ދޮގު މައުލޫމާތު ފެތުރެނީ ވަގުތުން ވަގުތަށް ތެދު މައުލޫމާތު ހާމަނުކުރާތީ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފުލުހުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންނަށް ހުށަހެޅޭ ހައްސާސީ މައްސަލަތަކާ ގުޅޭ ހަގީގަތާ ހިލާފު މައުލޫމާތު ފެތުރެނީ، އެފަދަ މައްސަލަތަކުގެ ހަގީގަތް ހާމަކުރުމުގައި ލަސްވެގެން ދާތީކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފުލުހުންނާ ބައްދަލުކުރައްވައި ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިހާރު ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ބައެއް މީޑިއާތަކުން ބައެއް ފަހަރު މައުލޫމާތު ހާމަކުރާ ގޮތުން، ރައްޔިތުންނަށް ކަމުގެ ހަގީގަތް ވަރަށް ބޮޑަށް އޮޅޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަން އެގޮތަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އެފަދަ މައްސަލަތަކުގެ ތެދު މައުލޫމާތު ރައްޔިތުން އެނގެން ބޭނުންވާ ވަގުތުގައި ހާމަނުކުރެވުން. އެހެންވީމަ މިކަމުގައިި އެންމެ މަސްލަހަތު ހުރި ގޮތަކީ، މި ދެންނެވި ފަދަ ހައްސާސް މައްސަލަތަކުގެ ހަގީގަތް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ހާމަކުރުން،" ރައީސް ވިދާޅުވިއެވެ.

ފުލުހުންނަށް ހުށަހެޅޭ ހައްސާސީ މައްސަލަތަކުގެ ތެދު މައުލޫމާތު އޭގެ ވަގުތުގައި ރައްޔިތުންނާ ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެގޮތަށް އެކަން ނުވާނަމަ ބަދުނާމު އެޅިގެން ދަނީ ދިވެހި ފުލުހުންނާއި ދިވެހި ސަރުކާރުގެ ބޮލުގައި ކަމަށެވެ.

"އަޅުގަނޑު ހިތުން މިފަދަ ބަދުނާމެއް ބޮލުގައި އެޅޭކަށް އެންމެ ފުލުހަކު ވެސް ބޭނުމެއް ނުވާނެ. އަޅުގަނޑަށް އެނގޭ މިފަދަ ކަންކަން އިސްލާހުކުރަން ފުލުހުންގެ ތެރެއިން ވެސް މަސައްކަތް ކުރަމުން އަންނަކަން،" ރައީސް ވިދާޅުވިއެވެ.

ހައްސާސް މައްސަލަތަކުގެ ހަގީގަތް ވަގުތުން ވަގުތަށް ހާމަކުރަން ރައީސް ގޮވާލައްވާފައި މިވަނީ، މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ، އެ މައްސަލައާ ގުޅިގެން މުޒާހަރާތަކެއް ވެސް ފެށިފައި ވަނިކޮށެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރު ކުރި ދެ ފިރިހެނުންނަކީ ސިޔާސީ އިސް ފަރާތްތަކަކާ ގުޅުން އޮންނަ ބައެއް ކަމަށާއި އެމީހުން ހައްޔަރު ކުރި ދުވަހު ދޫކޮށްލީވެސް ސިޔާސީ ނުފޫޒުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސަފާރީގައި ކަން ހިނގި ގޮތުގެ މާބޮޑު ތަފްސީލެއް ފުލުހުން ދީފައި ނުވަނީސް، ޖިންސީ ގޯނާ ލިބުނު މީހާއާ ހަވާލާދީ ނޫހަކުން ވަނީ އެ ހާދިސާ ހިނގި ގޮތްކަމަށް ބުނެ ވަރަށް ތަފްސީލް ރިޕޯޓެއް އާންމުކޮށްފައެވެ. އެ ނޫހުން ބުނެފައި ވަނީ ސަފާރީގައި އަންހެން މީހާ ރޭޕްކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން ބުނެފައި ވަނީ އެ ނޫހުން ރިޕޯޓުކޮށްފައި ވަނީ ކަން ހިނގި ގޮތަށް ނޫން ކަމަށެވެ. އަދި އަންހެން މީހާ ރޭޕް ނުކުރާ ކަމަށާއި، އޭނާގެ ޖިންސީ ގުނަވަންތަކުގައި އަތްލީ ކަމަށެވެ. އަދި އެ ނޫހުން ހަގީގަތާ ހިލާފު ވާހަކަތަކެއް ރިޕޯޓުކުރި މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ.

އަދި އަންހެން މީހާގެ ފޮޓޯ އާއި މައުލޫމާތު ހާމަކޮށް، ދޮގު މައުލޫމާތު ތަކެއް އާންމު ކުރި މީޑިއާއާ ދެކޮޅަށް ދައުވާކުރަން އެ އަންހެން މީހާ ބޭނުންވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް