ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ ސަސްޕެންޑުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ ސަސްޕެންޑުކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުލްހާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގު ކުރާއިރު އޭނާ އެ މަގާމުގައި ދެމިހުރެއްޖެ ނަމަ މައްސަލަތައް ތަހުގީގުކުރުމަށް އެޅިދާނެ ހުރަހަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އޭނާ ވަގުތީ ގޮތުން 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

ފުވައްމުލަކު މެޖިސްޓްރޭޓްގެ މަގާމަށް މަލްހާ އަލީ އައްޔަނު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު 29 ވަނަ ދުވަހު އެވެ.

ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާއާ ގުޅޭގޮތުން ހަތަރު މައްސަލައެއް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. ފުރަތަަމަ މައްސަލަ އަކީ ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލުވާ އެކި ފަރާތްތަކާމެދު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

މުލްހާ އާ ގުޅޭގޮތުން ބަލާ ދެވަނަ މައްސަލަ އަކީ ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދު ޖަހާފައިވަނިކޮށް އެ ބަންދު އަމުރު މުރާޖާކޮށް ގޮތެއް ނިންމި ކަމަށް ބުނާ މައްސަލައެވެ.

މުލްހާ އާ ގުޅޭގޮތުން ބަލާ އަނެއް ދެ މައްސަލަ އަކީ އޭނާގެ އާއިލީ ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ފުލުހުން ހިންގި ތަހުގީގެއްގައި ހެކި ނައްތާލުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

comment ކޮމެންޓް