ޖޭއެސްސީ ހިސޯރުކޮށްފައިވާ ކަމަށް ބުނެ ފަނޑިޔާރު ހަސަން ނަޖީބު އިސްތިއުފާ ދެއްވައިފި

ފަނޑިޔާރުންގެ މަހާސިންތާ 2017 ގެ ތެރެއިން: މިއަހަރުގެ މަހާސިންތާ ޚާއްސަ ކޮށްފައިވަނީ ޖުވެނިއަލް ޖަސްޓިސްގެ ނިޒާމް ހަރުދަނާ ކުރުމާއި އެކަންކަމާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރުމަށް----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވެރިކަންކުރާ އެމްޑީޕީން ޖޭއެސްސީ ހިސޯރުކޮށްފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އިސްތިއުފާ ދެއްވައިފިއެވެ.

ހަސަން ނަޖީބު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

އިސްތިއުފާ ދެއްވިކަން ބަޔާން ކުރައްވައި ހަސަން ނަޖީބު ވަނީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިނަށް ސިޓީއެއް ފޮނުއްވާފައެވެ.

ޖޭއެސްސީން ކުރިން ނެރުނު ބަޔާނެއްގައި ވަނީ 2017 ވަަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. އަތޮޅު ކައުންސިލުގެ ވިލިނގިލީ ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓަށް ތާއީދު ހޯއްދަވަން ހަސަން ނަޖީބު މަސައްކަތް ކުރެއްވި ކަމާއި، އެ ކެންޑިޑޭޓު ނިސްބަތްވި ސިޔާސީ ޕާޓީއަށް މީހަކު ސޮއި ކުރުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމާއި، އެ އިންތިހާބުގައި ވާދަކުރި އަނެއް ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލު ކުރައްވަން އޭނާ މަސައްކަތް ކުރެއްވިކަން އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި އެ ބައްދަލުވުމުގައި ހަސަން ނަޖީބު ވާހަކަފުޅު ދެއްކެވިކަންވެސް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

ހަސަން ނަޖީބުގެ މައްޗަށް ސާބިތުވި ތިން ވަނަ ކަމަކީ ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި އެއްވެސް ތަހުގީގީ އިދާރާއަކުން ނޭދެނީސް، ދެ މީހަކު ހައްޔަރު ކުރުމަށް އޭނާ އަމިއްލަފުޅަށް އަމުރެއް ނެރުނު ކަމެވެ. އެއީ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައެޅިފައިވާ އަސާސްތަކާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމެއް ކަމެއް ކަމަށް ޖޭއެސްސީއިން ބުނެފައިވެ އެވެ.

ހަސަން ނަޖީބު މިރޭ "ސަން" އަށް ވިދާޅުވީ އޭނާގެ މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅީ އެމްޑީޕީ އެކްޓިވިސްޓުން ކަމަށާއި ހެކިބަސް ދީފައި ވަނީ ވެސް އެމްޑީޕީ އެކްޓިވިސްޓުން ކަމަށެވެ. އަދި އެމީހުން ދީފައި ވަނީ ދޮގު ހެކިބަހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަން އަޅުގަނޑަށް ސިފަކުރެވެނީ އެމްޑީޕީ މައި ޖަގަހައެއްގެ ގޮތުގައި. އެމްޑީޕީ ޖަގަހައެއްގެ ގޮތުގައި އޮތްތަނަކުން އެމްޑީޕީގެ ބަޔަކު ކުރާ ޝަކުވާއަކުން، އެމްޑީޕީގެ ބަޔަކުދޭ ހެކިބަހެއްގެ މައްޗަށް ނިންމާ ނިންމުމަކީ އަދުލުވެރިކަމާއި ހަމަހަމަކަމާއި އިންސާފު އެކުލެވޭ ނިންމުމެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ހަސަން ނަޖީބު ވިދާޅުވިއެވެ.

"އަޅުގަނޑުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެކޭ. ދޮގު ހެކީންގެ ހެކިބަހުގެ މައްޗަށޭ މައްސަލަ ނިންމާފަ އެވަނީ. ސިޔާސީ އެއްވެސް ހަރަކާތެއްގައި އަޅުގަނޑަކީ އުޅުނު މީހެއް ނޫން. އަޅުގަނޑަކީ ސިޔާސީ މައިދާނުގައި އުޅުނު މީހެއް ނޫން،"

ހަސަން ނަޖީބު ވިދާޅުވިގޮތުގައި މަގާމުގެ ވާޖިބު އަދާކޮށްފައިވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު އެއްވެސް ފިކުރަކަށް ބެލުމެއް ނެތިއެވެ.

ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ނިންމިއިރު، ސިޔާސީ ހަރަކާތްތަކުގައި އުޅެފައިވާ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އެބަތިއްބެވި ކަމަށް ހަސަން ނަޖީބު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ ބިރުވެރިކަން. ނުފޫޒު އެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެއް ޖުޑިޝަރީ ހިސޯރުކޮށްފައިވާތަން. އެހެންވީމަ އެފަދަ ކޮމިޝަނަކުން ނިންމާ ނިންމުމެއް އަދުލުވެރިނުވާނެތީވެ އަޅުގަނޑު މަގާމުން އިސްތިއުފާ މިދިނީ،" ހަސަން ނަޖީބު ވިދާޅުވިއެވެ.

comment ކޮމެންޓް