ކޮވިޑް19ގެ އާ އާންމު ހާލަތުގައްޔާއި ކޮވިޑް19 އަށްފަހު ވިޔަފާރިތައް ހިންގުމާ ގުޅޭ ވެބިނާއެއް ދިރާގުން ބާއްވައިފި އެވެ.
ރާއްޖޭގެ 120 ވިޔަފާރިއަކުން ބައިވެރިވި މި ވެބިނާ ޖޫން 25 ވަނަ ދުވަހު ބާއްވަފައިވާ އިރު ދިރާގުން ބުނީ ނިއުނޯމަލްގައި ދިމާވާނެ ގޮންޖެހުންތަކާ ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ބަދަލު ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި ވެބިނާގައި ދިރާގުން ވަނީ ކޮވިޑް19ގެ ފުރަބަންދުގެ ހާލަތުގައި ދިރާގުން މަސައްކަތްތައް ކުރިއަށްގެން ދިޔަ ގޮތާއި ފުރަބަންދަށް ދިން ލުއިތަކާއެކު އާ އާންމު ހާލަތުގައި އެކުންފުނީގެ މަސައްކަތްތައް ކުރިއަށްގެންދަން ރާވާފައިވާ ގޮތްތަކާ ގުޅޭ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާ ކޮށްފަ އެވެ.
އެގޮތުން ޓެކްނޮލަޖީގެ އެހީގައި މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިރާގުން ހިދުމަތް ދިން ގޮތް ހިއްސާ ކޮށްފައިވެ އެވެ.
މި ވެބިނާގެ ތެރެއިން ދިރާގުން ވަނީ "ކްލައުޑް ކޮލަބްރޭޝަން ސުއިޓް"އެއް ތައާރަފުކޮށްފަ އެވެ. އެ ކުންފުނިން ބުނީ ޑިޖިޓަލްކޮށް މަސައްކަތް ކުރުމަށް މި ޕްލެޓުފޯމާ އެކު ފަސޭހަތައް ލިބޭނެ ކަމަށެވެ.
މި ވެބިނާގައި ދިރާގުގެ އެކްޒެކެޓިވް ޓީމުން ބައިވެރިވި އެވެ.
ދިރާގުން ބުނީ ކޮވިޑް19ގެ ހާލަތުގައި ޓެކްނޮލަޖީއާ އެކު އެ ކުންފުނިން ކަސްޓަމަރުންނާއެކު އޮންނަ ގުޅުން ބަދަހިކޮށް ރަނގަޅު ހިދުމަތެއް ދިން ކަމަށެވެ.