ހިޔާގެ ފްލެޓުތައް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލައި ޝިޔާމް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް -- ފައިލް ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ފްލެޓުތައް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

ގިނަ ދުވަސްތަކަކަށްފަހު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ ޔާ މަޝްރޫއުގެ ދަށުން ރައީސް ޔާމީންގެ ސަރުކާރުން ބިނާކޮށްފައިވާ ފްލެޓްތައް ހަވާލުކުރުން މިސަރުކާރުން ލަސްކުރަމުން އަންނަ ކަމަށެވެ. އަދި ފްލެޓްތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ރައްޔިތުން ތިބިއިރު އަދިވެސް އެތަނަށް ވަދެވޭނެ ވަކި ދުވަހެއް މި ސަރުކާރަށް ބުނެނުދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް 19ގެ ސަބަބުން އެތައް ބައެއްގެ އާމްދަނީ ހުއްޓި، ކުއްޔާއި ބިލްތައް ދެއްކުމަށް ނުކުޅެދި ރައްޔިތުން ނިކަމެތިވެ، ބިކަވަމުންދާއިރު، ވީއެންމެ އަވަހަކަށް ފްލެޓްތަކަށް ވަދެވޭނެގޮތް ހަމަޖެހިގެން ދިއުމަކީ އެ ރައްޔިތުން މިއަދު އިންތިހާއަށް ބޭނުންވެފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މިސަރުކާރުން ވައުދުވެފައިވާ ގޮތަށް އިތުރު ފްލެޓްތައް އަޅައި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގެ ވައުދު ފުއްދާދިނުން އަވަސް ކުރުމަށް ޝިޔާމް ގޮވާލެއްވިއެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފާސްވީ 45 މެމްބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ.

މައްސަލަ ހުށަހެޅުއްވުމަށްފަހު މެމްބަރު ޝިޔާމް ވަނީ އެ ކުއްލި މައްސަލައަށް ބަހުސްކުރަން ފާސްކޮށްދެއްވި ކަމަށްޓަކައި އިދިކޮޅު މެމްބަރުންނަށް ޝުކުރުއަދާކުރައްވައިފައެވެ.

ޝިޔާމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މިވަގުތު ދިވެހިރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

comment ކޮމެންޓް