމުގެ ފުރުސަތު ހޯދުމުގެ ގޮތުން ކަމަށް ބުނެ އެމެރިކާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް