މަހަކަށްވުރެ ގިނަ ދުވަސްފަހުން ޖަލްސާތަކުގައި ބައިވެރިވާން ޕީޕީއެމް، ޕީއެންސީން ނިންމައިފި

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމަށް އަނިޔާވި ޖަލްސާގެ ތެރެއިން ---

މަހަކަށްވުރެ ގިނަ ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ޕީޕީއެމް، ޕީއެންސީން ނިންމައިފިއެވެ.

އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން ހުއްޓާލާފައިވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ދަންވަރު ކުރިއަށް ގެންދިޔަ ޖަލްސާގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހުގަ އެވެ.

ޕީޕީއެމް، ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ޕާޓީން ބައިވެރިވާނެ ކަމަށެވެ.

އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން ހުއްޓާލާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަޙްމަދު ޝިޔާމްއަށް އަނިޔާކޮށް ހިންގި މާރާމާރީއާ ގުޅިގެން، ކޯލިޝަންގެ މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތުމުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މަޖިލީހުގައި އެ ދެ ޕާޓީގެ މެމްބަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެކިފަހަރުމަތިން ދެންނެވުމުން އެކަމަށް މަޖިލީހުގެ ރައީސް ދެއްވީ ބީރު ކަންފަތެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ކަންމިހެން އޮތްނަމަވެސް، ރައްޔިތުންގެ މަޖިލިސް ވަރަށް ޚުދުމުޚުތާރުކޮށް، މަޖިލިސްގެ ރައީސް ބޭނުންފުޅުވާ ގޮތަކަށް ހިންގަވަމުން ގެންދިއުމާއި، އަދި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް މަޖިލީހަށް ހުށައެޅިފައިވުމާއި، ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލަންޖެހޭ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވީހިނދު، މިކޯލިޝަންގެ މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަޤީންކަން ނެތްނަމަވެސް، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ނިންމާފައިވާ ވާހަކަ ދަންނަވަން،" އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމަށް މަޖިލީހުގެ ތަޅުމުގައި އަނިޔާ ކުރި މައްސަލަ އިންޓަ ޕާލިމެންޓްރީ ޔޫނިއަންގެ ކޮމިޓީ އޮން ދަ ހިއުމަންރައިޓްސް އޮފް ޕާލިމެންޓޭރިއަންސްއިން ބަލަމުން އަންނަ ކަން އިދިކޮޅޫން ފާހަގަކުރި އެވެ. އަދި ޝިޔާމްއަށް ކޮށްފައިވާ އަނިޔާތަކާ ގުޅޭ ތަހްގީގު މިހާރު ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވާތީ، އިންސާފުވެރިކަމާ ހަމަހަމަ ކަމާއެކު މިތަހްގީގު އަވަހަށް ނިންމައި އަނިޔާވެރި އަމަލު ހިންގި މެމްބަރުންނަށް ފިޔަވަޅު އަޅުއްވައި ދެއްވުމަށް ޕީޕީއެމް، ޕީއެންސީން ވަނީ ގޮވާލާފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ފުލުހުންގެ ބިލާއި، ރޭޕްގެ މައްސަލަތަކާއި ގުޅިގެން ކުރިމަތިވެފައިވާ ކަންބޮޑުވުންތަކާއި، ކޮވިޑް 19 އާ ގުޅިގެން ރައްޔިތުން އިތުރަށް ބިކަވެ ނިކަމެތިވަމުންދާދިއުމާއި، މިސަރުކާރުން ކޮވިޑާ ގުޅިގެން ކުރަމުންދާ ވައްކަންތަކާއި، މިނޫނަސް ރައްޔިތުންނަށް ދަތިވެފައިވާ އެތައް މައްސަލަތަކާ ގުޅިގެން ކޯލިޝަންގެ މެމްބަރުން ރައްޔިތުންނަށްޓަކައި ހައްގު ބަސްބުނެ، އަޑުއުފުލުމުގައި ފަހަތަށް ނުޖެހޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް