ވަޒީފާ ގެއްލުނު 2،507 މީހުންނަށް މިހާތަނަށް ޖުމްލަ 10 މިލިއަން ދީފި

ޖޫން 8، 2020: ނިއު ނޯމަލް އާއި އެކު މާލޭގެ މަޖީދީމަގު ބާރު ބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުން ދެމުން ގެންދާ އެހީގެ ތެރެއިން މިހާތަނަށް 2،507 މީހަކަށް އިންކަމް ސަޕޯޓް ދިނުމަށް 10.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން ދޭ އިންކަމް ސަޕޯޓް އެލަވަން ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޖޫންމަހުގެ ތެރޭގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި ދިނުމަށް 5.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ 1،450 މީހުންނަށް އިންކަމް ސަޕޯޓް ދިނުމަށް ކަމަށް ހޫދު ވިދާޅުވި އެވެ.

މިމަހުގެ ތިންވަނަ ދުވަހާ ހަމައަށް 2،507 މީހަކަށް އިންކަމް ސަޕޯޓް ދީފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ. އެކަމަށް 10.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންކަމަށް މިނިސްޓަރު އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެންސްޕާ މެދުވެރިކޮށް ދޫކުރެވޭ މި ފައިސާ ހަވާލުކުރެވެނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް-19 ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާއިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތައް އަދި މުސާރަ ނުލިބޭގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާލެވިއިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށެވެ.

މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް، މޭ އަދި ޖޫން މަހަށެވެ.

comment ކޮމެންޓް