"ސިޔާސީ ކާމިޔާބީއާއި މީޑިއާގެ ގުޅުން"ގެ ނަމުގައި ފޮތެއް ނެރެފި

މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ މީޑިއާ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ލިޔުއްވާފައިވާ "ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" ފޮތް -- ސަން ފޮޓޯ

މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ މީޑިއާ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ލިޔުއްވާފައިވާ "ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" ފޮތް މިއަދު ނެރެދެއްވައިފި އެވެ.

މީޑިއާގެ ދާއިރާގައި 13 އަހަރު ހިދުމަތްކުރައްވާފައިވާ އިބްރާހިމް ލިޔުއްވި އެ ފޮތް ނެރެދެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

އެ ފޮތުގައި ސިޔާސީ ދާއިރާގައި ހަބަރާއި މައުލޫމާތުން ހޯދި ދާނެ ފައިދާތަކާއި ދެވިދާނެ ގެއްލުންތަކާއި ސަރުކާރެއްގައި ހަބަރާއި މައުލޫމާތު ފެތުރުމާއި މީޑިއާގެ ވަސީލަތްތަކުގެ މުހިންމުކަން އޮތް މިންވަރު ކިޔައިދެ އެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގެ މީޑިއާގެ ތާރީހަށް ވެސް އަލިއަޅުވާލާފައިވެ އެވެ. އަދި ސަރުކާރެއް ކާމިޔާބުކަމާ އެކު ހިންގުމުގައި މީޑިއާގެ ދައުރު ފޮތުގައި ބަޔާންކޮށްފައިވެ އެވެ.

ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި ބައެއް ބޭފުޅުން ވެރިކަން ހޯއްދެއްވުމަށް މީޑިއާ ބޭނުން ކުރެއްވި ގޮތާއި، ވެރިކަމުގައި މީޑިއާ ބޭނުންކުރެއްވި ގޮތްތަކާ ބެހޭ ގޮތުން ފޮތުގައި ލިޔެފައިވެ އެވެ. އެގޮތުން، ރައީސް މައުމޫން އަބްދުލްގާއްޔޫމާއި ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މީޑިއާގެ ބޭނުންކުރެއްވި ގޮތަށް ފޮތުގައި އަލިއަޅުވާފައިވެއެވެ.

"ސިޔާސީ ކާމިޔާބާއި މީޑިއާގެ ގުޅުން" ފޮތް ނެރެދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ޖުމުލަ 164 ސަފުހާގެ މި ފޮތުގައި 18 ޗެޕްޓަރު ހިމެނެއެވެ. މި ފޮތުގައި ފާހަގަކޮށްލެވޭ ޗެޕްޓާތަކުގެ ތެރޭގައި އަބުރު ކަތިލުން، ދުދޫމަތިން ދެކެވޭ ވާހަކަ، ސިޔާސީ ޗަރުކޭސް، ސިޔާސީ މަސްރަހުގައި މީހުން ބެހިގެންވާ ބާވަތްތައް، މައުލޫމާތު އާންމުކުރުމުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ތަފާތު، ނޫސްވެރިންނާ ސަރުކާރުގެ ގުޅުން، ސިޔާސީ އަދި ކަންނެތް ނޫސްވެރިކަން، ސަރުކާރުގެ ސިޔާސީ ކެމްޕޭން ފެށޭ ވަގުތު އަދި ތުހުމަތުތަކުން ބަރީއަވުން ހިމެނެއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކުރެވޭ ވިއްސަށް ވުރެ ގިނަ ބޭފުޅެއްގެ ވާހަކަ އެކި މިސާލުގެ ސިފަސިފައިގައި ފޮތުގައި ބަޔާންކޮށްފައިވެ އެވެ. އަދި ބަނައިލްއަގުވާމީ ގޮތުން ފާހަގަކުރެވޭ 12 ބޭފުޅެއްގެ ނަން ވެސް މި ފޮތުގައި ފާހަގަކޮށްފައިވެއެވެ.

"މި ފޮތް ހުށަހަޅައިދިނުމުގައި އިސްކަންދީފައި ވާނީ ބައިނަލްއަގުވާމީ ދުނިޔެއާއި ދިވެހިރާއްޖޭގައި ފަހުގެ ތާރީހުތަކުގައި ހިނގައިފައިވާ މުހިންމު ހާދިސާތަކާއި، ފާހަގަކުރެވޭ އެކިއެކި ޝަހުސިއްޔަތުތަކުން މިސާލު ނަގައިގެން ވަކި ފަރާތަކަށް ބުރަވުމެއް ނެތިއެވެ." ފޮތުގެ ފެށުމުގެ ބަހުގައި އިބްރާހީމް ލިޔުއްވައިފައިވެއެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި، އެ ފޮތަކީ މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، ސިޔާސީ ކަންކަމަށް ޝައުގުވެރިވާ މީހުންނަށާއި، ސަރުކާރުގައި މީޑިއާގެ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ކިޔަވާ ކުދިންނަށް ގިނަ މައުލޫމާތުތަކެއް ލިބިގެންދާ ފޮތެކެވެ.

އޭނާ ވިދާޅުވީ، އެ ފޮތް ބައެއް ބްކްޝޮޕްތަކުން ލިބެން ހުންނާނެ ކަމަށެވެ.

އިބްރާހިމަކީ ހެރިއޮޓް ވޮޓް ޔުނިވާސިޓީގެ ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރައްވައި ބޭރު ގައުމުތަކުގައި މީޑިއާގެ ދާއިރާއިން ތައުލީމާއި ތަމްރީނު ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ މީޑިއާގެ ދާއިރާއަށް ނުކުމެވަޑައިގެންނެވީ ރައީސް މައުމޫނުގެ ވެރިކަމުގެ އެންމެ ފަހު އަހަރުތަކުގައެވެ. އެ މުއްދަތުގެ ތެރޭގައި ނޫސްވެރިކަމުގެ މަސައްކަތުގައި އުޅުއްވަނިކޮށް ދެ ފަހަރަށް ހައްޔަރުކޮށް، އެއް ފަހަރު ޖަލުގައި ބަންދުކުރިއެވެ. އިބްރާހީމަކީ 2008 ވަނަ އަހަރު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލެވުނު ޕާކިސްތާނުގެ އާންމު އިންތިހާބުގައި ހަރަކާތްތެރިވި ބައިނަލްއަގުވާމީ އެންމެ ހަގު އޮބްޒާވަރުވެސްމެއެވެ.

comment ކޮމެންޓް