ކޭއާރުއެޗުގައި ޕީސީއާރު ޓެސްޓު ހަދަން ފަށައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް -- ފޮޓޯ: ކުޅުދުއްފުށި ލައިވް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދަން ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލުގެ ލެބް ޓެކްނޮލޮޖިސްޓުން އައިޖީއެމްއެޗުގައި ތިން ހަފްތާގެ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ.

ކޭއާރުއެޗުގައި ހުރި ޕީސީއާރު މެޝިނުން ދުވާލަކު 72 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެ ހޮސްޕިޓަލުން ބުނީ މިވަގުތު އެކަމަށް ބޭނުންވާ ތަމްރީނު ފުރިހަމަ ކޮށްފައި ވަނީ ދެ ލެބް ޓެކްނޮލޮޖިސްޓުން ކަމަށް ވާތީ ފުލް ކެޕޭސިޓީގައި އަދި އޮޕަރޭޓް ނުކުރެވޭނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މުވައްޒަފުން ތަމްރީނު ވެގެން ދާނެ ކަމަށެވެ.

ޑަބްލިއު އެޗްއޯއިން ފަންޑު ކޮށްގެން ކުރިއަށް ގެންދިޔަ ޕީސީއާރު ލެބްގެ މަސައްކަތް ކޮށްފައި ވަނީ ވޭވް ލެންތު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ.
ޕީސީއާރު މެޝިންއާއި ގުޅޭ ސާމާނުތައް 17 ޖޫންގައި ކޭއާރުއެޗަށް ވަނީ ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"މިދިޔަ ހަފްތާއިން ފެށިގެން މެޝިން ވެލިޑޭޓް ކުރުމުގެ މަސައްކަތް ކޮށް އޮންލައިންކޮށް އިތުރު ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވާނެ. މިހާރު މި ހޮސްޕިޓަލުން ވެސް ރިއަލްޓައިމް ޕީސީއާރު ޓެސްޓް ކުރެވޭނެ. މިއީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަން ޔަޤީން. ކުރިއަށް އޮތްތަނުގައި ޖީން އެކްސްޕަރޓް ކާރޓްރިޖްތައް ވެސް މި ކޮޅަށް ލިބޭނެ. ޖީން އެކްސްޕަރޓް މެޝިންއިން ޓެސްޓް ކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ހުރީ ނިމިފައި." އެ ހޮސްޕިޓަލުން ބުންޏެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް މިހާރު ޕީސީއާރު ޓެސްޓު ހަދަން ފަށާފައިވާ އިރު، ށ. އަތޮޅު ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ގއ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ސާމާނު ވަނީ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް