ޖިންސީގޯނާގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފުލުހުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެނުންނާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި އަންހެނުންނާ ކުޑަކުދިންނަށް އެކި ކަހަލަ ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތައް ވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ދިވެހި ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު މިއަދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ، އަދުލުއިންސާފު ގާއިމުކޮށްދިނުމަށް ކަމަށެވެ.

އެކަމުގެ ފެށުން ވެސް ގުޅިފައި ވަނީ ފުލުހުންގެ ހިދުމަތާ ކަމަށާއި، ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ފުރިހަމަކޮށް އަވަސްކުރުމަކީ އޭގެ ތެރެއިން ވެސް އެންމެ މުހިންމު މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހާއްސަކޮށް އަންހެނުންނާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދޭން އެބަ ޖެހޭ. ތަހުގީގު އަވަސްކޮށް، ޝަރީއަތްތައް ހަލުވިކޮށް، އަވަހަށް އިންސާފު ގާއިމުކުރެވެން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ކޮވިޑް19 ގެ އަޑިގުޑަންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަދިވެސް ވަރަށް ދަތި އުނދަގޫ މަރުހަލާތަކެއް ކަޑައްތުކުރަން އެބަޖެހޭކަން ރައީސް މިއަދު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ކޮރޯނާވައިރަހާއެކު ރާއްޖޭގެ އިގްތިސޯދަށް އައި ހީނަރުކަމާއެކު، އާންމު ރައްޔިތުންގެ އަތްމަތި ދަތިވެ ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، އިޖުތިމާއީ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ ސީދާ ކޮވިޑާ ގުޅިގެން އަލަށް ކުރިމަތިވާން ފެށި މައްސަލަތައް ނޫން ކަމަށާއި އެފަދަ ގިނަ މައްސަލަތަކަކީ އެތައް ޒަމާނެއް ވަންދެން އެކަންކަމާ މެދު މާބޮޑު ސަމާލުކަމެއް ނުދީ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހުމުގެ ސަބަބުން ތިލަވަމުން އަންނަ މައްސަލަތައް ކަމަށެވެ.

"އެއީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ކަމަށް ވިޔަސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ގެވެށި އަނިޔާއާ، މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ވިޔަސް، މިއީ ހައްލު ނުކުރެވި މުޖުތަމައުގައި ހުރި ދުވަސްވީ މައްސަލަތައް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އިޖުތިމާއީ މިފަދަ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.

އަދި ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ، އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ މުއައްސަސާއަށް ވުމުން މިކަންކަން ހައްލުކުރުމުގައި ފުލުހުންގެ ދައުރު ބޮޑުވެފައި މުހިންމުކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މައްސަލަތައް ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ގާނޫނުތަކަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ފުލުހުންނާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާ ތައުލީމާ ތަމްރީނުވެސް އިތުރަށް ހޯދައިދޭން ޖެހޭ ކަމަށެވެ.

ހަމައެއާއެކު ފުލުހުންގެ ވެލްފެއާގެ ކަންކަން ހަރުދަނާ ކުރުމަށްވެސް، ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް